އެކްސްގެ ސީއީއޯކަމުން ވަކިވި، ލިންޑާ ޔަކަރީނޯ ހެލްތު ޓެކް ކުންފުންޏެއްގެ ވެރިއަކަށް

އެކްސް ގެ ކުރީގެ ސީއީއޯ ލިންޑާ ޔަކަރީނޯ ---

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު، ލިންޑާ ޔަކަރީނޯ ހެލްތު ޓެކްގެ ދާއިރާއިން ފުރުސަތު ހޯއްދަވައިފިއެވެ.

އޭނާ ހަމަޖައްސާފައިވަނީ, ހަކުރު ބަލި ހުންނަ މީހުންނަށް ބަރުދަން ލުއިކުރަން މަސައްކަތް ކުރާ މީހުން ބޭނުންކުރާ ބޭހެއް ކަމަށްވާ ޖީއެލްޕީ-1އަށް ޚާއްސަ ޓެކް ޕްލެޓްފޯމެއް ތަރައްގީކުރާ އޭއައި ސްޓާޓަޕް، އީމެޑް ޕޮޕިއުލޭޝަން ހެލްތުގެ އާ ސީއީއޯގެ މަގާމަށެވެ.

ޔަކަރީނޯއަކީ އެކްސް އާ ގުޅިވަޑައިގަތުމުގެ ކުރިން، އެންބީސީ ޔުނިވާސަލްގެ އިޝްތިހާރުކުރުމުގައި ގިނަ ދުވަހު މަސައްކަތްކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

އެކްސްގެ ސީއީއޯގެ މަގާމުގައި ދެ އަހަރު ހޭދަކުރެއްވިއިރު، އީލޮން މަސްކާއެކު ކޮންޓެންޓް މޮޑަރޭޝަން މަދުކުރުމުގެ ސިޔާސަތު ގެންގުޅުއްވި ނަމަވެސް، އެ ކުންފުންޏަށް އިޝްތިހާރުން އާމްދަނީ ހޯދުމުގެ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުމަށް އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ޔަކަރީނޯއަށް ހެލްތު ޓެކްގެ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައި ނުވި ނަމަވެސް، އީމެޑުން ބުނީ އޭނާ އެ މަގާމަށް ހޯދީ "އާ ޕާޓްނަޝިޕްތައް ގާއިމުކޮށް، އެ ކަންކަން ކާމިޔާބުކުރުމުގައި އޭނާގެ ހުނަރު" ބޭނުންކުރުމަށް ކަމަށެވެ.

މީގެ އިތުރުން، އެކްސްގައި ހޭދަކުރެއްވި ދުވަސްވަރުގެ ސަބަބުން ޓެކް ދުނިޔޭގައި އޭނާ މަޝްހޫރުވެފައިވުމަކީ އީމެޑް ފަދަ ސްޓާޓަޕަކަށް އިތުރު ސަމާލުކަމެއް ލިބޭނެ ކަމެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.

އީމެޑްއަކީ ކޮވިޑް-19އަށް ގޭގައި ތިބެގެން ޓެސްޓުކުރާ ރެޕިޑް އެންޓިޖެން ޓެސްޓުތައް ރަނގަޅަށް ބޭނުންކުރުމަށް މަގުދައްކައިދޭ ޓެކް ޕްލެޓްފޯމެއް އުފެއްދި ކުންފުންޏެކެވެ. ނަމަވެސް މިހާރު އެ ކުންފުނީގެ މައިގަނޑު އަމާޒަކީ އޮޒެމްޕިކް ފަދަ ޖީއެލްޕީ-1 ގެ ގިންތީގެ ބޭސްތަކެވެ. މި ބޭސްތަކަކީ ހަށިގަނޑުގެ ބަރުދަން މެނޭޖްކުރުމަށާއި ޓައިޕް 2ގެ ހަކުރުބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭސްތަކެކެވެ.

އީމެޑާ ގުޅޭ ގޮތުން ޔަކަރީނޯ ވިދާޅުވީ، މިއަދުގެ ހެލްތުކެއާ މާކެޓްގެ ލީޑަރަކަށް ވުމަށްޓަކައި ކުންފުނިތަކުން އަޒުމު ވަރުގަދަ ކުރަން ކަމަށެވެ. އެގޮތުން ހަމައެކަނި ކުރިއަރައިގެން ދިއުމަށް މަސައްކަތްކުރުމުގެ ބަދަލުގައި، މުޅި އިންޑަސްޓްރީއެއް އަލުން ބައްޓަންކުރުމަށް ކުރިމަތިލުމުގެ ހިތްވަރު ވެސް ހުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިންގިލާބީ ޚިދުމަތްތަކާއި ޕްލެޓްފޯމްތަކުގެ ތެރެއިން ދުނިޔޭގެ ސިއްޙީ ނަތީޖާތައް ރަނގަޅުކުރުމުގެ އަޒުމުގައި އަޅުގަނޑުމެން މިތިބީ ވަރަށް ރަނގަޅު ހިސާބެއްގައި." ޔަކަރީނޯ ވިދާޅުވިއެވެ.

ޔަކަރީނޯ މިދިޔަ ޖުލައި މަހު އެކްސްގެ ސީއީއޯގެ މަގާމުން ވަކިވުމަށްފަހު، ކުންފުނިން ވަކިވި ސަބަބެއް ހާމަކޮށްފައިނުވެއެވެ.

comment ކޮމެންޓް