އިންތިޚާބުން 80 ޕަސެންޓު ލިބޭނެ، ދެން ތިބޭނީ ޕީއެންސީ ކައުންސިލަރުން: ފަލާހް

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް: ވިދާޅުވީ އަންނަ ކައުންސިލް އިންތިޚާބަށް ފަހު ތިބޭނީ ޕީއެންސީ މެންބަރުން ކަމަށާއި، އިންތިޚާބުން އެ ޕާޓީ 80 ޕަސެންޓު ނަގާނެ ކަމަށް -- ފޮޓޯ/ މަޖިލީސް

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ސާފު އަޣުލަބިއްޔަތު ނަގާނީ ވެރިކަންކުރާ ޕީއެންސީން ކަމަށް އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހުތިސާސްގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ކޮމިޓީން ފާސްކުރަން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ، ރަށްރަށުގައި ގިނައީ ޕީއެންސީ ފިކުރުގެ ކައުންސިލަރުން ކަމަށާއި ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

ފަލާހު ވިދާޅުވީ، ކައުންސިލްތަކުގެ ފަސް އަހަރުގެ ދައުރުގެ ތެރެއިން ކޮންމެ ކައުންސިލެއް ވެސް ހަތަރު އަހަރު މަސައްކަތްކުރުމަށް ފަހު، ފަހު އަހަރު ކައުންސިލު އިންތިޚާބަށް މަސައްކަތް ފަށާ ކަމަށެވެ. އޭނާ ވިދާޅުވީ، މި އިސްލާހުގެ ދަށުން ހުއްޓުވަނީ ކައުންސިލް އިންތިޚާބު ހޯދުމަށްޓަކައި ދައުރުގެ ފަހު އަހަރު މުވައްޒަފުން ނެގުން ފަދަ ކަންކަން ކަމަށެވެ.

"އެ ބޭފުޅުންނަށް (އެމްޑީޕީއަށް) އެނގޭނެ، الله ގެ ހެޔޮ ރަހުމަތްފުޅުން މި އަންނަ އަހަރު މި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބު ޝައްކެއް ނެތް، 80 ޕަސެންޓު ކާމިޔާބުކުރާނީ ޕީއެންސީން، އަޅުގަނޑުމެންގެ ކައުންސިލަރުން ތިބޭނީ،" ފަލާހު ވިދާޅުވިއެވެ.

https://sun.mv/209543

އޭނާ ވަނީ ބިލާ ދެކޮޅަށް ކައުންސިލްތަކުން ބަޔާން ނެރުމަށް އެމްޑީޕީން ލާރި ފޮނުވާފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.

"އަޅުގަނޑަށް އެނގޭތީ މި ދެންނެވީ، ގާތްގަނޑަކަށް 20 އަށް 25 އަށް ކައުންސިލުން އިއްޔެ ވެސް ގުޅާފައި ބުނި އެމްޑީޕީން ލާރި އެބަ ހުށަހަޅައޭ މިއާ ދެކޮޅަށް ބަޔާން ނެރެދޭށޭ ކިޔާފައި،" އޭނާ ތުހުމަތުކުރެއްވިއެވެ.

ލާމަރުކަޒީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި އެ އިސްލާހުތައް ފާސްކުރުމަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދެވެ. އެ ކޮމިޓީގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ފިޔަވައި ދެން ތިބި ޕީއެންސީ މެންބަރުންގެ އަޣުލަބިއްޔަތުން އެ ބިލު ވަނީ ކޮމިޓީން ފާސްކޮށްފައެވެ.

މި ބިލާ ދޭތެރޭ ވަރަށް ގިނަ ބަޔަކު، ވަކިން ޚާއްސަކޮށް ބައެއް ކައުންސިލްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކާ އެމްޑީޕީން އަބަދު ވެސް ދިޔައީ ދެކޮޅު ހަދަމުންނެވެ. އަދި، އެ ޕާޓީން ވެރިކަމުގައި އޮވެ، ފައްކާކުރި ލާމަރުކަޒީ ދާއިރާ މި ސަރުކާރުން ފުނޑާލަން އުޅުމުގެ ގޮތުގައި ސިފަކުރެއެވެ.

https://sun.mv/209530

އިސްލާހުގައިވާ ގޮތުންނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ. އަދި، ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.

އަދި، ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.

މީގެ އިތުރުން, އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށެވެ. އެއީ:

  • ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން.
  • ކައުންސިލްގެ އިހުތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން.
  • ކައުންސިލްތަކަށް އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން.
comment ކޮމެންޓް