އުރީދޫން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ސަބްމެރިން ކޭބަލަކުން ގުޅާލައިފި

އުރީދޫން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ސަބްމެރިން ކޭބަލަކުން ގުޅާލުން -- ފޮޓޯ/ އުރީދޫ

އުރީދޫން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ސަބްމެރިން ކޭބަލަކުން ގުޅާލައިފިއެވެ.

ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލް މެދުވެރިވެރިކޮށް ގުޅައިލި ރިސޯޓަކީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީ ރިސޯޓެވެ.

އުރީދޫއިން ބުނީ މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދަތުރުގައި ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ. މި ސަބްމެރިން ކޭބަލް، އިތާފުށި އަދި މާފުށި މެދުވެރިކޮށް އަޅައި، ހުޅުމާލޭގައި ހުންނަ އުރީދޫގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާ ގުޅާލާނެއެވެ. އެ ކޭބަލުން، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ފޮރުކޮށްދެވި، އިންޓަނެޓް ސްޕީޑު ވެސް ހަލުވި ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއަދު އިތާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި، އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީއާއި، އިތާފުށީގެ ޖެނެރަލް މެނޭޖަރު ޓީޖޭ ޖައުލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލް މެދުވެރިވެރިކޮށް ގުޅައިލި ރިސޯޓަކީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީ ރިސޯޓް -- ފޮޓޯ/ އުރީދޫ

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ޚާލިދު ވިދާޅުވީ އެ ކުންފުންޏަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އެގޮތުން، ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ ތައާރަފުކޮށް، ކުރިއެރުމަށް އާ މަގުތަކެއް ހުޅުވައިދީ، ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެހެން ބޭނުންތެރި ބަޔަކަށް އުރީދޫ ވެފައިވާ ކަމަށް ޚާލިދު ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލެއް ރިސޯޓަކަށް ގުޅާލުމަކީ ޑިޖިޓަލް ފަރަގު ނައްތާލައި، މުސްތަގުބަލަށް ތައްޔާރުވެފައިވާ މުޖުތަމައުތައް ބާރުވެރި ކުރުވުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އޭއައި ޕަވާޑް ފީޗާތަކާއި ޕްރައިވެޓް 5ޖީ އިންފްރާސްޓްރަކްޗާއާއެކު، އެ ރިސޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް 'ނެކްސްޓް ޖެނެރޭޝަން'ގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް މިހާރު ތައްޔާރުވެފަވާ ކަމަށް ޚާލިދު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އެ މަޝްރޫއުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ 2005 ވަނަ އަހަރު އުރީދޫ އުފެދުނީއްސުރެ، ޑިޖިޓަލް ދަތުރުގައި އެއްވެސް މީހަކު ބާކީ ނުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ކުރިއެރުމަކާއެކު، އެ ކުންފުނިން އަހަންމިއްޔަތުކަން ދެނީ 'އެކްސެސިބިލިޓީ އަދި އިންކްލޫޝަން'އަށް ކަމަށް ތޯރިގު ވިދާޅުވިއެވެ.

އިތާފުށީގެ ޖެނެރަލް މެނޭޖަރު ޓީޖޭ ޖައުލަކް ވިދާޅުވީ އެ ރިސޯޓުގައި އެ މުހިންމު އިވެންޓް ބޭއްވުމަކީ ރިސޯޓަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ލަގްޒަރީއާއި ޕާސަނަލައިޒްޑް ސާވިސް ފޯރުކޮށްދޭ މަންޒިލެއްގެ ހައިސިއްޔަތުން، ދަތުރުވެރިންގެ ބަދަލުވަމުންދާ ބޭނުންތައް ފުއްދުމުގައި ކަނެކްޓިވިޓީގެ މުހިންމު ދައުރު ވިސްނޭކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫން ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމުގައި 20 އަހަރު ފުރުން ފާހަގަކުރާއިރު، މި މުހިންމު މަޝްރޫއުގެ ސަބަބުން އެ ކުންފުނިން ޑިޖިޓަލް ރާއްޖެއެއް ތަރައްގީކުރުމަށް ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް