ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު އަދި ބިލިއަނަރު އޮންގް ބެންގް ސެންގް ކޮރަޕްޝަންގެ ދައުވާއަކަށް އިއުތިރާފުވެއްޖެއެވެ.
ސިންގަޕޫރުގެ ސްޓޭޓް ކޯޓްސްގައި, އުމުރުން 81 އަހަރުގެ އޮންގް މިއަދު އިއުތިރާފުވެފައި ވަނީ އިންސާފަށް ހުރަސްއެޅުމަށް އެހީވުމުގެ ދައުވާއަކަށެވެ. އެ މައްސަލަ ގުޅިފައި ވަނީ އެ ގައުމުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްރަމާނިއަމް އިސްވަރަންއާއެވެ.
އޮންގްގެ މައްޗަށް އެ ދައުވާތައް ކުރީ، އޭނާގެ ކުންފުންޏަކުން ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ވިޔަފާރީގެ މުއާމަލާތްތަކެއް ކުރަމުން ދަނިކޮށް، މިނިސްޓަރަށް އަގުބޮޑު ހަދިޔާތަކެއް ދިން މައްސަލައެއްގައެވެ. އޭގެ ތެރޭގައި އޮންގްގެ ޚަރަދުގައި އިސްވަރަން ގަތަރަށް ގެންދިޔަ ދަތުރެއް ހިމެނެއެވެ.
މައްސަލަ ހިނގި ގޮތް
އޮންގްގެ މެޖޯރިޓީ ހިއްސާ އޮންނަ ސިންގަޕޯ ޖީޕީ ކުންފުންޏަކީ، ދުނިޔޭގެ އެންމެ މަޝްހޫރު ކާރު ރޭސިން އިވެންޓް ކަމަށްވާ ގްރޭންޑް ޕްރީ ސިންގަޕޫރުގައި ބާއްވަން އިންތިޒާމުކޮށް އިޝްތިހާރު ކުރުމަށް ހަވާލުވެފައިވާ ކުންފުންޏެވެ. އެގޮތުން 2008އިން ފެށިގެން ކޮންމެ އަހަރަކު ވެސް އެ މަސައްކަތް ކުރަމުން އައީ ސިންގަޕޯ ޖީޕީންނެވެ.
އިސްވަރަން ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވީ 2021އިން ފެށިގެން ކަމަށްވާއިރު، އޮންގްއާ ދެކޮޅަށް ދައުވާކޮށްފައިވާ މައްސަލަ ހިނގައިފައިވަނީ 2002ގައެވެ. އެގޮތުން އެ އަހަރުގެ ޑިސެންބަރު މަހުގެ ކުރީކޮޅު އޮންގްއާއެކު ގަތަރަށް ވަޑައިގަތުމަށް އިސްވަރަންއަށް އޭނާ ދައުވަތު ދިން ކަމަށް ޕްރޮސެކިއުޓަރުން ވިދާޅުވިއެވެ.
އެ ދައުވަތު ދިންއިރު، ދެ މީހުން ދަތުރުކުރާނީ އޮންގްގެ ޕްރައިވެޓް ޖެޓުގައި ކަމަށާއި ދަތުރުގެ ހުރިހާ ޚަރަދެއް ވެސް ހަމަޖައްސާނީ އޮންގް ކަމަށް އޭނާ އަމިއްލައަށް ބުނި ކަމަށް، ކޯޓަށް ހުށަހަޅައިފައިވާ ލިޔެކިޔުމުގައިވެއެވެ.
އެ ދައުވަތު ގަބޫލުކުރައްވައި ޑިސެންބަރު 10، 2022ގައި އިސްވަރަން، އޮންގްއާއެކު އޭނާގެ ޕްރައިވެޓް ޖެޓުގައި ދޯހާއަށް ވަޑައިގަތެވެ. އެ ދަތުރަށް 7،700 ޑޮލަރު އެރިއެވެ.
އިސްވަރަން ދޯހާގެ ފޯ ސީޒަންސް ހޯޓެލްގައި އެއް ރޭ ހޭދަކުރެއްވިއިރު، އެ ޒިޔާރަތަށް 4،4737.63 ޑޮލަރު ހޭދަވިއެވެ. ޖެހިގެން އައި ދުވަހު، އޮންގްގެ ޚަރަދުގައި އިސްވަރަށް ސިންގަޕޫރަށް ވަޑައިގަތީ 5،700 ޑޮލަރުގެ ބިޒްނަސް ކްލާސް ޓިކެޓެއްގައެވެ.
ސިންގަޕޫރުގެ ގާނޫނުގައި އޮންނަނީ، މިނިސްޓަރަކަށް ހަދިޔާއެއް ލިބިއްޖެ ނަމަ، އެ ހަދިޔާއެއްގެ ފުރިހަމަ އަގު ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި މިނިސްޓަރުން ވިޔަފާރީގެ މުއާމަލާތްތައް ކުރާ ބަޔެއްގެ އަތުން އެއްވެސް އެއްޗެއް ލިބިއްޖެ ނަމަ އެކަން އަންގަން ޖެހޭނެ ކަމަށް ވެސް ކަނޑައަޅައިފައިވެއެވެ.
އިސްވަރަން އެގޮތަށް އަމަލު ނުކުރައްވައި ހުންނަވަނިކޮށް، ޖެހިގެން އައި އަހަރު، ސިންގަޕޫރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ބިއުރޯއިން އޮންގްގެ ޕްރައިވެޓް ޖެޓާ ގުޅުންހުރި މައުލޫމާތުތަކެއް ހޯދިއެވެ. އެކަން އެނގުމުން، މެއި 18، 2023 އާއި އެ މަހުގެ 23 ވަނަ ދުވަހާ ދެމެދުގެ މުއްދަތެއްގައި އޮންގް، އިސްވަރަންއަށް ގުޅައި ވާހަކަދެއްކިއެވެ.
އެއަށްފަހު އިސްވަރަން އެދިވަޑައިގަތީ، އޮންގްއާއެކު އޭނާ ދޯހާއަށް ކުރެއްވި ދަތުރުގެ ބިލް ސިންގަޕޯ ޖީޕީ މެދުވެރިކޮށް ފޮނުވައިދިނުމަށެވެ. އަދި އެ ބިލް ފޮނުވުމުން، އިސްވަރަން ވަނީ، ބިޒްނަސް ކްލާސް ޓިކެޓަށް ޚަރަދުވި ފައިސާ ދެއްވައިފައެވެ.
ޕްރޮސެކިއުޓަރުން ވިދާޅުވާ ގޮތުގައި މައްސަލަ ފެންމަތިވުމުން އިސްވަރަން އެ ފައިސާ ދެއްކެވީ އިންސާފަށް ހުރަސްއެޅުމުގެ ގޮތުންނެވެ. އަދި އެކަން ފަހިކޮށްދިނުމުން އޮންގް ވެސް ކުށްވެރިވާ ކަމަށް ދެކޭތީ އޭނާއަށް ވެސް ދައުވާކުރީއެވެ.
އެ މައްސަލައިގައި އޮންގްއަށް ހުކުމް ކުރުން އޮންނާނީ މިމަހުގެ 15ގައެވެ.
އޮންގްގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް ކުރެވެން އޮތް ނަަމަވެސް އޭނާގެ ވަކީލުން ވަނީ އޭނާއަކީ ބޯން މެރޯ ކެންސަރު ޖެހި، ބަލިކަށިވެފައިވާ މީހެއްކަން ފާހަގަކޮށް، އަަދަބު ލުއިކޮށްދިނުމަށް އެދިފައެވެ. އަދި ޕްރޮސެކިއުޓަރުން ވެސް ވަނީ އެކަމަށް އެއްބަސްވެ، މައްސަލައިގައި ކުރެވެން އޮތް އެންމެ ބޮޑު ޖޫރިމަނާއެއް ކުރަން އެއްބަސްވާ ކަމަށް ބުނެފައެވެ.
އޮންގްއާ ގުޅުންހުރި މުއާމަލާތްތަކުގެ ސަބަބުން އިސްވަރަންގެ މައްޗަށް ވަނީ 27 ދައުވާއެއް ކޮށްފައެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައިފައެވެ.
އިސްވަރަން އެންމެ ފުރަތަމަ ދައުވާއަށް އިންކާރު ކުރި ނަމަވެސް، ލުއި އަދަބު ލިބޭ ގޮތަށް ދައުވާތަކަށް ބަދަލު ގެނައުމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި އޭނާއަށް ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ކަމަށް ކަނޑައެޅި 384،000 ސިންގަޕޫރު ޑޮލަރު ދައުލަތަށް ދީފައިވާއިރު، އޭނާގެ މައްޗަށް ކުރީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.
އިސްވަރަން ޖަލު ހުކުމް ތަންފީޒު ކުރައްވަން ފެއްޓެވިތާ ހަތަރު މަސް ފަހުން ގޭބަންދަށް ބަދަލުކުރިއެވެ. އަދި އަޚުލާގަށް ބަލައި އިތުރަށް އަދަބު ލުއިކުރުމުން، މިދިޔަ މަހު އޭނާގެ ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އޮންގްގެ އެޗްޕީއެލްއިން ރާއްޖޭގައި އަށް ރިސޯޓެއް ހިންގާއިރު، ކޮވިޑްގެ ދުވަސްވަރު އެ ކުންފުނިން ރާއްޖެއަށް އެހީ ފޯރުކޮށްދީފައިވެއެވެ. އެގޮތުން 15 ވެންޓިލޭޓަރާއި 100,000 މާސްކް ވެސް އެ ކުންފުނިން ވަނީ ހަދިޔާ ކޮށްފައެވެ.