ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލް: ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަންކުރުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ހުޅުވާލައިފިއެވެ.

އެ މަގާމަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވައިލީ މިދިޔަ މަހުގެ 15ގައެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން މިމަހުގެ 19 ވާ އަންގާރަ ދުވަހުގެ 12:00ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.

އެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.

އެ އޮފީހުން ބުނީ ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައިނުވެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުންގެ މައްސަލަތަކެއް ބެލުމަށް ފަހު ޓްރައިބިއުނަލްގެ މެންބަރު އިސްމާއީލް ސާޖިދު ފިޔަވައި ބާކީ ތިއްބެވި ހަތަރު މެންބަރުން މަގާމުން ވަކިކުރީ މިދިޔަ އޮގަސްޓް 26 ގައެވެ. އެއީ އެ ތަނުގެ މެންބަރުން ކޮރަޕްޝަނުގެ އަމަލު ހިންގާ ކަމަށް ތުހުމަތުކޮށް އޭނާ މަޖިލީހަށް ސިޓީއެއް ފޮނުވުމުންނެވެ.

އެ ތަނުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުން އޭރު ލަފާދިނީ ސާޖިދު ފިޔަވައި އެހެން މެންބަރުން ވަކިކުރުމަށެވެ.

ވަކިކުރި ހަތަރު މެންބަރުންގެ ބަދަލުގައި އެ ތަނަށް އައްޔަންކުރީ

  • ޙަސަން ޒުހައިރު މުޙައްމަދު، ގ. މާވާރުލު
  • އިބްރާހީމް ޝަރީފް، ގ. އަލިޝާ
  • ޝިފްޒާ ޢަބްދުލްގައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ
  • ޢަބްދުލްޣަނީ މުޙައްމަދު، ހ. ހޯސްޓްސައިޑް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ.

comment ކޮމެންޓް