ރަންފަރު ފަޅަކީ މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފި

އއ. މާޅޮސް

އއ. މާޅޮހުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ރަންފަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ކަނޑައަޅުއްވައިފިއެވެ.

މިއީ މީގެ ކުރިން ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ގެންނެވި ބަދަލެކެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މިގޮތަށް ކަނޑައެޅުއްވީ އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން އެކަށައެޅުއްވި ޤަރާރު ނަންބަރު 20/2025 ގައި ކަމަށެވެ.

މި ގަރާރުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ "ރަންފަރު" ފަޅަކީ އެ އަތޮޅުގެ "މާޅޮސް"ގެ ބައެއްގެ ގޮތުގައި އިތުރުކުރައްވައި، އަރިއަތޮޅު އުތުރުބުރީ "ރަންފަރު"ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ކަނޑައަޅުއްވާފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޖަދުވަލުގައި ހިމަނައިފައިވާ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ މި ޤަރާރާއެކު އަދާހަމަ ކުރައްވައިފައެވެ.

މާޅޮހުގެ ބައެއްގެ ގޮތުގައި ރަންފަރު ކަނޑައަޅައިދެއްވުމަކީ، މިދިޔަ ޑިސެމްބަރު މަހު ރައީސް އެއަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ރަންފަރު ފަޅަކީ މާޅޮހުގެ ބައެއްކަމުގައި ކަނޑައެޅުމުގެ އެދުން ހުށަހެޅީ، އެ ފަޅުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ލުއިފަސޭހަތައް ފޯރުކޮށްދިނުމާއި، އިދާރީ ގޮތުން ކުރިމަތިވާ ދަތިތައް ހައްލުކުރުމުގެ މަގުސަދުގައެވެ.

comment ކޮމެންޓް