މާލޭގައި ގިނަ ބަޔަކު އެއްވެ އުޅޭ އަދި ސައިކަލާއި ކާރު ފަދަ އުޅަނދު ވެސް ގިނަ އަދަދަކަށް ދުއްވާ ރަސްފަންނު ސަރަހައްދުގައި މަގުބައްތިތައް ނިވި، އަނދިރިވެއްޖެއެވެ.
ބޮޑުތަކުރުފާނު މަގުގައި އައިޖީއެމް ހޮސްޕިޓަލާ ކައިރިން، ރަސްފަންނުގެ ބޮޑު ބައެއް ވެސް ހިމެނޭ ގޮތަށް ބޮޑު ސަރަހައްދެއްގައި މިވަގުތު ހުރީ މަގު ބައްތިތައް ނުދިއްލިއެވެ.
އެ ސަރަހައްދަކީ މަރުކަޒީ ހޮސްޕިޓަލުން ގިނަ ބަޔަކު އައިސް ގޮސް އުޅޭ މަގު ކަމަށްވެފައި، ރަސްފަންނަކީ ގިނަ އަަދަދެއްގެ މީހުން ކަސްރަތަށާއި ފެތުމަށާއި ހިތްހަމަޖައްސާލުމަށް އެއްވާ ސަރަހައްދެކެވެ.

ރަސްފަންނު ސަރަހައްދު އަނދިރީގައި: އެއީ ގިނަ ބަޔަކު އެއްވާ ސަރަހައްދަކަށްވާއިރު، މިވަގުތު މަގުބައްތިތައް ހުރީ ނިވިފައި -- ސަން ފޮޓޯ
އެހެންނަމަވެސް ރަސްފަންނުގައި ވައްކަން ފަދަ ބައެއް ކުށްތައް ހިންގައިގެން މީގެ ކުރިން ރިޕޯޓުކޮށްފައިވެސްވެއެވެ.
އެހެން އެކަން އޮއްވައި، އެ ސަރަހައްދުގެ މަގު ބައްތިތައް ނިވުމާ ގުޅޭ ގޮތުން މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަގު ބައްތިތައް ހުންނަނީ ގުޅިފައި، އެއް ބެޗެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ، އެއް ލައިޓުގައި މައްސަލަ ޖެހުމުން އެ ބެޗުގައި ހިމެނޭ ހުރިހާ ލައިޓެއް ނިވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރަސްފަންނު ސަރަހައްދުގެ ލައިޓްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.