މައި އިދިކޮޅު އެމްޑީޕީގެ މުހިންމު ހަރަކާތްތަކަށް ބޭނުންކުރާ ދަނޑިކޮށި ޖަގަހައިގެ ދޮރު ހަލާކުކޮށްލި މައްސަލައިގައި ހައްޔަރުކުރި މ. ސްޓާ / މުހައްމަދު ރަޒީން (49އ)، 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އެމްޑީޕީގެ ޖަގަހައަށް ގެއްލުންދިން ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަންވަރު 1:30 ހާއިރެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ގެއްލުން ދީ، ފަޅާލާފައި ވަނީ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގެ ބޮޑު ދޮރެވެ. ހަމަ އެ ދުވަހު ރަޒީން ހައްޔަރުކޮށް ދޫކޮށްލުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން ޖެހިގެން އައި ދުވަހު ހައްޔަރުކުރީއެވެ.
ކޯޓާ ހަވާލާދީ ފުލުހުން ބުނީ، މި މައްސަލައިގައި ރަޒީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފައިވާ ކަމަށެވެ.
އޭނާގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މުދަލަށް ގެއްލުންދިނުމުގެ ގިނަ މައްސަލަތަކެއްގައި މި ފަހުން ރަޒީން ހައްޔަރުކުރެވިފައިވެއެވެ. އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއް ކަމާއި ކުށް ތަކުރާރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މިދިޔަ އޭޕްރިލް މަހު މާލޭގެ ކެފޭއަކަށް ވަދެ، އެ ކެފޭގެ ބިއްލޫރި ޝޯކޭސްއެއްގައި ފައިން ޖަހައި ތަޅާލި މައްސަލައިގައި ވެސް ރަޒީން ހައްޔަރުކޮށްފައިވެއެވެ. އޭގެ ކުރިން މިދިޔަ ޑިސެމްބަރު މަހު، އައިޖީއެމްއެޗްގައި ފުލުހުންނަށް ހުރަސްއަޅައި ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ވެސް އޭނާ ހައްޔަރުކުރިއެވެ.