އުއްތަމަފަނޑިޔާރު ކަމަށް އަބްދުލްޣަނީ މުހައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އަބްދުލްޣަނީ އެ މަގާމަށް އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ޢަބްދުލްޣަނީއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
މި ފަހުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުލްޣަނީ ވަނީ މީގެ ކުރިން އިސްލާމިކް ޔުނިވާސިޓީގައި ކިޔަވައިދެއްވައިފައެވެ.
އަބްދުލްޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން ޖުޑީޝަރީގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން، މަދަނީ ކޯޓުގެ ގާޒީ ކަމަށް ފަހު ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، އޭގެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވުމުގެ އިތުރުން، ޖޭއެސްސީގެ ރައީސްކަމުގެ މަގާމު ވެސް ފުރުއްވިއެވެ.
އަބްދުލްޣަނީ ވަނީ 2000 ވަނަ އަހަރު އަލް-އަޒްހަރު ޔުނިވާސިޓީން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް އިން އޮނާސް ޑިގްރީ އެއް ފުރިހަމަކުރައްވައި، 2022 ވަނަ އަހަރު އިސްލާމިކް ޔުނިވާސިޓީގައި މާސްޓާސް އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީން މާސްޓާސް ހާސިލްކުރެއްވުމަށް ފަހު، ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިން މިދިޔަ އަހަރު ފުރިހަމަކުރައްވައިފައެވެ.
މިހާރު އަބްދުލްޣަނީ ގެންދަވަނީ އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.