ކޯޓުތަކުގައި ނުނިމި 8،000އަށްވުރެ ގިނަ މައްސަލަ، ދެގުނަ މަސައްކަތްކުރަން ޖެހޭ: ޖޭއެސްސީ

ޖޭއެސްސީގެ ރައީސް ރިޒާ: ވިދާޅުވީ ކޯޓުތަކުގައި 8،000އަށްވުރެ ގިނަ މައްސަލަތައް ނުނިމި އެބަހުރި، އިނގިލި ދިއްކޮށްގެން ހައްލެއް ނެތް ކަމަށް --- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖޭގެ ކޯޓުތަކުގައި 8،000 އަށްވުރެ ގިނަ މައްސަލަތައް ނުނިމި އެބަހުރި ކަަމަށާއި އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކޮށްގެން އެ ކަމަށް ހައްލެއް ނެތް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އާދަމް ރޭ ވިދާޅުވެއްޖެއެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަލީމް މޫސާ އައްޔަނުކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ރިޒާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުން އެއް އަޑުން ދައްކަމުން ދަނީ ކޯޓުތަކުގެ ޝަރީއަތް ލަސްވާ ވާހަކަ ކަމަށެވެ.

އޭގެ ތެރެއިން ވެސް ޚާއްސަކޮށް، ބަންދާ މެދު ގޮތެއް ނުނިމި ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް ކުރިމަތިވާ 'ހިތްދަތި'ކަމުގެ އިހުސާސްތައް ޖޭއެސްސީއަށް އެކި ގޮތްގޮތަށް ހުށަހަޅާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަނޑިޔާރުން ހުވާ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ކޯޓުތަކުގައި 8،000އަށްވުރެ ގިނަ މައްސަލަތައް ނުނިމި އެބަހުރި، އިނގިލި ދިއްކޮށްގެން ހައްލެއް ނެތް ކަމަށް ރިޒާ ވިދާޅުވި --- ސަން ފޮޓޯ/ މޫސާ ނަދީމް

ރިޒާ ރޭ ވަނީ، ސުޕްރީމް ކޯޓު ފިޔަވައި އެހެން ކޯޓުތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން،

  • އެގާރަ ފަނޑިޔާރުން ތިއްބެވި ހައި ކޯޓުގައި 981 މައްސަލަ އެބައޮތް
  • ކްރިމިނަލް ކޯޓުގައި 11 ފަނޑިޔާރުން ތިއްބެވިއިރު، 2،051 މައްސަލަ އެބައޮތް
  • ސިވިލް ކޯޓުގައި 17 ފަނޑިޔާރުން ތިއްބެވިއިރު، 4،077 މައްސަލަ އެބައޮތް
  • ފެމިލީ ކޯޓުގައި 214 މައްސަލައެއް އޮތްއިރު، ތިއްބެވީ ހަތް ފަނޑިޔާރުން
  • ޖުވެނައިލް ކޯޓުގައި 21 މައްސަލަ އޮތްއިރުގައި، ތިން ފަނޑިޔާރުން އެބަތިއްބެވި
  • ޑުރަގު ކޯޓުގައި 1،330 މައްސަލަ އެބައޮތް، ތިއްބެވީ ފަސް ފަނޑިޔާރުން

އެކަން ހައްލުކުރުމަށްޓަކައި އެއް ރޫހެއްގައި މަސައްކަތްކުރަން އެބަޖެހޭ ކަމަށާއި އެއް ބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި ހުރިހާ ފަނޑިޔާރުން އެއް ހަމައެއްގައި މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިވިލް ކޯޓު: ކޯޓުތަކުގައި ކޯޓުތަކުގައި 8،000އަށްވުރެ ގިނަ މައްސަލަތައް ނުނިމި ހުރިއިރު، އެންމެ މައްސަލަތައް ގިނައީ ސިވިލް ކޯޓުގައި--

ގުޅިފައިވާ ގުނަވަންތަކުގެ ތެރެއިން އެންމެ ގުނަވަނެއް އިހުމާލުވީ ކަމަށްވީ ނަމަވެސް ޝަރީއަތްތަކަށް ބުރޫއަރާނެ. އަޅުގަނޑު މި ދަންނަވާ ގުނަވަންތަކުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، ބަންޑާރަ ނައިބުގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ދިފާއީ ވަކީލުން މީގެ ތެރޭގައި ހިމެނޭ, ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް

އޭނާ ވިދާޅުވި ގޮތުގައި ކޯޓުތަކުގެ މައްސަލަތައް ލަސްވުމުގައި އެ ހުރިހާ ފަރާތްތަކުން ޝާމިލުވެއެވެ. އޭގެ ތެރޭގައި، ހެކިން ހާޒިރު ނުކުރެވުމާއި ތަރުޖަމާޏުން ނުގެނައުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މައްސަލަތައް އަވަސްކުރެވޭނީ ހަމައެކަނި ކޯޓުތަކުގެ މަސައްކަތުން ނޫން ކަމަށާއި މިހާރަށް ވުރެ ދެގުނައަށް ފަނޑިޔާރުން މަސައްކަތް ކުރަން އެބަޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯޓުތަކުގެ މައްސަލަތައް އަވަސްކުރުމަށް ކުރަން ޖެހޭ ކަންތައްތަކެއް އޭނާ ފާހަގަކުރެއްވިއެވެ. އެއީ:

  • އެއް ދަންފަޅީގައި މަސައްކަތްކޮށްގެން ހުކުމާ ހަމައަށް ނުދެވޭނަމަ، ދެ ދަންފަޅިއަށް ކޯޓުތަކުގެ މަސައްކަތް ބަހައިގެން ކުރިއަށް ގެންދިޔުން
  • ކޯޓުތަކަށް ހުށަހަޅާ މައްސަލައިގެ ތަފާސްހިސާބު ކޮންމެ ތިން މަހަކުން ޖޭއެސްސީން ބަލާއިރު އަންނަ ސެޕްޓެންބަރުން ފެށިގެން ތަފާސްހިސާބު ފޮނުވާއިރު މައްސަލަތައް ކެންސަލްވާ ސަބަބު ބަޔާންކުރުން
comment ކޮމެންޓް