ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ މަޝްހޫރު މަންސަ، އިންސްޓަގްރާމުން އެ ޕްލެޓްފޯމްގެ 'ލައިވް ބްރޯޑްކާސްޓް' ފީޗާއަށް އާ ޝަރުތެއް އިތުރުކޮށްފިއެވެ.
މި އާ ބަދަލާއެކު، ޕަބްލިކް އެކައުންޓެއްގައި 1000އަށްވުރެ ގިނަ ފޮލޯވަރުން ނެތް މީހުންނަށް ދެން އިންސްޓަގްރާމްގައި ލައިވްވުމުގެ ފުރުސަތެއް ނުލިބޭނެއެވެ.
އިންޑިއާގައި މިހާރު މި ޝަރުތު ތަންފީޒު ކުރަމުން އަންނައިރު، އިންސްޓަގްރާމް ހިންގާ މައި ކުންފުނި، މެޓާއިން މިފަދަ ހިފެހެއްޓުމެއް ގެނައި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ބަދަލު އެންޑްރޮއިޑް އަދި އައިފޯން ބޭނުންކުރާ ފަރާތްތަކަށް ވެސް ވަނީ ގެނެސްފައެވެ.
މި ހިފެހެއްޓުމުގެ ސަބަބުން، މަޝްހޫރު ނޫން އާންމު ފަރުދުންނަށާއި، ކުދި ވިޔަފާރިތަކަށާއި، އަދި މަދު ފޮލޯވަރުންތަކެއް ތިބޭ ކޮންޓެންޓް ކްރިއޭޓަރުންނަށް އެމީހުންގެ ފޮލޯވަރުންނާ ސީދާ ވަގުތުން މުއާމަލާތް ކުރުމުގެ ފުރުސަތު ވަނީ ގާތްގަނޑަކަށް ގެއްލިފައެވެ.
މީގެ ކުރިން ގިނަ ކޮންޓެންޓް ކްރިއޭޓަރުން އެމީހުންގެ ފޮލޯވަރުންގެ އަދަދު އިތުރުކޮށްފައިވަނީ ކޮންމެ ދުވަހަކު ވެސް ލައިވް މެދުވެރިކޮށް މުއާމަލާތްކޮށްގެން ކަމަށްވާތީ، މި ބަދަލުގެ ސަބަބުން އެފަދަ ފަރާތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.
މިއީ އިންސްޓަގްރާމުން ލައިވް ފީޗާއަށް ހިފެހެއްޓުމެއް ގެނައި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް، 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ބެލެނިވެރިއެއްގެ ހުއްދަ ނެތި ލައިވްއަށް ދިއުން ވަނީ މަނާކޮށްފައެވެ. 16 އަހަރުން މަތީގެ ފުރާވަރު ކުދިންނަށް ބޭނުންނަމަ މި ފީޗާ 'އިނޭބަލް' ކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. ކުޑަކުދިންގެ އޮންލައިން ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެ ކުދިންގެ އެކައުންޓްތަކުގައި މި ފީޗާ ވަނީ 'ޑިފޯލްޓް'ކޮށް ނިއްވާލާފައެވެ.
އިންސްޓަގްރާމުން ގެނައި މި އާ ބަދަލާ ގުޅިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު ދަނީ އެކި ގޮތްގޮތަށް ޚިޔާލު ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ދެކޭގޮތުގައި، މިއީ މަޝްހޫރުކަން ކުޑަ އަދި އަލަށް ފަށައިގަންނަ ކޮންޓެންޓް ކްރިއޭޓަރުންނާއި ކުދި ވިޔަފާރިތަކުގެ ކުރިއެރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.
އިންސްޓަގްރާމުން ހަމައެކަނި އަހައްމިއްޔަތުކަން ދެނީ ގިނަ ފޮލޯވަރުންތަކެއް ތިބޭ ބޮޑެތި އިންފްލުއެންސަރުންނަށް ކަމުގެ އިހުސާސް ކުރެވޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މި ސަބަބު ގެނައުމަ ގުޅިގެން ރަސްމީ ބަހެއް އިންސްޓަގްރާމުން ބުނެފައި ނުވާއިރު، ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ސްޕޭމް ލައިވްތަކާއި، ނޭދެވޭ ކޮންޓެންޓް ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށް ވެދާނެއެވެ. ކޮންމެއަކަސް، މި ބަދަލު ގެނައި އަސްލު ސަބަބު އޮޅުންފިލުވައިދިނުމަށް އާންމުން ދަނީ މެޓާ ކުންފުންޏަށް ގޮވާލަމުންނެވެ.