މިނިސްޓްރީން އެފްޑީސީއަށް ފޮނުވި ލިސްޓެއްގައި މައްސަލަތަކެއް، ބައެއް މީހުންގެ ފުލެޓު އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލައިފި

އެފްޑީސީން އަޅާ ފުލެޓުތައް: މިނިސްޓްރީން އެފްޑީސީއަށް ފޮނުވި ލިސްޓެއްގައި މައްސަލަތަކެއް، ބައެއް މީހުންގެ ފުލެޓު އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލައިފި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ހައުސިން މިނިސްޓްރީން, ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީއަށް) ފޮނުވި ލިސްޓެއްގައި މައްސަލަތަކެއް ހުރުމުން ބައެއް މީހުންގެ ގެދޮރުވެރިޔާ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލައިފިއެވެ.

ބައެއް މީޑިއާތަކުގައި ވަނީ، ހައުސިން މިނިސްޓްރީގެ އެންގުމަކަށް ފުލެޓު ލިބުނު ބައެއް މީހުންގެ އެއްބަސްވުންތަކުގައި ސޮއިކުރުން މަޑުޖައްސާލަން އެފްޑީސީން އަންގާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ފްލެޓަށް ހުށަހަޅާފައި ހުރި މީހުންގެ ލިސްޓު އެފްޑީސީއަށް ފޮނުމުގެ ކުރިން އެ މީހުންގެ ލިޔުންތަކުގެ ސައްހަކަން މިނިސްޓްރީން ކަަށަވަރުކުރާނެ ކަމަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް: މިނިސްޓްރީން އެފްޑީސީއަށް ފޮނުވި ލިސްޓެއްގައި މައްސަލަތަކެއް، ބައެއް މީހުންގެ ފުލެޓު އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލައިފި -- ސަން ފޮޓޯ

ނަމަވެސް މައްސަލަތަކެއް ހިމެނޭ ލިސްޓެއް އެ ކޯޕަރޭޝަނަށް މިނިސްޓްރީން ފޮނުވުނުކަން މިހާރު ސަމާލު ކަމަށް އައިސްފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.

އެހެންވެ، ސޮއިކުރުން މެދުކަނޑާލީ ހަމައެކަނި އެ މީހުންގެ އެއްބަސްވުންތައް ކަމަށާއި އެހެނިހެން އެއްބަސްވުންތަކުގައި ސޮއިކުރުން މެދުނުކެނޑި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. މެދުކަނޑާލި މީހުންގެ ލިސްޓުގައި 100 މީހުންގެ ނަން ވެސް ހަމަނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގަ ވެގެން މިއުޅޭ ގޮތަކީ އިޝޫތަކެއް ހުރި ނަންތަކެއް ހިމެނޭ ލިސްޓެއް މިކޮޅަށް [އެފްޑީސީ]އަށް އައިއްސަ އިނީ. ދެން އެހެންވީމައި އެނަންތައް އެކަނި މި ހޯލްޑުކޮށްލީ. އެ ލިސްޓުގައި ވަރަށް މަދު ނަންތަކެއް ހުރީ. އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް

މިދިޔަ ހަފުތާ ތެރޭގައި 232 މީހުން ފުލެޓު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ. އެކަމަކު، މި ހަފުތާގައި ދުވާލަކަށް ސޮއިކުރާ އަދަދު ދެ ގުނަ ކުރަން މަސައްކަތް ކުރާކަން ހަމްދާން ފާހަގަކުރެއްވިއެވެ.

އެފްޑީސީން އަޅާ ފުލެޓުތަކުގެ މޮޑެލްއެއް: މިނިސްޓްރީން އެފްޑީސީއަށް ފޮނުވި ލިސްޓެއްގައި މައްސަލަތަކެއް، ބައެއް މީހުންގެ ފުލެޓު އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލައިފި -- ފޮޓޯ/ ރައީސް އޮފީސް

އެފްޑީސީން މީގެ ކުރިން ބުނީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފުލެޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށެވެ. އަދި ފުލެޓްތައް ހަވާލުކުރާނީ ފިނިޝިން މަސައްކަތްތައް ނިންމާފައި ކަމަށާއި އެގޮތުން، ފަންކާއާއި ކުޑަދޮރާއި ދޮރު ހަރުކޮށް، ޓައިލްސް ޖަހައި ކުލަލައި، ފާޚާނާ ތަށްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

https://sun.mv/209218

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 4،000 ފުލެޓް ހައްގުވާ މީހުންގެ ލިސްޓު ނެރުނު ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވައިފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖާ ކުރުމަށް ފަހު، އައު ލިސްޓު ނެރުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މިދިޔަ ފެބްރުވަރީ މަހެވެ.

އެ ލިސްޓާ ގުޅޭ ގޮތުން ވެސް ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ ފުލެޓުތައް ދޭނީ ކުރީ ސަރުކާރުގެ ދާއިމީ ލިސްޓަށް ކަމަށް ވިދާޅުވެފައެވެ.

މިދިޔަ މަހުގެ 29ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަަބްދުﷲ މުއްތަލިބު ވިދާޅުވީ، 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ.

އެ ފުލެޓުތައް މިހާރު ހަވާލުކުރަން އުޅޭއިރު ފުލެޓާއި ގޯތީގެ މައްސަލައިގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ފަހި ޔޫނިއަންއިން ޖަމިއްޔާއިން ވަނީ މި ސަރުކާރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކާއި، ހިޔާ އަދި ވިނަރެސް ފްލެޓާއި، ރާއްޖޭގެ އެހެން ސޯޝަލް ހައުސިން ޔުނިޓަކުގެ ކުލި ކުޑަކުރި ގޮތަށް، އެފްޑީސީގެ 4،000 ފްލެޓުގެ ކުލި ކުޑަކޮށްދިނުމަށް ގޮވާލައިފައެވެ.

comment ކޮމެންޓް