"ނާވީއަށް ކެރޭނެތަ އަހަރެންގެ މަންމައާއި ބައްދަލުކުރަން؟" ރަނީމް ސުވާލުކޮށްލިއެވެ.
"އަދި ފަހުން ދޯ… މިވަގުތު ދާން އެބަ ޖެހޭ." ނާވީ ދެކޮޅު ހެދުމުން ރަނީމް މާޔޫސްވިއެވެ. އެ އަސަރުތައް މޫނުމަތީން ފާޅުވީ ބޭއިޚްތިޔާރުގައެވެ. ނާވީ އެހެން އެބުނީ ސަބަބަކާ ލައިގެންކަން އެނގުނު ނަމަވެސް ކުޑަކޮށް ނާއުންމީދުގެ އަސަރުތައް ފެނިލީ ނާވީ ދުވަހަކުވެސް އޭނާގެ މަންމައާއި ބައްދަލު ނުކޮށްފާނެކަމުގެ ބިރުވެރިކަން އޭނާގެ ހިތަށް ވެރިވުމާއެކުގައެވެ. އެ އަސަރުތައް ފޮރުވަން ރަނީމް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވުނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ބައެއް ޙާލަތުގައި އިންސާނުންނަށް އެމީހުންގެ ހިތުގެ އިޙްސާސްތައް ފޮރުވުމަކީ ނާދިރުކަމަކަށް ވެއެވެ. އެފަދަ ޙާލަތްތަކުގައި ހިތް މަސައްކަތްކުރާނީ އެހިތުގެ މުރާދު ހާސިލްކުރުމަށެވެ. މިވަގުތު ރަނީމްއަށްވެސް ވެފައިވަނީ އެފަދަ ގޮތެކެވެ.
"އަހަރެން ފަހަރެއްގައިވެސް ރަނީމް މަންމައާއި ބައްދަލުނުކުރާކަށެއް ނޫނޭ. އަހަންނަށް މާފު ކުރޭ… ރަނީމްގެ ހިތުގައި ޖެއްސުމަކީ އަހަރެން ދުވަހަކު ކުރާނެ ކަމެއް ނޫން. އެކަމަކު….މިއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތެއް ނޫން ކަންނޭނގެ. އެހެންވެ ބުނެވުނީ." ނާވީ ރަނީމްގެ އަތުގައި ހިފައްޓައިލަމުން ބުނެލިއެވެ. ރަނީމް ބޯ ޖަހައިލިއެވެ. ނާވީ އެގޮތަށް ބުނާނީ ސަބަބަކާ ލައިގެން ކަން އޭނާއަށް އެނގޭތީ ނާވީގެ ވާހަކަ ޤަބޫލުކުރަން ރަނީމް ބޭނުންވިއެވެ.
"މަންމަ ރަނގަޅުވާނެ ދޯ!" އަތުގައި އޮތް ތައްޓަށް ބަލައިލަމުން ރަނީމް ވާހަކަ އެހެން މިސްރާބަކަށް އަނބުރައިލިއެވެ. އޭނާ ގަދަކަމުން ހިނިތުންވެލިއެވެ. މަންމައާއި މެދުވެސް އޭނާ ހުރީ ކަންބޮޑުވެފައެވެ.
"އިރާދުކުރެއްވިއްޔާ ލަސްތަކެއްނުވެ ހުންގަނޑު މަޑުވެދާނެ. ރަނީމް. ކަންބޮޑުނުވޭ…" ރަނީމްއަށް ބަލައިލުމަށްފަހު ނާވީ އަނެއްކާވެސް ބުނެލިއެވެ.
"މަންމަ ނޫނީ އަހަރެންގެ އެހެން އެއްވެސް މީހަކު ނެތް." ރަނީމްއަށް އިސްޖަހައިލެވުނެވެ. އެ އަޑުގައިވި އަސަރުން ނާވީ ރަނީމްއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އޭނާއަށް އިތުބާރު ކުރާށޭ ބުނާ ފަދައަކުންނެވެ.
"އަހަރެން މިހުރީނު. އަހަރެން ރަނީމް ދޫކޮށްލާފައި ނުދާނަމޭ. ދުވަހަކުވެސް ނުދާނަން." ނާވީ ބުނެލިއެވެ. އޭނާގެ ރަނީމްގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ. ނާވީ އޭނާ ރަނީމްދެކެ ލޯބިވާކަން ހާމަކޮށްލިއެވެ. އަދި އޭނާ ރަނީމްގެ އަތުގައި ހިފައްޓައިލަމުން އެ އަތަށް ބާރުކޮށްލިއެވެ. ނާވީގެ ފަރާތުން ފެންނަމުން ދިޔަ އޯގާތެރިކަމާއި، އަޅައިލުމާއި، ލޯބީގެ ސަބަބުން ރަނީމްގެ ހިތުގައި ހީވީ ގަނޑުފެން އަޅައިލަ ދިންހެންނެވެ. އޭނާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ޝުކުރުވެރި ބެލުމަކުން ރަނީމް ނާވީއަށް ބަލައިލިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތީން ފެނުނު ހަމަޖެހުމުގެ އަސަރުތައް ފިލާ އަނެއްކާވެސް އުދާސްކަމެއް ފާޅުވެގެން ހިނގައްޖެއެވެ. އެ އަސަރުތައް ފޮރުވައިލުމުގެ ގޮތުން ރަނީމްއަށް އަނެއްކާވެސް އިސްޖަހައިލެވުނީ އެވެ.
"ރަނީމް. ކިހިނެެއްވީ؟" ރަނީމްގެ މާޔޫސްކަން ފެނުމާއެކު ނާވީއަށް އަނެއްކާވެސް، ސުވާލުކޮށްލެވުނެވެ. އޭނާ ރަނީމްގެ ދަތްދޮޅި ދަށަށް އަތްލައްވާލާފައި، އިސް އުފުލުވައިލަން އުޅުނީ ރަނީމްއާ ހަތަރު ކަޅި ހަމަކޮށްލުމުގެ ބޭނުމުގައި ވިޔަސް އެ ފުރުސަތެއް ރަނީމް ނުދިނެވެ. ރަނީމް އޭނާގެ ނަޒަރު ނާވީއާ ސީދާކޮށްލަން ބޭނުން ނުވާފަދައެވެ.
"ރަނީމް… އަހަރެން ކައިރީގައި ބުނެބަލަ. ކިހިނެއްވީތަ؟" ނާވީވެސް ކަންބޮޑުވެއްޖެއެވެ. އޭނާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. ރަނީމްއަށް ވީގޮތެއް ނޭނގި އޭނާގެ ހިތްވެސް ތެޅިގަތެވެ.
"ނާވީގެ ބައްޕަ… ނާވީގެ ޢާއިލާ… އަހަރެމެން ދެމީހުން…" ރަނީމްއަށް ޖުމްލަތައް ދުލުކުރީގައި އަތުރައިލުމަކީ ފަސޭހަކަމަކަށް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ސިކުނޑީގައިވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ. ނާވީއަކީ އިންސާނެއް ނޫނެވެ. މާދަންވެސް އޭނާ ނާވީއާ ވަކިވާން ޖެހިދާނެއެވެ. ނާވީމެން ފަދަ މީހުންގެ ކުރިމަތީގައި އޭނާއަކީ ބަލިކަށި މީހެކެވެ. ދެވަނަ ފަހަރަށް އެފަދަ މީހަކު އޭނާއާ ދިމާކޮށްލައިފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ނާވީއަށް ނާދެވިއްޖެނަމަ އޭނާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ ރަނީމް ހިންދިރުވައިލީވެސް އުނދަގުލުންނެވެ. އަދިވެސް އެ ހާދިސާގެ މަންޒަރުތައް އޭނާގެ ލޯމަތީން ސިފަވަމުން ދިޔައެވެ.
"ރަނީމް. އަހަންނަށް އިތުބާރުކުރޭ… އަހަރެން ދުވަހަކުވެސް ރަނީމްއަށް ދެރައެއް ލިބުނަކަ ނުދޭނަމޭ. އަހަރެން ބުނީމެއްނު އަހަރެން ރަނީމް ރައްކާތެރިކުރާނަމޭ…" ނާވީއަށް ރަނީމް އެ ބުނަނީ ކީކޭކަން އެނގުމާއެކު ބުނެވުނެވެ. އެއީ މިހާރު އޭނާވެސް އެކަމަކާ މެދު އެންމެ ބިރުގަންނަ ކަންތަކެވެ. އެންމެ ނުތަނަވަސްވެ ކަންބޮޑުވާ ކަންތައް ވެސް މެއެވެ. އެހެންނަމަވެސް އެކަން އޭނާ ރަނީމްއަށް އަންގާކަށް ބޭނުމެއް ނޫނެވެ. ރަނީމްގެ ހާސްކަން އިތުރު ކުރަން ބޭނުންނުވާތީއެވެ. ކަންބޮޑުވެފައިވާ ޙާލުވެސް ނާވީ، ހަމަޖެހުމުގެ އަސަރުތައް މޫނުމަތީން ދައްކަމުން ދިޔަ ސަބަބަކީވެސް އެއީ އެވެ.
"ރަނީމް…" ނާވީ ރަނީމްއަށް ގޮވައިލިއެވެ. ރަނީމް އޭނާއާ ހަތަރު ކަޅި ހަމަކޮށްނުލާތީ، އޭނާގެ ހިތަށް އަސަރުކުރިއެވެ. "އަހަންނާ ދިމާލަށް ބަލާވެސް ނުލާނީތަ؟"
ނާވީގެ އަޑުގައިވި އަސަރުން އެންމެފަހުން ރަނީމް ނާވީއަށް ބަލައިލިއެވެ. އެ ދެލޮލުން އޭނާއަށްޓަކައިވާ ލޯބި ސާފުކޮށް ފެންނަމުން ދިޔައެވެ. އޭނާއަށްޓަކައި ނާވީ ކަންބޮޑުވެފައިވާ މިންވަރުވެސް ހާމަވަމުން ދިޔައެވެ. ރަނީމްއަށްޓަކައި ނާވީގެ ހިތުން ދެވިފައިވާ މަޤާމާ އެ ލޯތްބަށް އޭނާ ޤަދަރުކުރާ މިންވަރުވެސް މެއެވެ.
"އަހަރެން ރަނީމް ދެކެ ވަރަށް ލޯބިވޭ." ނާވީ ބުނެލިއެވެ. ރަނީމްވެސް ބޯ ޖަހައިލިއެވެ.
"އަހަރެންވެސް." ރަނީމް ބުނެލިއެވެ.
"އަހަރެންގެ ބައްޕައަށްވެސް ނުކެރޭނެޔޭ ރަނީމްއަށް ގެއްލުމެއް ދޭކަށް." ނާވީ ޔަޤީންކަން ދިނެވެ. ރަނީމް ހަމައެކަނި ހިނިތުންވެލީއެވެ. އެހެންނަމަވެސް އޭނާގެ ހިތުގައިވަނީ ބިރުވެރިކަމެވެ.
*****
ގަނޑުވަރުގައި ވަކީން ހުރި ކޮޓަރީގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން ނަމީރު އިންއިރު އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. އިރުއިރުކޮޅަކާ ފުންނޭވާއެއް ދޫކޮށްލާނެއެވެ. ތެދުވެލާފައި ހިނގައިގަނެފާނެއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލާފައި ގޮސް އަނެއްކާވެސް އިށީނދެފާނެއެވެ. ދެއަތް މުށްކަވާލާފައި ދެލޯ މަރާލަފާނެއެވެ. ނަމީރުގެ މޫނުމަތީން ފެންނަނީ އޭނާ އެތަކެއް އިޙްސާސްތަކެއް އެއްފަހަރާ އަމިއްލަ ބާރުގެ ދަށަށް ގެންނަން މަސައްކަތްކުރާ ފަދަ އަސަރުތަކެވެ. އޭނާގެ އަމަލުތައް ބުނެދެނީ އޭނާ އަމިއްލަ ޖަޒުބާތުތައް ކިޔަމަން އެކުރުވަނީ ވަރަށް އުނދަގުލުން ކަމެވެ.
ނާވީ އަކީ އޭނާގެ ދަރިފުޅެވެ. އޭނާ ފުރާނައަށް ވުރެ ލޯބިވާ ދަރިފުޅެވެ. ވީއިރު، އޭނާ ނާވީއަށް ދެރަގޮތެއް ވާން އެދޭނީ ކިހިނަކުން ހެއްޔެވެ؟ ނާވީ އެނގިހުރެ އެ ފުންމައިލަނީ އަލިފާންގަނޑެއްގެ ތެރެއަށެވެ. އެ ގުޅުމަކުން ރަނގަޅު އެއްކަމެއް ވެސް ނުނިކުންނާނެއެވެ. ބޮޑު ހައިޖާނުގަނޑެއް އުފެދުން ނޫން ކަމެއް ނުވާނެއެެވެ. ނާވީއަކީ ނުވިސްނޭ ކުޑަ ކުއްޖެއް ނޫނެވެ. އެމީހުން ނާވީއަށް ކުރި އިތުބާރުގެ ފައިދާ ނާވީއަށް ނަގަން އެނގުނު ގޮތަކ އެއީީ ހެއްޔެވެ؟ އެ އަންހެން ކުއްޖާއަކީ އެމީހުންގެ ނަސްލުގެ މީހެއްނަމަ، އެންމެ އާދައިގެ އާއިލާއަކުން އައިސްފައިވާ ނަމަވެސް ފަހަރުގައި އޭނާއަށް ޤަބޫލުކުރެވިދާނެއެވެ. އެހެންނަމަވެސް އިންސާނެއް އޭނާ ޤަބޫލުކުރާނީ ކިހިނަކުން ހެއްޔެވެ؟ ނާވީ ކިތަންމެ ލޯބިވިޔަސް އެއީ ވާނެ ކަމެއް ނޫނެވެ. ނާވީއަށް ނޭނގުނަސް އެކަމުން ނާވީގެ ފުރާނައަށްވެސް ނުރައްކާވާނެއެވެ. ނާވީއަށް ވިސްނައިދޭނީ ކިހިނަކުން ހެއްޔެވެ؟
އެފަދަ ވިސްނުންތަކެއްގައި ހަދާނެ ގޮތް ހުސްވެފައި ނަމީރު އިންދާ، އެތަނަށް އައީ ޝައިސްތާއެވެ. އޭރު ޝައިސްތާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. ނަމީރާ މެދު އޭނާވަނީ ހާސްވެފައެވެ.
"ނަމީރު." އޭނާ ގޮވައިލިއެވެ. ނަމީރު ގޮނޑިން، އޭނާގެ ހަމަ އިސްކޮޅަށް ތެދުވެލިއެވެ. އޭނާ އަމިއްލަ ކަންބޮޑުވުންތައް ޝައިސްތާއަށް ވަންހަނާކުރަން މަސައްކަތްކުރި ނަމަވެސް އެކަމެއް ނުުރެވުނެވެ. އެހެންނަމަވެސް ނަސީބެއް ކަންނޭނގެއެވެ. ޝައިސްތާ އެ ކަންބޮޑުވުންތައް ގުޅުވައިލީ ރައާބިލްއާއެވެ.
"ނަމީރު. އަހަންނަށް އެނގޭ ނަމީރު ތި ވިސްނަނީ ރައާބިލްއާ މެދުގައިކަން. އަހަރެންވެސް މިއައީ އެ ވާހަކަ ދައްކަންވެގެން." ޝައިސްތާ އައިސް ނަމީރުގެ ކައިރީގައި މަޑުކޮށްލިއެވެ.
"ރައާބިލް ކިހިނެއްވީ؟" ނަމީރު ސުވާލުކޮށްލިއެވެ.
"އޭނަގެ ޙާލު އިހުނަށްވުރެ ދެރަކަމަށް ވަނީ. ނަމީރު ގެންދިޔަ ބޭސް ބޯކަށްވެސް އޭނާ އެއްބަހެއް ނުވި. ދެންމެ ބިންގަރާސް ބަލަހައްޓަން ހުރި ސިފައިންގެ މީހެއް ނަމީރު ހޯދަން ގަނޑުވަރަށް އައި." ޝައިސްތާ ބުނެލިއެވެ.
"އަހަރެން މިދަނީ." އެހެން ބުނެލާފައި ނަމީރު ޝައިސްތާއަށް ބުނެލިއެވެ. އަދި އެތަނުން ނުކުންނަން ހިނގައިގަތެވެ. އޭނާއަށް ނުކުމެވުނީ ބަތީލާގެ ކުރިމައްޗަށެވެ.
"މަންމާ." ނަމީރަށް ގޮވައިލެވުނެވެ.
"ރައާބިލް ކައިރިއަށް ދޯ ދަރިފުޅު ތި ދަނީ. މި އޮތީ ބޭސް." ބަތީލާ އޭނާގެ އަތުގައި އޮތް ފުޅި ނަމީރަށް ދިއްކޮށްލިއެވެ.
"ކުރިން ދިން ބޭސް ވެސް އޭނަ ނުބޮއި. އޭނަ ހުރީ އަޅުގަނޑު ދެކެ ވަރަށް ހިތްހަމަނުޖެހިފަ." ނަމީރު ބުނެލިއެވެ.
"އޭނައަށް ވިސްނައިދީ. މަންމަވެސް ދެރަވޭ. އެކަމަކު ކުރެވޭނެ އިތުރު ކަމެއް ނެތް." ބަތީލާގެ އަޑުންވެސް މާޔޫސްކަމެއް ފާޅުވެލިއެވެ.
ނަމީރު ބަތީލާގެ ދިން ފުޅީގައި ހިފަމުން އެ ހިފައިގެން ގޮސް ގަނޑުވަރުން ނުކުތެވެ. އެއަށްފަހު، އޭނާ ބިންގަރާހަށް ގޮސް ރައާބިލް އޮތް ގޮޅި ކައިރީގައި މަޑުކޮށްލިއެވެ. ރައާބިލްގެ ޙާލު ވަރަށް ދެރައެވެ. އޭނާ އޮތީ ފުރަގަސްދީގެންނެވެ. ކުރީގައި ވެސް އޮތް ގޮތަށެވެ. އެހެންނަމަވެސް އޭނާގެ ހަށީގައި ވޭނެއް އަޅަމުން ދާކަން ރަމްޒުކޮށްދެމުން، ދިޔައީ އެ އޮތްގޮތަށް އޮވެ އިރުއިރުކޮޅަކާ ކުކުރާލާތީއެވެ. އެ މަންޒަރު ބަލަން ހުރުމަށްފަހު، ނަމީރު ވާހަކަ ދެއްކިއެވެ. އޭރު އެނާގެ އަޑުން ވެސް ވޭނީ އަސަރެއް ފާޅުވަމުން ދިޔައެވެ.
"ރައާބިލް. އަހަރެން މިއައީ ބޭސް ހިފައިގެން. މި ބޭސް ބޭނުންކުރޭ." ނަމީރު ބުނެލިއެވެ.
ބުނެފީމެއްނު ބޭނުމެއް ނޫނޭ. އަޑެއް ނީވޭތަ؟" ރައާބިލް ކެއްސާލަމުން ބުނެލިއިރު އެ އަޑުވެސް ތުރުތުރު އަޅައެވެ.
"އަހަރެން… އަހަރެން އަހަރެން ކަލޭ އެދުނު ކަންތައް ކޮށްދޭނަން. ޚަބަރެއް ލިބުނުހާ އަވަހަކަށް އަހަރެން އެ ޚަބަރެއް ކަލޭއަށް ދޭނަން." އެންމެފަހުން ނަމީރަށް ބުނެވުނެވެ. އޭނާ އެހެން ބުނުމުން ރައާބިލް މަޑުމަޑުން ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. ކިތަންމެ މަޑުން އަޑު އައި ނަމަވެސް ނަމީރަށް އެބުނި އެއްޗެއް ސާފުވިއެވެ.
"ކަލޭގެ ބައްޕައާ ދެކޮޅުވަނީތަ؟" ރައާބިލް ބުނީ އެހެންނެވެ. ނަމީރު ޚިޔާރުކުރީ ހިމޭންކަމެވެ. ކީއްވެކަމެއް ނޭނގެއެވެ. ހީވަނީ ކުރަން އުޅޭ ކަންތަކަށް އޭނާ އަމިއްލަ ނަފްސު އަދިވެސް އުޒުރުވެރިވާ ހެންނެވެ. އޭނާ އިތުރަށް އެދުނީ ރައާބިލް އޭނާ ގެނެސްދިން ބޭސް ބޭނުންކުރުމަށެވެ. އެއަށްފަހު، އޭނާ އެތަނުން ނުކުމެގެން ދިޔައީއެވެ. ބިންގަރާހުން ނުކުތުމަށްފަހު، ނަމީރު ފުން ނޭވާއެއް ދޫކޮށްލިއެވެ. ނިތުގައި އަތް ޖައްސައިލުމަށްފަހު، ނިތަށް އޮބައިލިއެވެ. އެއަށްފަހު، ގަނޑުވަރާ ދިމާލަށް މިސްރާބުޖެހިއެވެ.
*****
ޖެހިގެން އައި ދުވަހުގެ ރެއެވެ. ރަނީމް ގާތުގައި ހުރެފައި ނާވީ އެނބުރި ޝަހަރަށް އައެވެ. އޭނާ އެންމެ ފުރަތަމަވެސް ދިޔައީ ދައިސަމްއާ ބައްދަލުކުރާށެވެ. އެތަނުގައި މީހުންގަނޑުގެ ތެރޭގައި ވާހަކަ ދައްކަން ދައިސަމް ބޭނުމެއް ނުވިއެވެ. ވުމާއެކު ދެމީހުން ދިޔައީ ތުނޑި މައްޗަށެވެ. އެ ތަނަށް ނުކުމެވުމާއެކު، ދައިސަމް ވަށައިގެން އޭނާގެ ކަޅި ހިންގައިލިއެވެ. އިތުުރު މަޚްލޫޤެއްގެ ހިލަމެއް ވޭތޯއެވެ. ނަސީބަކުން އިތުރު މީހެއްގެ ހިލަމެއް ދުރުދުރަން ދާންދެންވެސް ނުވެއެވެ.
ދައިސަމް ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ނާވީއަށް ބަލައިިލިއެވެ. ހީވަނީ ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުންވެފައި ހުރި ހެންނެވެ.
"ދައިސަމް. ކަލޭއަށް ތިހުރީ ކިހިނެއްވެފައިތަ؟ އަހަންނަށް ކިޔައިދީބަލަ. ކަލޭއަށް އެނގުނީ ކޯންޗެއްތަ؟" ނާވީ ސުވާލުކޮށްލިއެވެ.
"ބޮޑު ހަޤީޤަތެއް.... ނާވީ… އެކަމަކު އޭގެ ކުރިން އަހަރެން ބޭނުން އިތުރު ވާހަކައެއް ބުނަން. އެ އިންސި ހިމާޔަތް ކޮށްދޭން ކަމެއް ކޮށްދޭނެ މީހަކު އަހަރެމެންގެ ތެރެއަކު ނޫޅޭ. ސަބަބަކީ އެކަން ކުރުމަކީ އެމީހުންގެ ފުރާނައަށްވެސް ނުރައްކާވާނެކަމަކަށް ވާތީ. އަދި އެކަން ކުރާކަން އެނގިއްޖެނަމަ އެމީހުންނަށްވެސް އަދަބު ލިބޭނެތީ. އިންސާނުންނާ އެއްވެސް ވަރަކަށް ގާތްވުމަކީ އަހަރެމެންނަށް ހުއްދަކަމެއް ނޫން. އަހަރެމެންގެ ތެރޭގައި ހެދިފައިވާ ޤަވައިދުތަކާ އުސޫލުތަކުގައި ވަނީ ކީކޭކަން ކަލޭއަށްވެސް އެނގެއެއްނު..." ދައިސަމް ބުނެލިއެވެ.
"އެހެންވީމަ އަހަންނަށް ރަނީމް ހިމާޔަތް ކުރެވެން އޮތީ އެންމެ ގޮތެއް ދޯ." ނާވީއަށް ބުނެވުނެވެ.
"އެގޮތަކީ؟" ދައިސަމް ސުވާލު އުފެއްދިއެވެ. އޭނާގެ ދެބުމަވެސް ކުޑަކޮށް ގާތްވެލިއެވެ.
"އެގޮތަކީ އަހަރެން ރަނީމްގެ ގާތުގައި ހުރުން. ދެން އިތުރު ގޮތެއް ނެތެއްނު. އަހަންނަށް ބައްޕައަކަށް އިތުބާރެއް ނުކުރެވޭ." ނާވީ ބުނެލިއެވެ.
"ނާވީ… އަހަރެން މިބުނީނު ހަޤީޤަތެއްގެ ވާހަކަ…." ދައިސަމް ބުނެލިއެވެ.
"ދައިސަމް. އަވަހަށް ބުނޭ." ނާވީ ހުރީ ކެތްތެރިކަން ކޮޅުންލާފައެވެ.
"އެބަހުރި ކަލެއަށް ކަންތައްތައް ކަލެއަށް ކިޔައިދެވޭނެ މީހަކު. އެކަމަކު އޭނަ ހުރީ ވާހަކަ ދައްކަން ފަސޭހަ ހިސާބަކު ނޫން." ދައިސަމް ބުނެލިއެވެ.
"ކާކު؟ އެމީހަކު ހުރި ކޮންމެ ހިސާބަކަށް ވެސް އަހަރެން ގޮސްދާނަން." ފުރަތަމަ ފަހަރަށް އުންމީދުގެ ބެލުމަކުން ނާވީ އެކުވެރިޔާއަށް ބަލައިލިއެވެ. ދައިސަމް އެއްޗެއް ނުބުނެ އިރުކޮޅެއް ފާއިތުވެދިޔަފަހުން ނާވީ އަނެއްކާވެސް ގޮވައިލިއެވެ. "ދައިސަމް…."
"ބިންގަރާހުގައި… އޭނާ ހުރީ ބިންގަރާހުގެ ޖަލުތަކުން ޖަލެއްގައި. އެއީ ކުށްވެރިއެއް. ޤައިދީއެއް." ދައިސަމް އިއްވައިލިއެވެ.
"ކުށްވެރިއެކޭ؟" ނާވީ އިތުރަށް ހައިރާންވީއެވެ.
"އާނ. އޭނަ ކުރި ކުށަކީ ކޮބައިކަން އެނގޭތަ؟" ދައިސަމް ނާވީއާ ކުރިމަތިލިއެވެ. އެއާއެކު އޭނާގެ ފެހި ދެލޯ ދިއްލިގެން ދިޔައެވެ.
"ކޮބާ؟" ނާވީގެ ހިތް ތެޅިލިއެވެ. ހީވީ ދައިސަމް ދޭނެ ޖަވާބެއް އޭނާއަށް އެނގުނު ހެންނެވެ. އެހެންނަމަވެސް އެ ޖަވާބު ދައިސަމްގެ ދުލުން އަޑު އަހަން އޭނާ ބޭނުންވިއެވެ.
"އިންސާނެއް ދެކެ ލޯބިވުން. އަދި އެ އިންސިއާ ގުޅުން ބޭއްވުން." ދައިސަމްގެ ވާހަކައިން ނާވީގެ މޫނުމަތީން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. "އޭނާކުރި ކުށަކީ އެއީ. އަހަރެމެންގެ އުސޫލުތަކާ ޚިލާފުވުން. އެކަމުގެ ސަބަބުން އޭނައަށް ވަރަށް ވަރަށް އަނިޔާ ލިބުނު ކަމަށްވަނީ…" ދައިސަމް ކިޔައިދިނެވެ.
"އެއީ ކާކުކަން ކަލޭއަށް އެނގޭތަ؟" ނާވީ ވިސްނަން ހުރެފައި ދައިސަމްއާ ސުވާލުކޮށްލިއެވެ.
"އަހަންނަށް އެނގެނީ ހަމައެކަނި އޭނާގެ ނަން…ރައާބިލް."
ދައިސަމް އޮޅުންފިލުވައިދިނެވެ. އޭނާއަށް ރައާބިލްއާ ބެހޭގޮތުން އެނގިފައިވާ މަދު މިންވަރު އޭނާ ނާވީއަށް އޮޅުން ފިލުވައިދިނެވެ. އެ ވާހަކަތައް އަޑު އަހަން ނާވީ ހުރީ ޝައުޤުވެރިކަމާ އެކުގައެވެ. އެހެންނަމަވެސް ލިބެމުން ދިޔަ ނުތަނަވަސްކަމުގެ ސަބަބުން ހިތަށް ވެރިވަމުންދިޔަ އުނދަގޫތަކުން ސަލާމަތްވުމަކީ އޭނާއަށް ފަސޭހަކަމަކަށް ނުވިއެވެ. ރަނީމް މަތިން ހަނދާންވުމާއެކު، އެ ބިރު މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައެވެ. ރަނީމްއަށްޓަކައި އޭނާ އެހުރީ ކޮންމެ ފަދަ ކަމެއް ވެސް ކުރަން ތައްޔާރަށެވެ. ކޮންމެ މީހަކާ ކުރިމަތިލާންވެސް ތައްޔާރަށެވެ. ރަނީމްގެ ކުށެއްނެތި އެކަކަށްވެސް ރަނީމްއަށް އަނިޔާވެރި ވެވިގެނެއް ނުވާނެއެވެ. އެ މައުސޫމް ފުރާނައަށް އަނިޔާވެރިވާ މީހަކަށް ދުވަހަކު އޭނާ މައާފެއް ނުކުރާނެއެވެ. ބައްޕައަށް ވިޔަސްހެވެ.
"އަހަރެމެންގެ ތެރޭގައި އެފަދަ ހަރުކަށި ޤަވައިދުތަކެއް ހެދިފައިވަނީ ކީއްވެގެންތަ؟ އޭނައަށް ބިންގަރާހުގައި އެ ފަދަ އަނިޔާއެއް ލިބެމުން އެ ދަނީ އޭނާ ވީ ލޯބީގެ ސަބަބުންތަ؟" ނާވީއަށް އެހެން ބުނެވުނީ ގަސްތަކު ނޫނެވެ. އެހެންނަމަވެސް ހިތުގައި އުތުރިގަތް ގިލަންވެރިކަމުގެ އިޙްސާސްއާއެކު އެ ބަސްތައް ބޭރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.
"ނާވީ. އަދިވެސް ވަގުތު އެބަ އޮތް. ތިކަން ހުއްޓާލާ. ކަލޭތީ އާދައިގެ ޖިންނިއެއް ނޫން. ތި ޢާއިލާ ތީ ރަސްމަތި ފުށުގެ ޢާއިލާއެއް. ފެށުނީއްސުރެ އަހަރެމެންގެ ތެރޭގައި ވެރިކަން ކުރަމުން އައީ ތި ޢާއިލާއިން. ކަލޭގެ ކާފަ އިންޖާބަކީ އޭނާގެ އުސޫލުތަކުގައި ހިފައްޓާ މީހެއް. އޭނާގެ އަމުރަށް ނުކިޔަމަންތެރިވާން އަހަރެމެންގެ ތެރޭގައި އުޅޭ ޖިންނީން ޖެހިލުންވަނީ ސަބަބެއް ނެތިއެއް ނޫން. އޭނާގެ ބާރާ، ހައިބަތު އެ އެންމެންނަށްވެސް އެނގޭތީ. އަހަންނަށް އެނގޭ ކަލޭގެ ކާފަ ކަލޭ ދެކެ ވަރަށް ލޯބިވާކަން. އެކަމަކު، އަހަރެންގެ ހިތެއް ނުބުނޭ ތި ގުޅުމަށް ރުހޭނެ އެކޭ." ދައިސަމް ހާމަކުރީ ހަޤީޤަތެވެ. އެއީ ނާވީވެސް ޤަބޫލުކުރަން ޖެހޭ ހަޤީޤަތެކެވެ.
"އެމީހާގެ އިތުރު މައުލޫމާތެއް އެނގުނުތަ؟" ދައިސަމް ބުނެލި ވާހަކައާ މެދު ވިސްނަން ނާވީ އިރުކޮޅަކު ހުރެފައި ސުވާލުކޮށްލި އެވެ. އޭނާގެ ޝަޢުޤުވެރިކަން އޭނާއަށް މަޖުބޫރުކުރުވަމުން ދިޔައީ އެމީހާއާ ބައްދަލުކުރުމަށެވެ.
"އޭނަ އެ އިންސިއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު، އެހެން ޝަހަރެއްގެ މީހަކު މި ޝަހަރުގައި ހުރި. އެއީ މޮޅު ބޭސްވެރިއެއް. އޭނަގެ ނަމެއް ކީއްކުރަން އޭނާ ފަހުން ދިޔަތަނެއްވެސް އިތުރު މީހަކަށް ނޭނގެ. މިބުނާ މީހާގެ ގާތުން ރައާބިލް، އޭނާގެ އިންސި ހިމާޔަތްކުރުމަށް ކޮންމެވެސް ކަމެއް ކުރިކަމަށް ވަނީ. މި ޝަހަރުގައި ތިކަން ކޮށްދޭނެ މީހަކު ނެތް. އަހަންނަށް އެނގޭ މިންވަރަށް މި ކިޔައިދިނީ. ކިރިޔާވެސް ކަމެއް އެނގޭނީ ރައާބިލްއަށް. ކުރިން ބުނިހެން އޭނަ ވީ ބިންގަރާހުގައި ހުރި ޖަލުތަކުން ޖަލެއްގައި ޤައިދުކޮށްފައި." ދައިސަމް ބުނެލިއެވެ.
"އަހަރެން އޭނައާ ބައްދަލުކުރަން ދާނަން." ނާވީގެ އަޑަށް އާދަޔާ ޚިލާފް ޖޯޝެއް ވެރިވެގެން ދިޔައެވެ. "ރައާބިލް. އަހަރެން އޭނަ ހޯދާނަން."
(ނުނިމޭ)