އަބްދުالله އަޝްރަފަކީ ކާކުހެއްޔެވެ؟ އިއްޔެ ފެންމަތިވި ޚަބަރުތަކާ އެކު ގިނަ ބަޔަކު މި ސުވާލު އުފައްދަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެންމެނަށް ވެސް އެނގެނީ, އޭނާއަކީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާގެ މަގާމުން ކުއްލި ގޮތަކަށް ދުރުކުރެއްވި ބޭފުޅެއް ކަމެވެ. މިއީ އޭނާ އެ ގޮތަށް ދުރުކުރި ފުރަތަމަ ފަހަރު ނޫން ކަމެވެ.
ކުއްލި ގޮތަކަށް އަޝްރަފްގެ ދާއިރާއިން އޭނާ އެކަހެރިކޮށް، އޭނާ އެމްއެމްއޭގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައި މިވަނީ, އެފްއައިޔޫއިން ތައްޔާރުކޮށްފައިވާ ކަމަށް ބުނާ ރިޕޯޓެއް ލީކްވެފައި ވަނިކޮށެވެ. ލީކް ކޮށްލާފައިވާ 24 ސަފުހާގެ އެ ރިޕޯޓްގައި ތުހުމަތުތަކެއް ކޮށްފައިވަނީ މި ސަރުކާރުގެ ބާރުގަދަ މަޖިލިސް މެންބަރެއް ކަމަށްވާ އިބްރާހީމް ޝުޖާއު (ޝުޖާ)އަށެވެ.
ރިޕޯޓް ބުނާގޮތުން 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް, ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރަކަށް ހުންނެވި ޝުޖާއާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ދައުލަތުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ އެކި އިވެންޓުތަކާ ގުޅުވައިގެން ދީފައިވެއެވެ.
https://www.sun.mv/209428
ސިޓީ ކައުންސިލްގެ މެންބަރަކަށް ޝުޖާ ހުންނެވިއިރު އެ ކައުންސިލުން ވެސް އަދި މި ސަރުކާރު އައި ފަހުން މި ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއް ވެސް އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކަށް ދީފައިވާއިރު, އެ މުއާމަލާތްތަކަކީ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ މުއާމަލާތަކަށް ބެލެވުމުގެ ފުރުސަތު އޮތް ކަމަށާއި އަދި ނުހައްގު މުއްސަނދިކަމާއި ކޮރަޕްޝަނަށް ވެދާނެ ކަމަށް ރިޕޯޓުގައިވެއެވެ. އަދި، ނުފޫޒު ބޭނުންކޮށްގެން މަޝްރޫއުތައް ހޯދިކަމަށް ބެލެވުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުގައިވެއެވެ.
މި ރިޕޯޓް ލީކްވެފައި ވަނިކޮށް އަޝްރަފް މަގާމުން ދުރުކޮށް, އެފްއައިޔޫއަށް އައު ވެރިއަކު ހަމަޖެއްސިކަން އެމްއެމްއޭއިން ހާމަކުރި ނަމަވެސް ލީކްވެގެން އުޅޭ ރިޕޯޓް ސައްހަތޯ ނުވަތަ ނޫންތޯ ވެސް ނުބުނެއެވެ. ނަމަވެސް، ފުލުހުން ވަނީ ޝުޖާއަށް ތުހުމަތު ކުރެވޭ މިފަދަ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ލައްކަ ތަޖުރިބާއި އިލްމު ހޯއްދެވި
އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ 26 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އަޝްރަފަކީ ގާނޫނީ ވަކީލެކެވެ. އޭނާ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވީ, އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ޓަސްމޭނިއާއިންނެވެ. އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި ނަމަވެސް އަޝްރަފް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވަނީ, މާލީ ދާއިރާގެ ޑޭޓާއާއި މައުލޫމާތު އެއްކުރުމުގެ ދާއިރާ ނުވަތަ ފައިނޭންޝަލް އިންޓެލިޖެންސްގެ ދާއިރާގައެވެ.
އެތައް އަހަރުތަކެއްވީ ތަޖުރިބާގެ އިތުރުން އޭނާ ވަނީ އެ ދާއިރާއިން ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރައްވައިފައެވެ. އޭނާގެ ހުނަރުތަކުގެ ތެރޭގައި ޑިއު ޑިލިޖެންސް ހެދުން ހިމެނެއެވެ. ވިޔަފާރީގެ ރޮނގުން ބަލާއިރު، އެއީ ކުންފުންޏެއްގެ ނުވަތަ އިންވެސްޓްމަންޓް ފުރުސަތެއްގެ މައުލޫމާތު ދިރާސާކޮށް ކަށަވަރުކުރުމެވެ. ހަމައެހެންމެ ކަޅު ފައިސާ ދޮވުން ހުއްޓުވުން, ނުވަތަ އެންޓި މަނީލޯންޑަރިންއާއި ފުރޯޑް ކޭސްތަކަށް ފާރަވެރިވުމަކީ ވެސް އޭނާގެ ހުނަރެކެވެ. އެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވުމާއި ހޯއްދަވާފައިވާ އިލްމަށް ބަލާއިރު އޭނާއަކީ ރާއްޖޭގައި މި ވަގުތު އެ ދާއިރާއިން ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ.
މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި ވަކި ޔުނިޓެއްގެ ގޮތުގައި އެފްއައިޔޫ އުފެއްދީ, ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ފަހު އަހަރުގައެވެ. ދެހާސް ބާރަވަނަ އަހަރު ވަކި ޔުނިޓަކަށް އެފްއައިޔޫ ހެދީ މަނީލޯންޑްރިންގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް، އޭގެ ކުރިން ވެސް އެކަމުގެ މުހިންމުކަމުން އެފްއައިޔޫ ދިޔައީ ހިންގަމުންނެވެ. އޭރުން ސުރެ ވެސް އެ ތަނުގައި އަބަދުހެން މަސައްކަތް ކުރައްވާ އެއް ބޭފުޅަކީ އަޝްރަފެވެ.
"އަޝްރަފަކީ އިހުލާސްތެރި ބޭފުޅެއް. ވަރަށް ތަޖުރިބާކާރު ބޭފުޅެއް،" މިއީ އޭނާއާ އެކު މަސައްކަތްކުރެއްވި ދެ ބޭފުޅަކާ ސުވާލު ކުރުމުން ވެސް އަޝްރަފް ސިފަކޮށްދެއްވި ގޮތެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު:-- ފޮޓޯ/ އެމްއެމްއޭ
އެފްއައިޔޫއަކީ ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް ބޮޑު މި ރާއްޖެ ފަދަ ގައުމުތަކުގައި މުހިންމު ޔުނިޓެކެވެ. އެ ޔުނިޓްގެ ޒިންމާއަކީ މަނީލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސްކުރުމާއި ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ޝައްކު ކުރެވޭ މައުލޫމާތުތައް އެއްކޮށް, ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުމެވެ. އެ ޔުނިޓްގެ ވެރިޔާ އައްޔަންކުރުމާއި ހިންގުމަށް ދޭން ޖެހޭ އެއްބާރުލުން ދިނުމަކީ އެމްއެމްއޭގެ ގަވަރުނުގެ ޒިންމާއެއް ކަމަށް ގާނޫނުގައި ބުނެއެވެ. ނަމަވެސް، އެ ޔުނިޓްގެ ހިންގުމަށް ނުފޫޒު ފޯރުވުމާއި ކަން ކުރަންވީ ގޮތް ބުނެ ދިނުމުގެ ބާރެއް ގާނޫނުން ގަވަރުނަރަށް ދީފައެއް ނުވެއެވެ.
އެފްއައިޔޫއިން ރެއާއި ދުވާލު ކުރަމުން އަންނަ މަސައްކަތަކީ ޝައްކު ކުރެވޭ މާލީ މުއާމަލާތްތަކަށް ފާރަވެރިވުމެވެ. ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުންނާއި އެކިއެކި ޖިނާއީ ކުށްކޮށްގެން ނުހައްގު މުއްސަނދިކަން ހޯދާ މީހުންނަށް އެފްއައިޔޫއަކީ ވަރަށް ބޮޑު ނުރައްކަލެކެވެ. އެއީ އެފަދަ މީހުން ހޯދާ ނުހައްގު މުއްސަނދި ކަމަށް އަބަދުހެން އެ މީހުންނަށް ފާރަވެރިވާ ބަޔަކަށް އެ ޔުނިޓް ވާތީއެވެ.
އެކަހެރި މިކުރީ ދެވަނަ ފަހަރަށް
ދުނިޔޭގެ ތަހުޒީބީ, އަދި ރަނގަޅަށް ހިނގާ ގައުމުތަކަށް ބަލާއިރު ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ލިބެނީ ހިމާޔަތާއި ކުރިއެރުމެވެ. ނަމަވެސް، ކޮރަޕްޝަން އިންތިހާއަށް އާއްމު ގައުމުތަކުގައި އެކަން އޮންނަނީ އިދިކޮޅަށެވެ. ކުށްކުރާ މީހާ ސަލާމަތްވެފައި އަދަބު ލިބެނީ އެކަން ފަޅާ އަރުވާލާ މީހުންނަށެވެ.
އެފްއައިޔޫގެ ވެރިއަކަށް އަޝްރަފް ހުންނަވަނިކޮށް, ސެޕްޓެންބަރު 17, 2018 ގައި ވެސް އޭނާ އެ މަގާމުން ދުރުކޮށް، ކަމާ ނުގުޅޭ, އެމްއެމްއޭގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރެއްވިއެވެ. ކޮރަޕްޝަންގެ ބޮޑެތި ކަންތައްތަކެއް ހިނގި, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ ބަދަލު ގެންނެވީ އޭޔު ގަވަރުނަރަކަށް ހުންނެވި, އަދި މި ސަރުކާރުގައި ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި އަޙްމަދު ނަސީރެވެ. އެ ފަހަރު އަޝްރަފް މަގާމު ބަދަލުކުރީ އޭގެ ތިން ދުވަސް ކުރިން, އޭރު ވެރިއަކަށް ހުންނެވި ޔާމީނަށް ތުހުމަތުކުރެވޭ މާލީ މުއާމަލާތްތަކެއްގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ވަނިކޮށެވެ.
އަޝްރަފް ފަހުން ހާމަކުރި ކަންތައްތަކާ ގުޅިގެން އެ ފަހަރު މަސްލަހަތު ވެސް ވަރަށް ގޯސްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޭރު އަޝްރަފު ވިދާޅުވީ، ނަސީރު އެމްއެމްއޭގެ ޓެރަސްގައި އޭނާއާ ބައްދަލުކުރެއްވި ކަމަށާއި ބައްދަލުކުރައްވަން ވަޑައިގެންއިރު ފޯނު ނުގެންދެވުމަށް އެދިވަޑައިގެން ކަމަށެވެ. އަދި، ބައްދަލުކުރައްވައި، 2018ގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް ހައިޕްރޮފައިލް ބޭފުޅުންގެ މައްސަލަތައް ނުފޮނުވުމަށް އެދިވަޑައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
https://www.sun.mv/121602
އަޝްރަފު އޭރު ވިދާޅުވީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް އޭނާ ހުންނެވި މުއްދަތުގައި އެ ޔުނިޓުގެ މަސައްކަތްތަކަށް ނަސީރުގެ ނުފޫޒު ފޯރުވުމަށް މަސައްކަތްކުރެއްވި ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލަ ނުފޮނުވަން އެންގެވީ ވެސް ނަސީރު ކަމަށް އަޝްރަފު ވަނީ ވިދާޅުވެފައެވެ.
އަޝްރަފުގެ ތުހުމަތުތަކަށް ރައްދުދެއްވައި ކޮމެޓީގައި ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ، މަރުކަޒީ ބޭންކާ އޭނާ ހަވާލުވި ދުވަސްވަރަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި އެމްއެމްއޭއާއި އެ ތަނުގެ އެފްއައިޔޫގެ އިހުމާލެއް އޮތް ކަމަށް މީޑިއާއިންނާއި ސިޔާސީ ފަރާތްތަކުން ބުނަމުން އައި ދުވަސްވަރެއް ކަމަށެވެ.
އެމްއެމްއޭއާ ހަވާލުވުމަށް ފަހު އެންމެ އިސްކަމެއް ދީގެން ކުރި އެއް ކަމަކީ އެކަންތައް ބެލުން ކަމަށް ނަސީރު ވިދާޅުވިއެވެ. އެގޮތުން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެމްއެމްއޭގެ އިހުމާލެއް އޮތް ކަމަށް ތުހުމަތުކުރަމުންދާތީ އެކަން ބެލުމަށް ކުރި މަސައްކަތުގައި އޭރުގެ އެފްއައިޔޫގެ ހެޑް އަޝްރަފްގެ އެއްބާރުލުން ލިބިފައިނުވާކަން ނަސީރު ފާހަގަކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އެފްއައިޔޫގެ ހެޑްގެ މަގާމުން އޭނާ ދުރަށް ޖައްސަން ޖެހުނު ކަމަށް ނަސީރު ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ފަހުން ވަނީ ފެބްރުއަރީ އެކެއް، 2023 ގައި އަނެއްކާ ވެސް އަޝްރަފް އެފްއައިޔޫގެ އިސްވެރިއަކަށް އައްޔަންކުރައްވައިފައެވެ. އެ ސަރުކާރުގައި އެ މަގާމުގައި ހުންނެވި ދުވަސްވަރު އެފްއައިޔޫއިން ވަނީ އެ ސަރުކާރުގެ ބައެއް ވެރިންނަށް ތުހުމަތުކުރެވޭ މާލީ ކުށްތަކުގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި, ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އެކަައުންޓުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ވެސް ހިމެނެއެވެ.
ފައިސާގެ ކުށްތައް ގިނަ ރާއްޖެ ފަދަ ގައުމެއްގައި, އެފަދަ ކުށްތަކަށް ފާރަވެރިވާ މަގާމެއްގައި ހުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެފްއައިޔޫގެ ވެރިއަކަށް ކުރިން ހުންނެވި, އާތިފް ޝަކޫރަށް ވެސް މައްސަލަތަކެއް ކުރިމަތިވިއެވެ. އޭގެ ފަހުން އާތިފްގެ މައްޗަށް މަނީ ލޯންޑަރިންގެ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ދައުވާ އުފުލާފައިވެއެވެ. އެއީ، އެމްއެމްއޭގެ ދަށުން ހިންގާ އެފްއައިޔޫގެ ކުރީގެ އިސްވެރިޔާގެ މަގާމުގައި ހުންނަވައި އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، ޝައްކު ކުރެވޭ މުއާމަލާތްތައް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުނުކުރާ ކަމަށް ބުނެއެވެ. ނަމަވެސް، އެ ތުހުމަތުތައް އާތިފް އިންކާރު ކުރައްވައެވެ.
އެފްއައިޔޫގެ ވެރިއަކަށް މިވަނީ އަނެއްކާ ވެސް އާ ބޭފުޅަކު އައްޔަންކުރައްވައިފައެވެ. މި ފަހަރު އައްޔަންކުރެއްވީ ދާދި ފަހަކާ ޖެހެންދެން ޓެކްސް އެޕީލް ޓްރެބިއުނަލްގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި އިސްމާއީލް ސާޖިދެވެ. އޭނާއަކީ ވެސް މާލީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ.
ކަމެއް ފަޅާއެރުމާއެކު އަޝްރަފްގެ މަގާމު އެބަ ގެއްލެއެވެ. އޭނާ ދެން ގޮސް އިށީމްނަން ޖެހެނީ ކަމާ އެހާ ނުގުޅޭ ދާއިރާއެއް ހިންގުމުގެ ގޮނޑީގައެވެ. މާލީ ކުށްތަކަށް ފާރަވެރިވާން ކިތަންމެ ކުޅަދާނަ ވިޔަސް, އެ ފުރުސަތު މި އޮންނަނީ ނުލިބިއެވެ.
ތަޖުރިބާއާއި އިލްމީ ގޮތުން ގާބިލު މީހުންނަށް ފުރުސަތު ނުދެވޭނަމަ އެއީ ފަހަތަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ. މުއައްސަސާތައް ބަލިކަށިވާ މައިގަނޑު އެއް ސަބަބަކީ ވެސް އެއީއެވެ. ކަންކަން އިސްލާހު ކުރަން ބޭނުންވާނަމަ މިއީ ބަދަލުކުރަން ޖެހޭ ސަގާފަތެކެވެ.