އިންޑިއާއާއި ރަޝިއާގެ ގުޅުން ޚަރާބުކޮށްލަން ޓްރަމްޕް އިތުރުފުޅު ހެއްދެވިކަން ހާމަވެއްޖެ

ނިއުދިއްލީ (03 އޮގަސްޓް 2025): އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ރަޝިއާއިން ތެޔޮ ގަތުން އިންޑިއާ ހުއްޓާލައިފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ހަވާލާދީ މީޑިއާތަކުގައި ފެތުރި ޚަބަރަކީ ދޮގު ޚަބަރެއްކަން ހާމަވެއްޖެއެވެ.

މިކަން ދޮގު ކުރައްވައި ނަންހާމަ ކުރަން ނޭދޭ އިންޑިއާގެ ވަރަށް އިސް ދެ މަސްއޫލުވެރިއަކު ބޭރުގެ މީޑިއާތަކަށް ވިދާޅުވީ، ރަޝިއާއިން ތެޔޮ ގަތުން އިންޑިއާ އެއްވެސް ވަރަކަށް ހުއްޓާލާފައި ނުވާ ކަމުގައެވެ. އަދި، ހުއްޓާލަން ގަސްދު ވެސް ނުކުރާ ކަމުގައެވެ.

މީގެ އިތުރުން، ރަޝިއާއާއި އިންޑިއާއާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތައް މުސްތަގުބަލުގައި އިތުރުކުރަން އިންޑިއާއިން ބޭނުންވާކަން ވެސް އިންޑިއާގެ މި ދެމަސްއޫލުވެރިން 'ނިޔުޔޯކް ޓައިމްސް'އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ދެ މަސްއޫލުވެރިންގެ މި ވާހަކަތަކާ ގުޅިގެން ޓްރަމްޕް ވެސް އަދި ވައިޓް ހައުސްއިން ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޓްރަމްޕާ ހަވާލާދީ ޝާއިއުކޮށްފައިވާ މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އިންޑިއާ ރަޝިއާއިން ތެޔޮ ގަތުން ހުއްޓައިނުލާނަމަ އެމެރިކާއިން އިންޑިއާގެ މުދަލާ ދެކޮޅަށް އަޅާފައިވާ ޓެރިފް އިތުރަށް ބޮޑުކުރާނެކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އިންޑިއާއަށް ދެއްވާފައެވެ.

ނަތީޖާއެއްގެ ގޮތުން އިންޑިއާއިންވަނީ ރަޝިއާގެ ތެޔޮ ގަތުން ވަގުތީގޮތުން ހުއްޓާލާފައެވެ. މިކަމުގެ ސަބަބުން ތެލުގެ ސަޕްލައިއަށް ލޮޅުން އަރައި ތެލުގެ އަގުބޮޑުވެދާނެކަމުގެ އަޑުތައްވެސްވަނީ ފެތުރިފައެވެ.

ޓްރަމްޕް ދާދި ފަހުން ވަނީ އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެރިފްއެއް ނެގުމަށް ނިންމަވައި، އެކަން އިއުލާން ކުރައްވާފައެވެ. ޚަބަރުތައް ބުނާގޮތުން އިންޑިއާ ރަޝިއާއިން ތެޔޮގަތުން ހުއްޓައި ނުލާނަމަ ޓެރިފްގެ އިތުރު ފިޔަވަޅުތައް އިންޑިއާގެ މުދަލާ ދެކޮޅަށް އަޅާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.

އިންޑިއާ ވަގުތީ ގޮތުން ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލިކަމަށް ބުނެ ޓްރަމްޕާ ހަވާލާދީ ފަތުރާފައިވަނީ މުޅިން ދޮގު ޚަބަރުތަކެއްކަން ރަޝިއާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ރަޝިއާ ސަރުކާރަށް ތާއީދުކުރާ ނޫހެއް ކަމަށްވާ "ތާސް" ބުނާގޮތުން އިންޑިއާއިން ރަޝިއާގެ ތެޔޮގަތުން އެއްވެސް ވަރަކަށް ހުއްޓާލާފައެއް ނުވެއެވެ. އަދި، ތެޔޮގަތުން ހުއްޓާލާނެކަމުގެ އިޝާރާތެއް ވެސް އިންޑިއާއިން ދީފައެއް ނުވެއެވެ.

މި ކަމާ ބެހޭ ވާހަކައެއް ވެސް އިންޑިއާއާއި ރަޝިއާއާ ދެމެދު ދެކެވިފައެއް ނުވެއެވެ. ރަޝިއާއިން އިންޑިއާއަށް ފޯރުކޮށްދޭ ތެލުގެ ސަޕްލައި ހުއްޓުމެއްނެތި ކުރިއަށްދާކަން ވެސް ތާސްއިންވަނީ ކަށަވަރުކޮށްދީފައެވެ.

އިންޑިއާއަކީ އެ ގައުމުގެ ގައުމީ މަސްލަހަތާ ގުޅިގައިވާ ކަންކަމުގައި އެމެރިކާ ފަދަ ބޮޑެތި އަދި ބާރުގަދަ ގައުމުތަކުގެ ޕްރެޝަރަށް ވެސް ދީލާލާވަރަށް ވުރެ މިހާރު އިގުތިސާދީ ގޮތުން މާ ބާރުގަދަ އަދި ފުދުންތެރިވަމުން އަންނަ ގައުމެކެވެ. ނަމަވެސް، އިންޑިއާއަށް މާ ބޮޑު ގެއްލުމެއްނުވާ ކަންކަމުގައި ބައެއް ހާލަތްތަކުގައި އެމެރިކާގެ ޕްރެޝަރުތަކަށް އިންޑިއާ ދީލާލުން އެކަށީގެންވެއެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި ތެލާއި ގޭސްފަދަ ހަކަތައިގެ ބާވަތްތަކަކީ އިންޑިއާގެ އިގުތިސާދުގެ ލޭނާރެވެ. މިހާ ހައްސާސް ކަމެއްގައި އެމެރިކާފަދަ ދޭތެރެއަކުން ސިޔާސަތު ބަދަލުވާ އަދި އަމިއްލަ އެދުމުން ފުރިގެންވާ ގައުމެއްގެ ފިއްތުންތަކަށް ބޯލެނބުމަކީ އިންޑިއާ ކުރާނެ ކަމެއް ނޫނެވެ.

އިންޑިއާއަކީ މިހާރަށް ބަލާއިރު ދުނިޔޭގެ ހަތަރުވަނަ އިގުތިސާދީ ބާރެވެ. ކުރިއަށް އޮތް މަދު އަހަރުތަކެއްގައި ދުނިޔޭގެ ތިންވަނަ އިގުތިސާދީ ބާރުގެ ގޮތުގައި އިންޑިއާ ވާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.

ރަޝިއާގެ ތެޔޮ އިންޑިއާ ގަންނަނީ ބާޒާރުގެ އަގަށްވުރެ ތަންކޮޅެއް ހެޔޮ އަގެއްގައެވެ. މިއީ އިންޑިއާފަދަ އެ ގައުމުގެ އިގުތިސާދަށް ބޭނުންވާ ވަރަށް ތެޔޮ އުފެއްދުމުގެ ގާބިލުކަން ނެތް ގައުމަކަށް ވަރަށް މުހިންމު ކަމެކެވެ. ރަޝިއާއިން އަގު ހެޔޮކޮށް ތެޔޮ ވިއްކާތީ އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ފައިދާ އިންޑިއާއަށް ލިބެއެވެ. އަދި، ރަޝިއާގެ ތެލާއި ގޭހަކީ އިންޑިއާއަށް ވަރަށް ގެރެންޓީ އެއްޗެކެވެ.

ރަޝިއާއިން އިންޑިއާއަށް ތަންކޮޅެއް ހެޔޮ އަގެއްގައި ތެޔޮ ވިއްކާތީ އިންޑިއާ ސަރުކާރުގެ އިތުރުން އިންޑިއާގައި ތެޔޮ ސާފުކުރުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން ވެސް ރަޝިއާގެ ސާފުކުރާ ތެޔޮ ގިނަ އަދަދަކަށް ގަނެއެވެ. މިއީ އެ ކުންފުނިތަކަށް އިންތިހާއަށް ފައިދާވާ ކަމެކެވެ.

އެމެރިކާއިން ގެންދަނީ ރަޝިއާގެ ތެލެކޭ އެއްގޮތަށް އީރާނުގެ ތެޔޮ ނުގަތުމަށް ވެސް އިންޑިއާއަށް ބަރުއަޅަމުންނެވެ. އެއީ، އެެމެރިކާ ބޭނުންވާ ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށްޓަކައެވެ. ރަޝިއާއާއި އީރާނަށް އަދަބު ދިނުމަށްޓަކައެވެ. މި ދެ ގައުމަކީ ވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށްވެފައިވާ ދެ ގައުމެވެ.

އީރާނުން ފޯރުކޮށްދޭ ތެލުގެ ބަދަލުގައި އިންޑިއާގައި އުފައްދާ ގިނަ އަދަދެއްގެ މުދާ އީރާނަށް ވިއްކުމުގެ ފުރުސަތު އިންޑިއާއަށް ލިބެއެވެ. މިއީ އިންޑިއާގެ އިގުތިސާދަށް ވަރަށް ފައިދާކުރާ ކަމަކަށްވާތީ އެެމެރިކާގެ ޕްރެޝަރުތަކާ ގުޅިގެން ވެސް އީރާނުގެ ތެލާއި ގޭސް ގަތުން އިންޑިއާއިން ހުއްޓާލާފައެއް ނުވެއެވެ.

ނަންހާމަ ކުރަން ނޭދޭ އިންޑިއާގެ ދެ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި ރަޝިއާއިން އަގު ހެޔޮކޮށް ލިބޭ ތެޔޮ ގަތުން ހުއްޓާލުމަކީ އިންޑިއާއިން ކުރާނެ ކަމެއް ނޫނެވެ. އެއީ، އެ ކަމުގެ ސަބަބުން ބޮޑު ފައިދާއެއް އިންޑިއާއަށް ލިބޭތީއެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި ރަޝިއާއން ތެޔޮގަތުން އިންޑިއާ ހުއްޓާލައިފިނަމަ، އެކަމުގެ ނޭދެވޭ އަސަރު އިންޑިއާގެ އިގުތިސާދާށް ވަރަށް ބޮޑަށް ކުރާނެއެވެ. އެއީ، އެކަމުގެ ސަބަބުން އިންޑިއާގެ އުފެއްދުންތައް ރަޝިއާއަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ވެސް ގެއްލޭނެތީއެވެ.

މީގެ އިތުރުން، އިންޑިއާއިން އެގޮތަށް އަމަލުކޮށްފިނަމަ އިންޑިއާއިން ހާސިލުކޮށްފައިވާ އެނާޖީ ސެކިއިއުރިޓީ ގެއްލިގެން ދާނެ ކަމަށް ވެސް މުހައްލިލުން ވިދާޅުވެއެވެ. އެނާޖީ ސެކިއިއުރިޓީއަކީ އިންޑިއާއިން ވަރަށް މަސައްކަތުން ހާސިލުކޮށްފައިވާ އެއްޗެކެވެ. އެނާޖީ ސެކިއިއުރިޓީ ނުވަތަ ހަކަތައިގެ ގެރެންޓީ ގެއްލޭފަދަ އެއްވެސް ކަމެއް އިންޑިއާއިން ނުކުރާނެ ކަމަށް މުހައްލިލުން ދެކެއެވެ.

އިންޑިއާގެ މި ދެ މަސްއޫލުވެރިންގެ ބަޔާނާ ގުޅިގެންނާ އަދި ޓްރަމްޕް ފެތުރުއްވި ދޮގު ޚަބަރުތަކާ ގުޅިގެން އެ މަނިކުފާނު ވަނީ ހަނުހުންނެވުން އިޚުތިޔާރު ކުރައްވާފައެވެ.

comment ކޮމެންޓް