މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ކ. އަތޮޅަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
އެ އަތޮޅުތަކަށް، ސަމާލު ނެރެފައި ވަނީ، ހެނދުނު 07:30 އިން 13:30ގެ ނިޔަލަށް ކަމަށްވާއިރު، އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެއެވެ.
އޭގެއިތުރަށް، ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި ހަތް ފޫޓާ ދެމެދުގައި ކަމަށް އެ އިދާރާއިން ބުނެއެވެ.
އެ އިދާރާއިން ވަނީ، އއ. އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ހުދު ސަމާލު ވެސް ނެރެފައެވެ. އެ އަތޮޅުތަކަށް ސަމާލު ނެރެފައި ވަނީ، ހެނދުނު 07:30 އިން 13:30ގެ ނިޔަލަށެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުން އަންނައިރު، ކަނޑުތައް ވެސް ގަދައެވެ. މިއީ ސްކޫލުތައް ވެސް ބަންދު ދުވަސްވަރުކަމުން ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރާ މީހުން ވެސް ގިނައެވެ.
އެހެންކަމުން އެމްއެންޑީއެފުން ވަނީ ކޮންމެހެން ކުރަންޖެހިއްޖެ ދަތުރެއް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ޚާއްސަކޮށް ރޭގަނޑަށް ދަތުރު ނުކުރުމަށާއި މޫސުން ގޯސްނަމަ ދަތުރު ފަސްކުރުމަށް އެމްއެންޑީއެފުން ވަނީ ހަނދާންކޮށްދީފައެވެ. އަދި، މެޓުން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަކީ އެމްއެންޑީއެފްގެ ޚާއްސަ އިލްތިމާސެކެވެ.