އެސްޓީއޯއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިންގި ސްމާޓު ސްޓޯރު ފާމަސީއަކަށް ބަދަލުކޮށް، އިއްޔެ އެތަނުން ޚިދުމަތް ދޭން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ، ފާމަސީ ހުޅުވުމުގެ މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯގެ ސިއްހީ ޚިދުމަތްތައް ފަސޭހަކަމާ އެއްކޮށް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
އެގޮތުން، އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، މި ފާމަސީން ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރަށް ނެޕީއާއި ކޮސްމެޓިކްސް ފަދަ ތަކެތި ވިއްކާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މި ފާމަސީ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8:00އިން ފެށިގެން މެންދަމު 12:00އާ ހަމައަށެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ހުޅުވި ބޭސް ފިހާރައިގެ އެތެރެ: އެތަނުގައި ކުރިން ހިންގީ އެސްޓީއޯގެ ސްމާޓު ސްޓޯރު ---- ފޮޓޯ/ އެސްޓީއޯ
'އެސްޓީއޯ ފާމަސީ ސެންޓަރު'ގެ ނަމުގައި ހުޅުވި މި ބޭސް ފިހާރައިން ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ޚިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުން ވެސް ޚިދުމަތް ދޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.
ސްމާޓް ސްޓޯރު ހިންގި ތަނުގައި ފާމަސީއަށް ހުޅުވާނެކަން އިއުލާނުކުރީ އެސްޓީއޯގެ 2024ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ.
އޭރު ޝިމާދު ވިދާޅުވީ، އެތަން ފާމާސީއަކަށް ބަދަލުކުރުމަށް ނިންމީ ހުޅުމާލޭ ހޮސްޕިޓަލަށް ދާ ބަލި މީހުންނަށް ރަނގަޅު ފެންވަރުގައި ޚިދުމަތް ދޭނެ ފާމަސީއެއް ނެތް ކަމަށް ބުނެ ކުރަމުން އަންނަ ޝަކުވާތަކާ ގުޅިގެން ކަމަށެވެ.
ސްމާޓް ސްޓޯރު ފާމާސީއަކަށް ބަދަލުކުރި ނަމަވެސް، އެތަނާ ކައިރީގައި ހުންނަ އެސްޓީއޯގެ ފާމަސީ ހިންގާނެ ކަމަށް ޝިމާދު ވިދާޅުވިއެވެ. އެއީ، މިހާރަށް ވުރެ ފުޅާކޮށް، އަވަސް ޚިދުމަތެއް ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.