ޔުމްނު ވެއްޓުނު މައްސަލަ: ޖިނާއީ ތަހުގީގު ހިންގާތޯ އިހުސާނާ ސުވާލުކުރަނީ

ހޯމް މިނިސްޓަރު އިހުސާން: ޔުމްނު ވެއްޓުނު މައްސަލަ ބެލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ޖިނާއީ ތަހްގީގެއް ހިންގަންޖެހޭ މީހުންގެ މައްޗަށް ތަހުގީގު ހިންގާތޯ އިހުސާނާ ސުވާލުކުރަން ކުޑޫ ވަނީ ހުށަހަޅުއްވާފައި -- ފޮޓޯ/ މަޖިލިސް

ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ބެލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތަށް، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާތޯ ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުން ހޯމް މިނިސްޓަރު އަލީ އިހުސާނާ ސުވާލުކުރަން ހުށަހަޅައިފިއެވެ.

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވީ، ޔުމްނު ވެއްޓުނު މައްސަލަ ބެލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަންޖެހޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ މައްޗަށް ފުލުހުން ތަހުގީގެއް ހިންގަމުންދޭތޯ އާއި އެ ތަހުގީގުގެ އަދާހަމައާ ގުޅޭ ގޮތުން ސުވާލުކުރުމަށެވެ.

މި ސުވާލުގެ ޖަވާބު ހޯދުމަށް ކުޑޫ އެދިވަޑައިގަތީ ލިޔުމުންނެވެ.

ހ. ފެންޓެނޯއީ ގެއިން މިޓާޒް ގޭގެ މައްޗަށް ޔުމްނު ވެއްޓުނީ މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހެވެ.

އެ ހާދިސާ ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން ޖޫން މަހުގެ 17 ވަނަ ދުވަހު އާއްމުކުރި ތަހުގީގީ ރިޕޯޓުން އެނގޭ ގޮތުގައި ރިޔާސީ ކޮމިޝަނުން ނިންމާފައިވަނީ، ޔުމްނު ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށާއި އެކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ވެސް ނުބެލެވޭ ކަމަށެވެ.

އެ ރިޕޯޓުގައި ވަނީ ކޮމިޝަނަށް ފާހަގަވި ކަންކަން ބަޔާންކޮށް އެކަންކަން ރަނގަޅު ކުރުމަށް ލަފާދީފައެވެ. އެގޮތުން ކޮމިޝަނުން ފުލުހުންގެ މައްސަލަތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ:

  • ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަހުގީގުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުން. އެހެންކަމުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވުން.
  • ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައިނުވުން އަދި ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވުން.
  • މައްސަލައިގައި އެންމެ މުހިންމު އެއް ތަންކަމުގައިވާ ޔުމްނު އޮތް މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައި ނުވުމާއި، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތުމާއި، ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވުން.

އެ ރިޕޯޓުގައި، ޔުމްނުއަށް ފުރަތަމަ ފަރުވާ ދިން އައިޖީއެމްއެޗްގެ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޔުމްނުއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށްޓަކައި އައިޖީއެމްއެޗްގެ އައިސީޔޫއިން، އައިޖީއެމްއެޗްގެ އެފްޕީޔޫއަށް އެންގުމަށް ފަހު، އެފްޕީޔޫގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލައިފައިވުމެވެ.

މެންބަރު މުހައްމަދު އިބްރާހިމް: ޔުމްނު ވެއްޓުނު މައްސަލަ ބެލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ޖިނާއީ ތަހްގީގެއް ހިންގަންޖެހޭ މީހުންގެ މައްޗަށް ތަހުގީގު ހިންގާތޯ ސުވާލުކުރަން ވަނީ ހުށަހަޅުއްވާފައި -- ފޮޓޯ/ މަޖިލީސް

އެ މައްސަލައިގައި އިހުސާނާއި ޓްރާންސްޕޯޓް މިނިސްޓަރަށް ވެސް ނުފޫޒު ފޯރުވުމުގެ ތުހުމަތުތަކެއް އަމާޒުވިއެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން އޭރު ހުރި އަހުމަދު ދާއޫދު ދޮގު ބަޔާނެއް ދިން ކަމަށެވެ. އަދި ހާދިސާ ހިނގި ދުވަހު އެކި ފަހަރުމަތިން ދާއޫދު އިހުސާނާ ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

ދާއޫދަކީ ޔުމްނުއާއެކު ފެންޓީނިއާގޭގައި އުޅުނު އަދި މި މައްސަލައިގައި ހައްޔަރުކޮށް ދައުވާކުރި ހަމައެކަނި މީހާ ކަމަށްވާ ރައުދު އަހުމަދު ޒިލާލްގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓް އާންމުކުރި ފަހުން ދާއޫދު ވަނީ މަގާމުން ވަކިކޮށްފައެވެ.

އެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާ ގުޅޭ ގޮތުން ރިޕޯޓުގައި ބުނެފައިވަނީ، ތަހުގީގު ކުރިއަށް ދަނިކޮށް އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް އަމީން ގުޅުއްވުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށާއި ނަމަވެސް އޭގެ ސަބަބުން ތަހުގީގަށް އަސަރު ނުކުރާ ކަމަށެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރާތާ ހަތަރު މަސް ދުވަސް ވާން ކައިރިވެފައިވާއިރު، އެ މައްސަލައިގައި އޭނާގެ ބަޔާން އަދިވެސް ނުދެއެވެ.

އެ ހާދިސާއާ ގުޅިގެން ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ, އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު, އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ އޭޕްރީމް މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.

comment ކޮމެންޓް