ޗުއްޓީ ހޭދަކުރަން ޚާއްސަ ގެ އެޅުމަށް އެޗްޑީއެފްސީން ފައިނޭންސް ފެސިލިޓީއެއް ތައާރަފުކޮށްފި

ޗުއްޓީ ހޭދަކުރަން ޚާއްސަ ގެ އެޅުމަށް 'ހޮލިޑޭ ހޯމް ފައިނޭންސިން'ގެ ނަމުގައި، އެޗްޑީއެފްސީން ވަނީ ފައިނޭންސް ފެސިލިޓީއެއް ތައާރަފުކޮށްފައި -- ފޮޓޯ/ އެޗްޑީއެފްސީ

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން, ޗުއްޓީ ހޭދަ ކުރަން ޚާއްސަ 'ހޮލިޑޭ ހޯމް' ހަދަން ބޭނުންވާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށްފިއެވެ.

އަމިއްލަ ގެދޮރު ބިނާކުރުމަށް ބޭނުންވާ މީހުންނަށް ލޯނު ފޯރުކޮށްދޭ އެޗްޑީއެފްސީން ނެރުނު ބަޔާނެއްގައި ބުނީ، 'ހޮލިޑޭ ހޯމް ފައިނޭންސިން'ގެ ދަށުން އެ މީހަކު ދިރިއުޅޭ ގޭގެ އިތުރަށް ޗުއްޓީ ހޭދަކުރަން ޚާއްސަ ގެއެއް ބިނާކޮށް، އެ ގެ ކުއްޔަށް ވެސް ދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ހޮލިޑޭ ހޯމްގެ ގޮތުގައި ކަނޑައަޅަނީ ބެޑްރޫމް އަދި އެޓޭޗްޑް ލިވިން އަދި ކިޗަން ހުންނަ ގޮތަށް ޑިޒައިންކޮށްފައި ހުންނަ ތަންތަން. މިއީ ޗުއްޓީ ހޭދަކޮށްލަން ދިއުމަށް ޚާއްސަ ތަންތަން. މިފަދަ ހޮލިޑޭ ހޯމް ބިނާ ކުުރމަށްފަހު ކުއްޔަށް ވެސް ދެވޭނެ،" އެ ބަޔާނުގައިވެއެވެ.

ހޮލިޑޭ ހޯމް ފައިނޭންސްއަށް އަމިއްލަ ގޮތުން ނުވަތަ އިތުރު ބަޔަކާ ގުޅިގެން 'ޖޮއިންޓް އެޕްލިކޭޝަން' ވެސް ހުށަހެޅޭނެއެވެ. މި ފެސިލިޓީގެ އިންޓްރެސްޓް ރޭޓަކީ 12.25 ޕަސެންޓް ކަމަށްވާއިރު، ފައިސާ އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

އެ ފައިނޭންސް ފެސިލިޓީ ހޯދުމަށް ރަހުނުގެ ގޮތުގައި، ކުއްޔަށް ނަގައިފައިވާ ބިން ނުވަތަ އެހެން ބިމެއް ވެސް ރަހުނު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެ ލޯން ލިބުމުގެ ޝަރުތުތަކުގެ ތެރެއިން އެ މީހަކަށް ލިބޭ އާމްދަނީގެ ގޮތުގައި ބަލައިގަންނާނެ ބާވަތްތަކަކީ މުސާރައާއި ކުލިން ލިބޭ އާމްދަނީއާއި ވިޔަފާރިން ލިބޭ އާމްދަނީއެވެ.

އެޗްޑީއެފްސީން ވަނީ ގެދޮރު މަރާމާތު ކުރުމަށާއި ގެއަށް ފަރުނީޗަރު ގަންނަން ދޭ ލޯނެއްގެ ގޮތުގައި 'ލައިޓް ފައިނޭންސް' ސްކީމް ތައާރަފުކޮށްފައެވެ. އެއީ އެ ކޯޕަރޭޝަނުން ރަހުނަކާ ނުލައި ދިނުމަށް ތައާރަފުކުރި ފުރަތަމަ ޕްރޮޑަކްޓުކަން އެޗްޑީއެފްސީން ފާހަގަކުރިއެވެ.

"ލައިޓް ފައިނޭންސިން މިއީ އަޅުގަނޑުމެންގެ ހޯމް އިމްޕްރޫވްމެންޓް ފައިނޭންސިންގެ ސަބް ޕްރޮޑަކްޓެއް. ތަފާތަކީ ރަހުނަކާ ނުލައި ފަސޭހައިން ލިބޭކަން. މިސާލަކަށް ބޭނުންވަނީ ބަދިގެ ކަބަޑުސެޓު ބަދަލުކޮށްލަން ނޫނީ އާ ސޯފާއެއް ގަނެލަން، ލައިޓް ފައިނޭންސިންއިން މިކަންކަމަށް ބޭނުންވާ ފައިނޭންސިން ނެގިދާނެ،" އެ ކޯޕަރޭޝަނުގެ ބަޔާނުގައިވެއެވެ.

އިސްލާމީ ޝަރީއާގެ ތެރެއިން ދޭ ފައިނޭންސިން ފެސިލިޓީތައް ވެސް ތައާރަފުކޮށްފައިވާ އެޗްޑީއެފްސީން ބުނީ 'ލައިޓް ފައިނޭންސިން'ގެ އިސްލާމިކް ފެސިލިޓީއެއް ވެސް ވަރަށް އަވަހަށް ތައާރަފު ކުރާނެ ކަމަށެވެ.

ލައިޓް ފައިނޭންސިންގެ އިންޓްރެސްޓް ރޭޓަކީ 15 ޕަސެންޓް ކަމަށްވާއިރު މި ލޯނު އަނބުރާ ދައްކަން އެންމެ ގިނަވެގެން ދޭނީ ފަސް އަހަރެވެ.

އެ ފެސިލިޓީ ދިނުމަށް ބަލާ ޝަރުތަކީ، ވިދިވިދިގެން 12 މަސް ދުވަހުގެ މުސާރަ ޖަމާވެފައިވުމެވެ. އެ ފެސިލިޓީގެ ދަށުން 50،000 އާއި ފަސް ލައްކަ ރުފިޔާއާ ދެމެދުގެ ލޯނެއް ލިބޭނެއެވެ.

އެޗްޑީއެފްސީން އަބަދުވެސް މަސައްކަތް ކުރަނީ ގެދޮރުވެރިކަމާ ގުޅުންހުރި ހައްލުތައް، އެއިރަކު މީހުން ބޭނުންވާ ގޮތަށް ފޯރުކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީއެފްސީން ލިބިދޭ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ވެބްސައިޓު މެދުވެރިކޮށާއި 3334666އަށް ގުޅައިގެން ސާފުކުރެވޭނެއެވެ.

comment ކޮމެންޓް