ރާއްޖޭގެ ބަރުގަސް އޮށްތަކެއް ފުރަތަމަ ފަހަރަށް ޖައްވަށް

11 ގައުމަކުން ޖައްވަށް ފޮނުވާލާ އޮށްތަކުގެ ސާމްޕަލްތައް: ރާއްޖޭން ފޮނުވާލަނީ ކުޅުދުއްފުށްޓާއި ކެނދިކުޅުދޫން ނެގި ބަރުގަސް އޮށްތަކެއް -- ފޮޓޯ: ޖެގުއާ ސްޕޭސް

ރާއްޖޭގެ ދެ ރަށަކުން, ކަނޑޫފާތަކުގައި ހެދޭ ބަރުގަހުގެ އޮށްތަކެއް ނަގައި ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވާލައިފިއެވެ.

ޖައްވަށް ފޮނުވާލުމަށްޓަކައި ކުޅުދުއްފުށްޓާއި ނ. ކެނދިކުޅުދޫން ނެގި ބަރުގަސް އޮށްތައް ނާސާ އާ ހަވާލުކުރީ, މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ) އިންނެވެ.

އިއްޔެ ލޯންޗުކުރި ނާސާގެ ސްޕޭސް އެކްސް ކްރޫ-11 މިއަދުގެ ވަގުތެއްގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)ގައި ޖައްސާނެއެވެ.

ރާއްޖެ ހިމެނޭހެން ޖައްވަށް އޮށްތަކެއް ފޮނުވާލި 11 ގައުމުގެ ތެރޭގައި ގުއަޓެމާލާ، ކޮސްޓަ ރިކާ، ބްރެޒިލް، ނައިޖީރިއާ، އަރުމީނިއާ، މިސްރު، އިންޑިއާ، އަދި ޕާކިސްތާން ހިމެނެއެވެ.

އެމްއެސްއާރުއޯއިން ބުނީ، އޮށްތައް ޖައްވަށް ފޮނުވާލާފައިވަނީ ޖައްވުގައި އޮށްތައް ހެދި ބޮޑުވުމަށް އަސަރުކުރާ މިންވަރު ދެނެގަތުމަށް ކަމަށެވެ. އެގޮތުން ގްރެވިޓީ ދަށްވުމުން އޮށްތައް ފަޅައި ގަސްގަހާގެހި އުފެދުމަށް ކުރާ އަސަރު ދެނެގަންނާނެ ކަމަށާއި، ދުނިޔޭގައި ގަސްތައް ހެދި ބޮޑުވުމަށް މި ދިރާސާ މުހިންމުކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މި އޮށްތައް އަނބުރާ ދުނިޔެއަށް ގެނައުމުން، ޖައްވަށް ގެންދިއުމުގެ ސަބަބުން އޮށްތަކަށް ކުރި އަސަރު ދެނެގަތުމަށްޓަކައި ތަހުލީލުތައް ކުރާނެ ކަމަށް ވެސް އެމްއެސްއާރުއޯއިން ބުންޏެވެ.

އެމްއެސްއާރުއޯ އަކީ, ޖައްވުގައި ހުންނަ ކަންކަން ދެނެގަތުމުގެ މަގްސަދުގައި 2022 ވަނަ އަހަރު ރާއްޖޭގައި އުފެއްދި ޖަމިއްޔާއެކެވެ. އެއީ މިހާރު ޑިފެންސް މިނިސްޓްރީން ހުއްދަ ދީފައިވާ ރާއްޖޭގެ ރަސްމީ ޖައްވީ ޖަމިއްޔާއެވެ.

comment ކޮމެންޓް