ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދަނޑުވެރިކަން ކުރާ މީހުންގެ އަދަދު 6،000 އަށްވުރެ ގިނަ ނަމަވެސް، ދަނޑުވެރިނަފާ ލޯނަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ލޯނު ދޫކޮށްފައިވަނީ 45 މީޙަކަށް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
މި ލޯނަކީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) ގުޅިގެން ދޫކުރާ ލޯނެކެވެ. މި ލޯނު 2019 ވަނަ އަހަރު ހުޅުވާލި ނަމަވެސް މިހާތަނަށް ކުރިމަތިލީ ދަނޑުވެރިންގެ ތެރެއިން، ލޯނު ދީފައިވަނީ 45 ދަނޑުވެރިއަކަށެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ދަނދުވެރިންގެ ޕޯޓަލްގައި ރަޖިސްޓަރީކޮށްފައި 6،699 ދަނޑުވެރިން ތިބި ކަމަށެވެ. އެހެންނަމަވެސް، ދަނޑުވެރިނަށް ދޫކުރާ ޚާއްސަ ލޯނަށް ކުރިމަތިލާ ދަނޑުވެރިންގެ އަދަދު ނިސްބަތުން މަދު ކަމަށެވެ.
2019 އިން ފެށިގެން މިހާތަނަށް ދަނޑުވެރި ނަފާ ލޯނު ދޫކޮށްފައިވަނީ 45 ފަރާތަށް، ދަނޑުވެރިންގެ ޕޯޓަލްގައި މިހާތަނަށް 6،699 މީހުން ރަޖިސްޓްރީވެފައިވޭ،
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، ދަނޑުވެރިނަފާ ލޯނުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށް ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ފާހަގަކުރައްވާ ކަމަށެވެ. އެގޮތުން، ވާޓިކަލް ފާމިން، އަދި ގުރީން ހައުސް ފާމިންއަށް ގިނަ ފަރާތްތަކުން ލޯނު ނަގާފައިވާކަން ފާހަގަވާ ކަމަށެވެ.
އެސްޑިއެފްސީއާއި ހަވާލާދީ ވުޒާރާއިން ބުނީ، ޒަމާނީ ދަނޑުވެރިކަމަށް ދަނޑުވެރިންގެ ފޯކަސްހުރި ނަމަވެސް ޕޮއެލްޓްރީ ފާމިން ނުވަތަ ކުކުޅު ފާމިން ފަދަ ކަންކަމަށް ސަމާލުކަން ދޭ މިންވަރު ކުޑަކަމަށެވެ.
ދަނޑުވެރިނަފާ ލޯނުގައި ދެ ކެޓެގްރީއެއް ވަނީ ހިމަނާފައެވެ. އެއީ، އެއް ލައްކަ ރުފިޔާއާ ހަމައަށް ނެގޭ ލޯނަކާއި އެއް ލައްކައިން ފެށިގެން ދެ މިލިޔަނާ ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށް ވެސް އަހަރަކު ނަގާނީ ހަ އިންސައްތައިގެ އިންޓަރެސްޓެކެވެ. ނަމަވެސް، އެއް ލައްކަ ރުފިޔާއާ ހަމައަށް ނެގޭ ލޯނު ދެއްކުމަށް އެންމެ ދިގު މުއްދަތަކަށް ކަނޑައަޅާފައިވަނީ ތިން އަހަރެވެ. އަދި، ދެ މިލިޔަނާއި ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ ގިނަވެގެން ހަތް އަހަރެވެ.