"ޝައިތާނާއާއި ސިހުރުން ސަލާމަތްވުމަށް ގޭތެރޭގައި ބަގަރާ ސޫރަތް ޖަހާ އަދި ކިޔަވަންވާނެއެވެ."
***
އޭނަ އެ ފޮތް އުނގުގައި ބާއްވާލައިގެން ޖެހި ބުދެއްހެން ހުއްޓުން އަރާފައި އިނީ އެ ޅެން ބައިތުތަކުން މުޅި ހަށިގަނޑު ގަނޑުވެ އެތައް އިހުސާސްތައް ސިކުނޑިއާއި ނަފުސްގައި ހިނގާ ހާލުގައެވެ. ލޮލުން ކަރުން ހިލޭގޮތްވިއިރު ހީބިހިނެގިއެވެ. މުޅި ވުޖޫދުގައިވެސް އިލެޓްރިކް ރާޅެއް ދަތުރުކުރިފަދައެވެ. އަޖައިބެއްފަދަ އާޝޯޚުކަމަކާއި އިހުސާސްތަކަކުން ހިތް ގެނބުނެވެ. އެ ލަފުޒުތަކުން ހިތަށް ނާރާފަދަ އަސަރެއްކޮށްފިއެވެ. ތެދެކެވެ. ހަނދަކީވެސް ﷲތައާލާގެ މަޚުލޫގެކެވެ. ކިޔަމަންތެރިވާނެއެވެ. ހިތުގެ ވިންދަކީވެސް ހަމަ ހިތުގެ ޒިކުރުކަމަށްވެދާނެއެވެ. އޭނައަށް ދެން ތުރުތުރުލަމުން ދިޔަ އިނގިލި ބީއްސައިލެވުނީ ސަފުހާއެއްގެ ތެރޭގައި ފިތިފައިވާ މަލެއްގައެވެ. އެއީ ޖޭޒްމިން މަލެކެވެ.
***
އެންމެފަހުގެ ދުޢާއަށްފަހު އަޒިއެލްވެސް ކޮޅަށް ތެދުވުނުއިރު ކޮންމެވެސް ވަރަކަށް ފައި ތުރުތުރުލާގޮތްވިއެވެ. އައްމާރު އޭނަގެ އަތުގައި ކޮށްޓައިލިއެވެ.
"އެންމެފަހުން ހަމަ ކިހާ ރަގަޅަށް މިދިޔައީ.."
"އެންމެން ވަރަށް ބެލި.."
"ވަކި އާޒްއަކަށް ނޫން. އެންމެނަށްވެސް އެގޮތަށް ބަލާ....ލޯ މަރާލައިގެނެއްނޫން ނަމާދުކުރަނީ...."އަމްރާނުގެ ޖުމްލައިން އޭނަ ކުޑަކޮށް ހީލިއެވެ. ދެމީހުން އެކީގައި މިސްކިތުން ނިކުންނާން ދަނިކޮށް އުމުރުން ދުވަސްވީ މީހަކު ގޮވައިލިއެވެ. އޭނަ ހުރީ މުށިކުލައިގެ ތާކިހާއަކާއެކު ޖުއްބާއެއްލައިގެންނެވެ.
"ތިއީ އަޒިއެލް ދޯ؟"
އަޒިއެލްގެ މޫނުން ނުތަނަވަސްކަން ފެނުނެވެ. އައްމާރުވެސް ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ.
"އަޒިއެލް.. ޒުވާނުންގެ ހަލަގާގައި ލިޔުނު ޅެން....އަހަރެން އަދިވެސް ހަނދާން އެބަހުރި...ދުނިޔޭގެ ނުބައިކަމާއި ބެހޭގޮތުން ދޯ.."
"އާނ...އަހަރުތަކެއްކުރިން.."ޢަޒިއެލް ޖަވާބުދިނެވެ.
"ލިޔުން ހުއްޓާނުލައްޗޭ ދަރިފުޅާ..އަބަދުވެސް ހިތަށް ހަނދާންކޮށްދިނުމަށް ބޭނުންވޭ...." އެމީހާ ދާން ހިނގައިގަތީ އަޒިއެލް ހައިރާންކޮށްލާފައެވެ.
***
ޒޭބާ އެފޮތް އުނގުގައި ބާއްވައިގެން ހިމޭނުން އިންދާ އަޒިކިއަލް ވަދެގެން އަންނަތަންފެނުނެވެ. އަޒިއެލްގެ މޫނުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ބަދަލުވިއެވެ.
"އަހަރެން މި ފޮތުގެ ބައެއް ސަފުހާތައް ކިޔައިފިން..." ޒޭބާ އިނީ ފޮތް ހުޅުވާލައިގެންނެވެ.
"ކުޅަދުރުތައް ފެނުނުތަ؟"
"ކުޅަދުރެއް ނެތް. އެކަމަކު...އީމާންކަމާއި އެކަނިވެރިކަން.. އަދި އަހަރެން ގެއްލިގެން މި ހޯދަމުންދާ އެއްޗެއްވެސް ފެނުނުހެން ހީވޭ.."
ކޮންކަހަލަ އެއްޗެއްތަ؟"
"އަޒިއެލް ﷲ ތައާލާއާއި ބެހޭގޮތުން ލިޔެފައި ހުންނައިރު ހަމަ ހީވަނީ އެފަރާތާއި އޮތް ގުޅުން ވަރަށް ވަރުގަދަހެން...ޔޫ ނޯ މިބުނީ ނޮޓް ޖަސްޓް ވޮޗިން އެކަމަކު ވިޓްނެސިން....އަހަރެމެންނަށް ކިޔަވާދީފައި ހުރިގޮތާއި ޚިލާފަށް.."
"އަހަންނާއެކު އަބަދުވެސް ވޮޑިގެންވާ ފަރާތަކީ އެއީ..ސިކުނޑި އެގޮތަށް ދާއިރު.....ހުރިހާ އެއްޗެއް ފުސްވެގެން ދޭ...އެކަމަކު ހީ ނެވާ ލީވްސް...."
ޒޭބާއަށް އަޒިއެލްއާއި ހަތަރުކަޅި ހަމަކޮށްލެވުނެވެ.
"އަހަންނަށް މާ އަވަހަށް ފައިސަލާ ކޮށްލެވުނީ..."
"ޒޭބާއެއްނޫން އެންމެ ފުރަތަމަ ތިހެން ޖަޖްކޮށްލީ...އަހަންނަކީ ހަގީގަތުގައިވެސް ލޯބިވާން ފަސޭހަމީހެއްވެސް ނޫން. އަދި އެހެން މީހުންނަށް އަހަންނާއެކު އުޅުންވެސް ފުދޭވަރެއްގެ ބޮޑު ތަކުލީފަކަށްވާނީ..."
އޭނަ ސޯފާގައި އިށީނީ ބޯދަށަށް އަތް ލައްވައިގެންނެވެ.
"ފަހަރެއްގައި ތަގުވާވެރިވުމަކީ ކޮންމެހެން ކޮންޓްރޯލް އަތުލުމެއްވެސް ނޫން. ފަހަރެއްގައި އޭގައި ހަމްދަރުދީވެސް އެކުލެވޭ..."
އަޒިއެލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއްވެރިވިއެވެ.
"ބަލާބަލަ ޒޭބާއަށް..ޒޭބާގެ ތިއޮލޮޖީގައި އަހަރެމެންކަހަލަ މިސްފިޓްއިންނަށްވެސް ޖާގަ އެބައޮތް...."
"އެންމެންގެ ނަފުސްގައިވެސް މިސްފިޓްބައި ހިމެނޭ....ބައެއްމީހުން އެބައި ތަންކޮޅެއް ވަރުގަދަކޮށް ދައްކައިދެނީ..."އެދެމީހުން އިށީދެލައިގެން ތިބިއިރު އެ ނޯޓުފޮތުގެ ކައިރީގައި ހުޅުވައިލެވިފައިވާ މުސްހަފެއްވެސް އޮތެވެ. އެތަނަށްވެރިވެފައިވަނީ ހަމައެކަނި ހިމޭންކަމެއްނޫނެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަނެވުނުފަދައެވެ.
***
އައްމާރުއާއި އަޒިއެލް ކުޑައިރުންފެށިގެންވެސް ޚާއްސަގުޅުމަކާއި ލޯތްބެއް އުފެދިފައިވިއެވެ. ދެކުދިން މައިންބަފައިންގެ ފަހަތުގައި ޖެހިފިތިގެން ތިބެ ނަމާދުކުރުމާއި، ސިއްރުން ރޭގަނޑު ނިކުމެ ކައިރީގައި ހުންނަ ޕާކިސްތާނުގެ ބޭކަރީއަކުން ސަމޯސާ ގަތުމާއި އެކުދިންގެ އުއްމީދުތަކާއި ހުވަފެންތައް ހިއްސާކުރުމަކީ ގުޅުން ވަރުގަދަވުމުގެ އަސާސެވެ. އަދިވެސް ހަމަ އެންމެ ގާތް އެކުވެރިންގެ ގޮތުގައެވެ. އައްމާރު ޑިއުޓީގައި ހުއްޓަސް ދޭތެރެއަކުން ޖޯކެއް ފޮނުވުން، މެސެޖްކޮށްލުން ނޫނީ ހަމަ އާދައިގެ ގޮތަކަށް "ޔޫ އޯކޭ؟ފަދަ ލަފުޒަކުންވެސް އެ ގުޅުމުގެ ރޮދިފަށް ނުކެނޑި ބާރުކޮށްލެވިފައިވިއެވެ.
އައްމާރުއަކީ މައިންބަފައިންނަށް ލިބޭނެ އެންމެ ރަަގަޅު ފިރިހެންދަރިއެވެ. ހުރިހާކަމެއްގެ ތެރެއިންވެސް އޭނަގެ އީމާންކަމާއި، ޒިންމާތަކާއި އަދި ސަކަމިޒާޖު ބެލެންސްކޮށްގެން ދިރިއުޅުން އޮމާންކަމާއެކު ކުރިއަށް ގެންދެއެވެ. އޭނަ ދުވަސްފަށަނީ ފަތިސްނަމާދާއި ޒިކުރުންނެވެ. ބައެއްފަހަރު ސްޓެތޮސްކޯޕް ކަރުގައި އަޅުވައިގެން ހުރެ ނަމާދުކޮށްލައެވެ. އަދި އޭނަ ގަޟާގަދަރަށް އީމާންވެއެވެ. ހަޔާތުގެ ވާހަކަ ސްކްރިޕްޓް ﷲ ތައާލާ ލިޔުއްވާފައިވިޔަސް އިންސާނާއަށް އަމިއްލަ އިޚުތިޔާރު ދެއްވާފައިވޭ ނޫންހެއްޔެވެ؟ އޭނަ ކޮންމެހެން އެންމެ ފުރިހަމަ އިންސާނަކަށްވާން މަސައްކަތެއްނުކުރެއެވެ. އެކަމަކު ހުނުމާއި ބަލިތަކުގެ ބޮޑުހަލަބޮލިކަމެއްގައި ހޮސްޕިޓަލާއި ގެ ވާއިރު އޭނަވެސް މަސައްކަތްކުރަނީ ތެދުމަގުގައި ހުރުމަށެވެ. ލޯބީގެ އެންމެ އުދަގޫ ވައްތަރަކީ އޭނަގެ ދުވާލުގެ ތާވަލްގެ ބައެކެވެ. ނަފްސާނީ ބައްޔެއް ޖެހިފައިވާ ކުއްޖަކާއެކު ދިރިއުޅުމުގެ މަރުހަލާތައް ކަޑައްތުކުރަމުން އަންނަ އިރު ދިމާވާ ގޮންޖެހުންތަކާއި އުދަގޫތައް ތަހައްމަލުކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަކަމެއްނޫނެވެ. އެކި މީހުންނަށް އެކަންތައް ނަގައިގަތުމުގެ ގާބިލުކަން ހުންނާނީ އެކިވަރަށެވެ. އެފަދަ އާއިލާއަކަށް ނޫނީ އެ އިހުސާސްތައް ދެނެގަތުމަކީ ކުޅަދާނަކަމެއް ނޫނެވެ.
އައްމާރު ސޯފާގައި އޮތީ މޫނުގައި މެޑިކަލް ޖާނަލްއެއް އަޅައިގެންނެވެ. އެތައް އިރެއްވާންދެން ފޮތް ކިޔަން އޮވެފައި ސޯފާގައި ހަށިގަނޑު ދަމައިލިތަނާ އަޒިއެލްގެ އަޑު އިވުނެވެ.
"އަހަންނަށް ގަބޫލެއްވެސް ނުކުރެވޭ...ޝީ ގޯސްޓެޑް މީ އެގެއިން..."
"ފަހަރެއްގައި އޭނަވެސް އާޒްގެ ކުޑައިރުގެ ޓްރޯމާއާއި އެނިމޭގެ އަށް މިނިޓްގެ ވޮއިސް ނޯޓްތައް ދެކެ ބިރުގަތީކަމަށްވާނީ.."
"އޭގައި ހުންނާނީ ވަރަށް ހައްސާސް ކޮންޓެންޓް. އަދި އޭނަ ނަރުޓޯދެކެވެސް ލައިކްވޭ..."އަޒިއެލް ކައުޗްގެ އަތްގަނޑުމަތީގައި އިށީނެވެ."އަހަރެން ވާނީ މޮންކްއަކަށް..........."
"ނުބައި ދީނެއްނު ތީ..."އައްމާރު މޫނުމަތިން ފޮތްކުޑަކޮށް ދުރުކޮށްލިއެވެ.
"ފައިން، އެހެންވެއްޖެއްޔާ އަހަރެން ޖަޕާނަށް ހިޖުރަކުރާނީ.. ފަރުބަދައެއްގެ މަތީގައި ސުޝީބާރ އެއް ހުޅުވާނީ.."
"ޝެލްފިޝްއަށް އެލާޖިކްއެއް ނޫންތަ؟"
ކުޑަ ހިމޭންކަމެއް ވެރިވެގެން ދިޔައެވެ.
"ފައިން. އެހެންވިއްޔާ ކޭމްޑެން ގައި ފަލާފުލް ސްޓޯލްއެއް ހުުޅުވާލައިގެން ފިލޯސަފަރަކަށްވާނަން.."
އޭނަ ތެދުވެފައި އަޒިއެލްގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ." ތިހަމަޖެހުނީނު. ފަލާފުލްއާއި އިހުސާސްތައް އެކުވީމަ އެއަށް ބުނެވޭނީ ވްރެޕް ތެރަޕީއޭ..."
އައްމާރު ގޭގައި ސަކަރާތްޖަހާ އުޅުނަސް ޑިއުޓީއަށް ގޮސްފައި ރަސްމީކަމެއް ހުރެއެވެ. ކޮންމެ ފަދަ އިމަޖެންސީއަކާއި ކުރިމަތިލުމުގެ ހިތްވަރާއި ގާބިލުކަން، މަޑުމައިތިރިކަން އަދި އެއާއެކު އެހެން މީހުންގެ ހިތްތައް އަތުލުމުގައި ކުޅަދާނައެވެ. ޚާއްސަކޮށް ތަނުގައި މަސައްކަތްކުރާ އަންހެންވެރިންނަށް ވަރަށް ކަމުދާ ޒުވާނެކެވެ. ބަލިމީހުންނަށްވެސް ޚާއްސައެވެ.
"ޑޮކްޓަރ....މީހަކާއި ކައިވެނިކޮށްފިންތަ؟" އޮކްސިޖަން ގުޅާފައި އޮތް އަންހެނަކު ސުވާލުކުރިއެވެ.
"ނޫން އާންޓީ. އަދި ނުކުރަން..."
"މަގޭ މާމަދަރި ފާމަސީ ކޯހެއް އެބަހަދާ..ބަސްއަހާ ކިޔަމަންތެރި އަންހެންދަރިއެއް....މޫނުމަތީގައި އެންމެ ބަހެއްވެސް ނުބުނާނެ.."
"ވޮންޑަރފުލް...އެކަމަކު މި އީސީޖީ ޗެކްކޮށްލަން އެބަޖެހޭ އާންޓީގެ ގްރޭންޑްސަން އިން ލޯއަކަށް ވުމުގެކުރިން.."
އަންހެންމީހާއަށް ހެވުނުވަރުން ނޯށަށް ނޭރީވެސް ކިރިޔާއެވެ.
އެރެއަށް ކެއްކީ ފަރުޒާނާއާއި ކައިލާ އަދި ޒޭބާވެސް ބައިވެރިވެގެންނެވެ. ޓިރަމިސޫވެސް ހެދީ ޒޭބާ ދުވަހަކުވެސް އަދި ރަހަ ނުބަލާ އެއްޗަކަށް ވުމުންނެވެ. އެންމެން މޭޒުދޮށުގައި ކާންތިބިއިރު ބޮޑަށް ދެކެވުނީ ދިރިއުޅުމުގެ ވާހަކަތަކެވެ.
"ޔޫ ނޯ އައްމާރު ބައްޕައަށް ފަންސަވީއަހަރު ފުރުނުއިރު ކައިވެނިކޮށްގެން ހަތަރު ދަރިން ލިބުނު....އަދި މޯގޭޖްވެސް ކުރިން" ޔޫސުފް ބުނެލިއެވެ.
"ބައްޕަ ހީކުރެއްވޫ Y2K ބަގްވެސް ހަގީގަތަށް ކަމަށް. އަދި އަޅުގަނޑުމެންނަށް ޖެހުނީ ކާނާ ދަޅުތަކާއި ޕެކެޓްތައް ގަނެ އުއްބައްތި ދިއްލާލައިގެން ބޭސްމެންޓްގައި ތިބެން..." އަޒިއެލް ބުމަ އަރުވައިލިއެވެ.
"އެހެންވީމައެއްނު ސަލާމަތްވީ...ނޫންތަ ދަރިފުޅު؟"
"ހަމަ ކިރިޔާ...އަހަރެމެންގެ ވައިފައިކޮޅުވެސް ހުސްވީ..."
"1999ވަނަ އަހަރު ވައިފައިއެއް ނުހުރޭ..."ޔޫސުފް ހަނދާންކޮށްދިނެވެ.
"އެކްޒެކްޓްލީ ބައްޕާ...އެއީ ހަމަ އަނދިރި ދުވަސްތަކެއް...."އަޒިއެލް އަވަހަށް ބުނެލިއެވެ.
***
ދެހަފްތާ ފާއިތުވެގެން ދިޔައިރު ޔޫސުފްގެ ގެއިން ފެންނަމުން ދިޔައީ އުފާވެރިކަމާއި ދިރުމެވެ. މާހިރާއާއި ޒޭބާވެސް ލަންޑަނުގެ އެކި ތަންތަނަށް ޒިޔާރަތްކޮށް ބޭނުންވަރަކަށް ފޮޓޯނަގާ ޝޮޕިންވެސް ހަދައިލިއެވެ. ތަފާތު ވައްތަރުގެ ދިވެހި އަދި އިނގިރޭސި ކެއްކުންވެސް އެންމެން އެކީގައި ކައްކާ ކައި ހެދިއެވެ. މާހިރާގެ ހިތުގައި ދައްތައާއިމެދު އޮތް ހަސަދަވެރިކަންވެސް ކޮންމެވެސް ވަރަކަށް ފިލާ ސާފުވިއެވެ. އޭނަ ނިންމައިގެން ހުރީ ފުރާ ތާރީޚު ފަސްކޮށްލުމަށެވެ. ނަމަވެސް ޒޭބާއާއި އަޒިއެލްއާއި ކޮންމެވެސް ކަހަލަ އެކުވެރިކަމެއް އޮތްކަމާއިމެދު ޝައްކުވީފަހުން ފާރަލާން ފެށުނެވެ. އެހެން އުޅެނިކޮށް ދެމީހުން އެކަނި ކާކޮޓަރީގައި ކޮފީ ބޯން ތިބިތަން ފެނުމުން ހިތުގައި ބިރުވެރިކަމާއިއެކު ރުޅިވެރިކަން އުތުރިއަރައިގަތެވެ. އައްމާރުގެ ބަދަލުގައި ޒޭބާގެ ހިތުގައި އަޅައިގަތީ މި މޮޔަކުއްޖާހެއްޔެވެ؟
އޭނަ ލޮލުން އަލިފާން ބުރުވަމުން އައިގޮތަށް ޒޭބާގެ މޫނުމަތީ އެތިފަހަރެއް ޖެހިއެވެ. އޭނަގެ އަތުގައި ހުރި ކޮފީތަށިވެސް ބަންޑުންވެ ހުދުކުލައިގެ ހެދުމަށް ބުރައިގެންގޮސް ލައް ޖެހުނެވެ.
"އޭނައާއެކީ އެކަނި މިތާ؟ ހޭން؟ ވާހަކަދައްކަން؟އަސްތަޣުފިރުﷲ....ޒޭބާ.އޭނައަކީ ބަލިމީހެއް.....އެކީ އުޅުން ރައްކާތެރިއެއްނޫން..މީހުން ބުނާނީވެސް ކީކޭތަ؟"
ފަރުޒާނާއާއި އައްމާރުއަށްވެސް އެތަނަށް އާދެވުނީ ކަމެއް ގޯސްވެއްޖެކަން ޔަގީންވެގެންނެވެ.
"އޭނަގެ ކައިރީގައި ހުރެ ކޮން ޗުކުޗުކެއް ތި ލައްވަނީ؟ އަހަރެން ކިތައްފަހަރު ބުނާނީ އެ މޮޔަކުއްޖާ އާއި ކައިރިނުވާށޭ. އެހެން ހުރެފައި މޮޔަ ބޮލަށް އެރިގެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ..މިހާރުވެސް ނަބިއްޔުންގެ ދަރަޖައިގެ ހުވަފެން ދެކެގެން އެދައްކާ ހަމަނުޖެހޭ ވާހަކައިން އަހަރެމެން ބިރުގަނޭ. ދުވަސްކޮޅަކުން އިމާމް މަހުދީކަމަށް ދައުވާނުކޮށްފިއްޔާ ރަގަޅު......."
"މަންމާ.މިއީ އަހަރެންގެ ކަޒިންއެއް. ނުރައްކާތެރި މީހެއްނޫން. ބައެއްފަހަރު ހަމަ ބަލިވަނީ...."
"އަހަރެމެން ތަރުބިއްޔަތު ކުރެވިފައިވަނީ މިގޮތަކަށްނޫން..ފިރިހެންކުދިންނާއި ޚާއްސަކޮށް މޮޔަކަން ބޮލަށް އެރިގެން އުޅޭ ކުދިންނާއި ގުޅުން ބަދަހިކުރާކަށް ނޫން..ޒިޔާރަތްކުރަން އައީ..ކޮންމެހެން ރައްޓެހިވާނެ މީހަކު ހޯދާކަށް ނޫން އެވެސް މިކަހަލަ..........."
"ހަމަ ބުނަންވީ.. ދަ މޭޑް ބޯއި...." އަޒިއެލްގެ އަޑުގައި އެއްވެސް އަސަރެއްނެތެވެ.
"ކޮންމެހެން އެހެން ބުނާކަށް ނޫން..."މާހިރާ އަވަސްއަވަހަށް ބުނެލިއެވެ.
"ނޫން ދައްތަ ބުނަން ބޭނުންވީ އެހެން އެކަމަކު ކުށްވެރިއެއް ނުކުރާނަން...."
އެންމެންވެސް ތިބީ ހިމޭނުންނެވެ. ބުނަންވާ އެއްޗެއް ނޭގިފައެވެ. ފަރުޒާނާ ކުރިއަށް ޖެހިލިއެވެ.
"އެއީ މޮޔަކުއްޖެއްނޫން...މަގޭ ދަރިފުޅު...އެކުއްޖާއަށް ﷲ ތައާލާ އިމްތިހާނުކުރެއްވީ މިފަދަ ކޮންޑިޝަންއަކުން. އެކަމަކުވެސް ފުރާނައާއި ސިކުނޑިއެއް ދެއްވާފައިވޭ...އަދި އަހަރެމެންގެ ހިތުން ޖާގަ....."ފަރުޒާނާ ތަންކޮޅެއް ހަރުކަށިވިއެވެ.
"ދައްތަ މާ ޅަކުރާތީ އަޒިއެލް ހަލާކުވީ..."މާހިރާ ތުން އަނބުރައިލިއެވެ.
"ނޫން ދައްތާ.. އާޒްއަށް މި މައްސަލަކުރިމަތިވީ ﷲ ތައާލާ އާޒްގެ ސްޓޯރީ މިހެން ލިޔުއްވާފައިވީމަ..އެންމެފަހުން އަޅުގަނޑުމެންނަށްވެސް ދަސްވަމުން އެބަދޭ އޭނަގެ ސިކުނޑި ކިޔައިލަން..އެފަދަ ކުދިންނާއެކު އުޅެ ދަސްކުރަން ޖެހެނީ.........."
ޒޭބާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"އަހަރެން ބޭނުން އަޒިއެލްއާއި ވާހަކަަދައްކަން. އައި ވޯންޓް ޓު އަންޑަސްޓޭންޓް...ވީމަ އަހަރެން ދުރުވިޔަނުދީ..." ޒޭބާ ބުނެލިއެވެ.
މާހިރާއަށް ލިބުނު ޝޮކާއެކު ލޯބޮޑުވިއެވެ. ދެންމެ ދެންމެ އަނބުރައިގެން ވެއްޓިދާނެފަދައެވެ. ލިބުނު ޝޮކާއެކުވެސް އަގުބޮޑު އެއްޗެއް ބީވެގެން ދިޔުމުން ވާނެ ދެރައާއި ނުތަނަވަސްކަމުގެ ޒައްރެއްގެ މިންވަރުފެނުނެވެ. އެއްބަސްވުމެއް އަދި އެކަން ގަބޫލުކުރުމެއްނެތެވެ. ހައިރާންކަމެއް ލިބިފައެވެ. ފަހަރެއްގައި މިއީ ފެށުމެއްކަމަށް ވެދާނެއެވެ.
"ވީ ލީވް ޓޮމޯރޯ..."މާހިރާ އަޑުކޮޅަށް ބުނެލާފައި ފައިވާނުން އަޑުގޮއްވަމުންގޮސް ކޮޓަރިއަށްވަދެ ދޮރު ބަންލާފައި ޖެހި އަޑު އިވުނެވެ. ޒޭބާގެ މޫނަށް ރަތްކުލަ ފޭދުނެވެ. މަންމަ އެހާ އަޅުވެރިކަމަށް ދައުވާކުރާއިރު އަމަލުންވެސް އެކަން ދައްކަން ޖެހޭނޫންހެއްޔެވެ؟ މަންމަގެ ހިތުގައިވާ ނޭއްގާނިކަމާއި ހަސަދަ އަދި ރުޅިވެރިކަން މަތަކުރާނެ ކެތްތެރިކަމެއްވެސް ނެތެވެ.
"އަހަރެން ދިފާއުކުރުމުގެ ބޭނުމެއްނެތް...."ޢަޒިއެލް ބުނެލިއެވެ.
"އަހަރެން ދިފާއުކުރީ އަމިއްލަ ނަފުސް....ވޭނަށް ބިރުގަތުމުގެ އީމާންކަމުގެ ވާޝަންއަކުން އެކަން ދީނީ ނަޒަރަކުން ބަލައިގަންނަ މީހަކަށްވާން ބޭނުންވީ......."ޒޭބާގެ ލޮލުން ދިލަނަގަންފެށިއެވެ. އޭނަގެ ސަބަބުން މަންމައާއި ބޮޑުދައިތައާއި ދޭތެރޭގައި އޮތް ނާޒުކް ގުޅުން އެއްކޮށް ކެނޑިގެންދާން ބޭނުމެއްނުވިއެވެ. އެކަމަކު މިވަގުތު މަންމައާއި ކުރިމަތިލާނެ ހިތްވަރެއްވެސް ނުލިބުނެވެ.
އަޒިއެލް ހިނިތުންވެލިއެވެ.
ނުނިމޭ