މިއަދު އޫރީދޫ މޯލްޑިވްސްއަށް 20 އަހަރު ފުރުން ފާހަގަކުރާއިރު ފާއިތުވެދިޔަ އަހަރުތަކުގައި އެ ކުންފުނިން ވަނީ ރާއްޖޭގައި ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. މި 20 އަހަރުގެ މަސައްކަތުން އުރިދޫން ވަނީ މުޅި ރާއްޖެ މުވާސަލާތީގޮތުން ގުޅުވައިދީފައެވެ.
ގަތަރުގެ ވަތަނިއްޔާ ޓެލެކޮމް (މިހާރުގެ އުރީދޫ) ކުންފުނީގެ ޚިދުމަތްތައް ރާއްޖެއަށް ތައާރަފުކުރަން ސަރުކާރުން ނިންމީ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުތަކަކާ އެކުގައެވެ. އެއީ، އެ ޚިދުމަތް އާންމުންގެ އަތްފޯރާފަށަށް އަގުތަށް ތިރިކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ދާއިރާ ވާދަވެރިކަމަށް ހުޅުވާލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް އޭރު ވިސްނުމުން ގެނައި ބަދަލެކެވެ.

އުރީދޫގެ ބްރޭންޑް ލޯގޯ އާއި ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" ރާއްޖޭގައި ތައާރަފުކުރުން --- ފޮޓޯ/ އުރިދޫ
ސަރުކާރުގެ މި ނިންމުމާ އެކު، އުރީދޫން ރާއްޖެއާ ގުޅާލަދިން ސަބްމެރިން ކޭބަލް އިފުތިތާހުކޮށްދިނުމުގެ ރަސްމިއްޔާތު ބޭއްވީ ރާއްޖޭގައި އެ ކުންފުނިން ޚިދުމަތް ދޭންފެށިތާ އަހަރެއް ނުވަނީސް 2006ވަނަ އަހަރެވެ.
އެއަށް ފަހު، ތަފާތު ޚިދުމަތަކަށް ފަހު ޚިދުމަތެއް ތައާރަފުކުރަމުން ގޮސް، މާ ގިނަ ދުވަސްތަކެއް ނުވެ، އެ ކުންފުނި 3ޖީ އާއި 4ޖީ ރާއްޖެ ގެނެސްދިނެވެ. ނަތީޖާއެއްގެ ގޮތުން މިހާރު އެ ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް 5ޖީގެ ޚިދުމަތް ވެސް ފުޅާކޮށްފައެވެ.
ދިވެހިންގެ ދިރިއުޅުން ބަދަލުކޮށްލި މިފަދަ އެތައް ޚިދުމަތެއް އުރީދޫން ތައާރަފުކުރިއެވެ. އޭގެ ތެރޭގައި:
- އެމް ފައިސާ
- އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް
- އެޗްޑީ ވޮއިސް ސާވިސް
- އީކޮމާސް ޕްލެޓްޕޯމް މޫލީ
- ސައިން ލެންގުއޭޖް ކަސްޓަމާ ސާވިސް ކެއާ ހޮޓްލައިން
އެ ކުންފުންޏަށް ދެން އޮތީ މުޅި ރާއްޖެއަށް އެ ޚިދުމަތް ފުޅާކޮށް، ހަލުވި ސްޕީޑާއެކު އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތެއް ދިނުމެވެ.
މިއީ ޚިދުމަތުގެ ދާއިރާގައި އުރީދޫގެ ގިނަ ކާމިޔާބީތަކުގެ މަދު މިންވަރެކެވެ. މީގެ އިތުރުން، އެ ކުންފުނިން އަންނަނީ އިޖުތިމާއީ ޒިންމާގެ ދަށުންނާއި، އެހެނިހެން ގޮތްގޮތުން، ދިވެހިންނަށް ބޭނުންޖެހިފައިވާ އެކި ކަންކަމުގައި އިސްނަގާ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އުރީދޫން މީގެ ކުރިން ބޭއްވި ފަންރަންއެއްގެ ތެރެއިން -- ފޮޓޯ/ އުރީދޫ
މި ހަރަކާތްކަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ އުރީދޫ ފަން ރަންގެ ނަމުގައި ބާއްވާ ބޮޑު ދުވުމެވެ. މި ދުވުމަކީ ކުދިބޮޑު އެތައް ދިވެހީންނެއްގެ ހިތްތަކުން ޖާގަހޯދާފައިވާ ދުވުމެކެވެ. ކޮންމެ އަހަރަކު ވެސް މި ދުވުމުގައި އެތައް ދިވެހިންނެއް ބައިވެރިވެއެވެ. މި އަހަރު މި ދުވުން ބާއްވާފައިވަނީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އައްޑޫ ސިޓީގައެވެ.
އުރީދޫ މަސްރޭހަކީ ވެސް ފޯރިގަދަ ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވޭ ހަރަކާތެކެވެ. މިދިޔަ އަހަރު މި ހަރަކާތް ބާއްވާފައިވަނީ އެހެން އަހަރުތަކަށްވުރެ ބޮޑުކޮށް ތިން ރަށެއްގައެވެ.

އައްޑޫގައި އޮތް އުރީދޫ މަސް ރޭހުގެ ޗެމްޕިއަން ޓީމް ފެހުރިހި -- ފޮޓޯ/ އުރީދޫ
އުރީދޫގެ ހިޔާވަހިކަމުން އެއްވެސް ބަޔަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން އެ ކުންފުނިން ގޭމަރުންނަށް ވެސް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. އެގޮތުން، އުރީދޫ ނޭޗަން އަލްޓިމޭޓް ގޭމިން ފެސްޓިވަލްގެ ނަމުގައި މި އަހަރު ވަނީ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
އުރީދޫން ގިނަ މަސައްކަތްތައް ކުރަނީ ރައްޔިތުންނާ ގާތުންނެވެ. އެގޮތުން، ރޯދަމަހު އިފްތާރް ޕެކް ބެހުމާއި ޒަކާތް ދެއްކުމަށް ފަހި މަގުތައް ފޯރުކޮށްދިނުން އަދި ކުލަގަދަ ގޮތެއްގައި ޢީދުތައް ފާހަަގަކުރުން ހިމެނެވެ.
މި ހުރިހާ މުނާސަބަތަކާ ގުޅިގެން އުރީދޫގެ ޚިދުމަތްތަކުން ރައްޔިތުންނަށް ޚާއްސަ ޕްރޮމޯޝަންތައް ވެސް ހުޅުވާލައެވެ.
އުރީދޫގެ 20 އަހަރުގެ ކާމިޔާބީގެ އަސްލަކީ ވެސް ކުންފުނިން ރައްޔިތުންނާ ގާތުންދޭ ތަފާތު ޚިދުމަތެވެ. މި ޚިދުމަތަށް ކުރިއަށްއޮތް ތަނުގައި ވެސް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.