ކޯލާއައިޑީއަށް ޚާއްސަ މަޝްހޫރު އެޕްލިކޭޝަން ޓްރޫކޯލާއިން އައިފޯނުތަކަށް ދެމުން އައި ކޯލް ރެކޯޑް ކުރުމުގެ ޚިދުމަތް، އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހުއްޓާލަން ނިންމައިފިއެވެ.
މި ޚިދުމަތް ތައާރަފްކުރިތާ ގާތްގަނޑަކަށް ދެ އަހަރު ފަހުން މި ނިންމުން ނިންމީ، އެ ކުންފުނީގެ މައިގަނޑު މަސައްކަތް ކަމަށްވާ ސްޕޭމް ކޯލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އިތުރަށް ސަމާލުކަން ދިނުމުގެ ގޮތުން ކަމަށް ޓްރޫކޯލާއިން ބުނެއެވެ.
ޓެކްކްރަންޗަށް މައުލޫމާތު ދެމުން ޓްރޫކޯލާގެ ހެޑް އޮފް އައިއޯއެސް، ނަކުލް ކަބްރާ ވިދާޅުވީ، ކުންފުނީގެ މައިގަނޑު އަމާޒަކީ ލައިވް ކޯލާ އައިޑީ އާއި ސްޕޭމް ކޯލްތައް އޮޓޮމެޓިކުން ބްލޮކް ކުރުމުގެ ފީޗާ ވަރުގަދަ ކުރުން ކަމަށެވެ.
އެންޑްރޮއިޑް ފޯނުތަކާ ހިލާފަށް، އައިއޯއެސްގައި ތާޑް-ޕާޓީ އެޕްތަކަށް ސީދާ ކޯލް ރެކޯޑް ކުރުމުގެ ހުއްދަ އެޕަލްއިން ދީފައިނުވެއެވެ. ޓްރޫކޯލާއިން މިކަން ކުރުމަށް ބޭނުންކުރަނީ 'ރެކޯޑިން ލައިން' އެއް ކޯލާ މާޖްކޮށްގެންނެވެ. މިއީ ހަރަދު ބޮޑު އަދި ޓެކްނިކަލް ގޮތުން ގޮންޖެހުން ބޮޑު ކަމެއް ކަމަށް ކަބްރާ ފާހަގަކުރެއްވިއެވެ.
މި ޚިދުމަތް ހުއްޓާލުމުން، މިހާރު ރެކޯޑްކޮށްފައިވާ ކޯލްތަކަށް ވާނެ ގޮތަކާ ގުޅިގެން ޓްރޫކޯލާއިން ވަނީ މައުލޫމާތު ދީފައެވެ. ޔޫޒަރުންނަށް އެމީހުންގެ ރެކޯޑިންތައް ޑައުންލޯޑް ކުރުމުގެ ފުރުސަތު ނުވަތަ އީމެއިލް ނުވަތަ މެސެޖިން އެޕްތައް މެދުވެރިކޮށް ހިއްސާ ކުރުމުގެ ފުރުސަތު ލިބޭނެއެވެ. ނުވަތަ، އައިކްލައުޑްގައި ރައްކާކޮށްގެންވެސް މި ރެކޯޑިންތައް ބެހެއްޓިދާނެއެވެ.
ޓްރޫކޯލާގެ މި ނިންމުން އައިސްފައި މިވަނީ، ފަހުގެ އައިއޯއެސް 18.1 އަޕްޑޭޓާއެކު އެޕަލް އިން އަމިއްލައަށް ކޯލް ރެކޯޑް ކުރުމާއި ޓްރާންސްކްރައިބް ކުރުމުގެ ޚިދުމަތް ތައާރަފްކޮށްފައި ވަނިކޮށެވެ. އެއީ ޓްރޫކޯލާ އާއި ހިލާފަށް، ވަކި ލައިނަކާ ގުޅާކަށް ނުޖެހޭ ފަސޭހަ ގޮތެކެވެ.
ޓްރޫކޯލާއިން އައިފޯނަށް ކޯލް ރެކޯޑިންގެ ޚިދުމަތް ތައާރަފްކުރީ 2023 ވަނަ އަހަރުގެ ޖޫން މަހު، އެ ކުންފުނީގެ ޕްރީމިއަމް (ފައިސާ ދައްކާ) ޔޫޒަރުންނަށެވެ. މީގެ މައިގަނޑު އެއް މަގުސަދަކީ އައިފޯން ޔޫޒަރުން ޕްރީމިއަމް ޕްލޭންތަކަށް އަޕްގްރޭޑް ކުރުމަށް ބާރުއެޅުމެވެ.
ދުނިޔޭގެ ފެންވަރުގައި ޓްރޫކޯލާގެ ގާތްގަނޑަކަށް ތިން މިލިއަން ޕްރީމިއަމް ޔޫޒަރުން ތިބިއިރު، އެ ކުންފުނީގެ ޕްރީމިއަމް އާމްދަނީގެ 44 އިންސައްތަ ހިއްސާކުރަނީ އައިއޯއެސް ޔޫޒަރުންނެވެ.