75 މިލިއަން މީހުން ޕްރިޔަންކާގެ 'ހެޑްސް އޮފް ސްޓޭޓް' ބަލައިފި

މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު އެމޭޒަން ޕްރައިމްގައި ޕްރީމިއާކުރި އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ހޮލީވުޑް ފިލްމު "ހެޑްސް އޮފް ސްޓޭޓް" ބެލި މީހުންގެ އަދަދު 75 މިލިއަނަށްވުރެ ގިނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އިލިއާ ނައިޝްލާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޕްރިޔަންކާ ކުޅެފައިވަނީ އިނގިރޭސިވިލާތުގެ ސިއްރު އިންޓެލިޖެންސް ސާވިސް (އެސްއައިއެސް)ގެ މެންބަރެއް ކަމަށްވާ 'އެމްއައި6'ގެ އޮފިސަރެއްގެ ރޯލެވެ. ޕްރިޔަންކާގެ އިތުރުން މި ފިލްމުގެ ލީޑް ރޯލުން ފެންނަ ހޮލީވުޑް ތަރިންގެ ތެރޭ ޖޯން ސީނާއާއި އިދްރިސް އެލްބާ ހިމެނެއެވެ.

ޖުލައި މަހުގެ ދެވަނަ ދުވަހު އެމޭޒަން ޕްރައިމް ވީޑިއޯއިން ފިލްމު ޕްރީމިއާކުރުމާ އެކު ފިލްމު ގްލޯބަލް ހިޓަކަށްވެ، އެކި ޤައުމުތަކުން ފިލްމު ބެލި މީހުންގެ އަދަދު 75 މިލިއަނަށްވުރެ ގިނަ ވެފައިވާއިރު "ހެޑްސް އޮފް ސްޓޭޓް"އަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް އެމޭޒަން ޕްރައިމްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ބަތަލާ ޕްރިޔަންކާ ޗޯޕްރާ އިންޑިއާގެ ފިލްމު ޑައިރެކްޓަރު އެސްއެސް ރާޖާމޮލީއާ އެކު--ފޮޓޯ/ފިލްމުފެއަ

އެމެރިކާގެ ނިއުސް ޕޯޓަލް ޑެޑްލައިންއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި "ހެޑްސް އޮފް ސްޓޭޓް"އަކީ މިހާތަނަށް އެމޭޒަން އެމްޖީއެމްއިން ގެނެސްދިން ފިލްމުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ސްޓްރީމްކޮށްފައިވާ ފިލްމެވެ.

މީގެ ކުރިން ވެސް ހޮލީވުޑްގެ ފިލްމުތަކުން ފެނިފައިވާ ބަތަލާ އެންމެ ފަހުން ކުޅެފައިވާ ހޮލީވުޑް ފިލްމަކީ 2023 ވަނަ އަހަރު ރިލީޒްކުރި ލޯބީގެ ފިލްމު "ލަވް އަގެއިން"އިންނެވެ. ކައިވެންޏަށް ފަހު އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ބަތަލާ އަންނަނީ އަހަރުތަކަކަށް ފަހު ބޮލީވުޑްގެ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ.

އެއީ، ސައުތު ސިނަމާގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެތެރޭ ހިމެނޭ އެސްއެސް ރާޖާމޮލީގެ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. މި ފިލްމުގެ ބައެއް މަންޒަރުތައް ޕްރިޔަންކާ ވަނީ އިންޑިއާގައި ޝޫޓު ވެސް ކޮށްފައެވެ.

ޕްރިޔަންކާގެ ކުރިއަށް ހުރި ހޮލީވުޑް ފިލްމުތަކުގެ ތެރޭ "ދަ ބްލަފް" އަދި "ޖަޖްމަންޓް ޑޭ"ގެ ނަމުގައި އުފައްދާ ދެ ފިލްމެއް ހިމެނެއެވެ.

comment ކޮމެންޓް