'ސައްޔާރާ' ބަލާފައި ރޮނީ ފައިސާ ދީގެންނެއް ނޫން: ޕްރޮޑިއުސަރު

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމު "ސައްޔާރާ" ބަލަން ތިއޭޓަރަށްދާ މީހުން ފިލްމު ބެލުމަށް ފަހު މާ ބޮޑަށް ޖަޒުބާތީވާ މަންޒަރަކީ ޕީއާރް ސްޓަންޓެއް ނޫން ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު އަކްޝަޔޭ ވިދާނީ ބުނެފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރުގެ އިތުރުން ވައިއާރްއެފްގެ ސީއީއޯގެ މަގާމު ވެސް ފުރަމުން އަންނަ އަކްޝަޔޭ ވިދާނީއާއި "ސައްޔާރާ"ގެ ޑައިރެކްޓަރު މޯހިތު ސޫރީ ބައިވެރިވި މީޑިއާ އެއްވުމެއްގައި ބުނީ، ފިލްމު ބެލުމަށް ފަހު ވަރަށް ގިނަ ސަޕޯޓަރުން ޖަޒުބާތީވެ، ރޯ މަންޒަރާ އެކު ބައެއް މީހުން ސިނަމާ ހޯލަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާއިން ފެނުނު ކަމަށެވެ.

ނަމަވެސް، އެއިން އެއްވެސް ވީޑިއޯ ނުވަތަ މަންޒަރަކީ ފިލްމުގެ މާކެޓިން ސްޓްރެޓެޖީއާ އެއް ވެސް ގުޅުމެއްހުރި ވީޑިއޯތަކެއް ނޫން ކަމަށް އަކްޝަޔޭ ވަނީ ބުނެފައެވެ.

ފިލްމު 'ސައްޔާރާ'ގެ ޑައިރެކްޓަރު މޯހިތު ސޫރީ އަދި ޕްރޮޑިއުސަރު އަކްޝަޔޭ--ފޮޓޯ/ފިލްމުފެއަ

އެ ވީޑިއޯތައް އިންޓަނެޓުގައި ދައުރުވާން ފެށުމުން އާއްމުންގެ ގިނަ ބަޔަކު ބުނެފައިވަނީ އެއީ "ސައްޔާރާ"ގެ ޓީމުން ފިލްމަށް އާއްމުންގެ ސަމާލުކަން ހޯދުމަށް ރޭވިގެން ކުރެވެމުން އަންނަ ކަމެއް ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އާއްމުންގެ ގިނަ ބަޔަކު ވަނީ "ސައްޔާރާ" ބެލުމަށް ފަހު ރޯން ސިނަމާތަކަށް ވަންނަ މީހުންނަށް ވައިއާރްއެފްގެ ޓީމުން ފައިސާ ބެހި ކަމަށް ތުހުމަތުކޮށްފައެވެ.

މި ތުހުމަތުތައް ދޮގުކުރަމުން އަކްޝަޔޭ ބުނެފައިވަނީ، ފިލްމެއް ބެލުމަށް ފަހު އެ ފިލްމު ރީތިވުމުން ސިނަމާ ހޯލްގައި ހަޅޭއްލަވާ، އޯޑިއަންސްގެ ތެރެއިން ބަޔަކު މީހުން ލައިގެން ހުންނަ ޓީޝާޓު ބޭލުމަށް ފަހު ސިނަމާ ތެރޭގައި އުފަލުން ނެށުމަކީ ވަރަށް އާދައިގެން ކަންކަން ކަމަށެވެ. އެއީ، އެ ފިލްމަކަށް ސަޕޯޓުކުރާ ސަޕޯޓަރުންގެ ފަރާތުން އާއްމުކޮށް ފެންނަ މަންޒަރުތައް ކަމަށާއި އެ ކަމާ އުފާކުރާ ކަމަށް "ސައްޔާރާ"ގެ ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

ފިލްމު "ސައްޔާރާ"އަށް ލިބެމުން އަންނަ ކާމިޔާބީއާ ގުޅިގެން ޑައިރެކްޓަރު މޯހިތު ސޫރީ ބުނީ، މީގެ ކުރިން ވެސް އޭނާ ފިލްމުތަކެއް އުފެއްދި ކަމަށާއި ނަމަވެސް އޭރު އެ ފިލްމުތައް ކަމުދިޔަ މީހުންނާ އެއްވަރަށް ފިލްމު ކަމުނުދިޔަ ބަޔަކު ވެސް ތިބި ކަމަށެވެ.

އެއާ ޚިލާފަށް "ސައްޔާރާ" ރިލީޒްވުމާ އެކު ފިލްމަށް ތައުރީފުކޮށް ވާހަކަދެއްކުމަށް ފިލްމު އިންޑަސްޓްރީގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރު އަދި ވަރަށް ގިނަ ފިލްމީ ތަރިން ވެސް އޭނާއަށް ގުޅިކަމަށް ސޫރީ ވަނީ ބުނެފައެވެ.

އަހާން ޕާންޑޭ އަދި އަނީތު ޕައްޑާ ލީޑް ރޯލް ކުޅެފައިވާ "ސައްޔާރާ" އަކީ އެންމެ 60 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ.

ނަމަވެސް، ދެ ހަފުތާގެ ތެރޭގައި ބޮކްސް އޮފީހުގައި 400 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް މި ފިލްމަށް ވަނީ ލިބިފައެވެ.

comment ކޮމެންޓް