ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ، ކައުންސިލްތަކުގެ ބައެއް ބާރުތައް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލު ފާސްކޮށްފައެވެ. އެ ބިލު ފާސްކޮށްފައި ވަނީ، ގިނަ ކައުންސިލުތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.
އެ އިސްލާހުތައް ދިފާއު ކުރައްވައި، މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ރައީސް ކޮށްދެއްވާ ކަންތައްތައް ކިޔައިދެއްވާފައެވެ.
އެގޮތުން، ކައުންސިލްތަކަަށް ފަޅުރަށްތައް ދެއްވުމާއި ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރެއްވުމާއި ކައުންސިލުން ހުށަހަޅުއްވާ ގޮތަަށް ކަންކަން ނިންމަވައިދެއްވުމާއި މަޝްރޫޢުތަކަށް ކައުންސިލްތަކުން ހުށަހަޅުއްވާ ބަދަލުތައް ގެނެސްދެއްވުމަކީ ކައުންސިލްތައް ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ހޯއްދަވައިދެއްވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްފުޅުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރުކަމާއެކުކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ކޮމިޓީން ރޭ ބިލު ފާސްކުރީ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެންމެ 19 ގަޑިއިރަށް ހުޅުވާލުމަށް ފަހުއެވެ.
ބިލުގައިވާ އިސްލާހުގައިވާ ގޮތުން ނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.
އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.
މީގެ އިތުރުން އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އަހަރު ދުވަހެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށެވެ. އެއީ:
- ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން.
- ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން.
- ކައުންސިލްތަކަށް އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން.