ޖޭމްސް ކެމެރަންގެ އެންމެ މަގުބޫލު ފްރެންޗައިޒް "އެވެޓާ"ގެ ތިންވަނަ ބައިގެ ރަސްމީ ޕޯސްޓަރު އާންމުކޮށްފިއެވެ.
އެވެޓާގެ ސޯޝަލް މީޑިއާއިން އާންމުކޮށްފައިވާ ރަސްމީ ޕޯސްޓަރުން ފެނިގެންދަނީ އަންހެން ލީޑް އެކްޓަރު ޒޯއީ ސަލްޑާނާގެ ކެރެކްޓަރު "ނޭތިރީ"އެވެ. ޕޯސްޓަރުން މި ފިލްމުގެ ތީމުވެސް ކޮންމެވެސް ވަރަކަށް އެނގިގެން ދެއެވެ.
އެވެޓާގެ ތިންވަނަ ބައި "ފަޔާ އެންޑް އޭޝް" މިއަހަރުގެ ޑިސެލްބަރު 25 ގައި ޕްރިމިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދެހާސް ނުވައެއްގައި ރިލީޒްކުރި "އެވެޓާ"ގެ ތިންވަނަބައި ގެނެސްދޭން ދޭން ތައްޔާރުވަމުންދާއިރު، ދެވަނަ ފިލްމެއް ނެރެފައިވަނީ ފުރަތަމަ ފިލްމު ނެރުނުތާ 13 އަހަރު ފަހުން 2022 ވަނަ އަހަރެވެ.
އެވެޓާއަށް އޮތް މަގުބޫލުކަން 2022 ވަނަ އަހަރު ފެނިފައިވާއިރު، އެ ފިލްމުވީ މުޅި ބޮކްސް އޮފީހުގެ ތާރީޚުގައި ވެސް ތިންވަނައަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމަށެވެ. އެގޮތުން އެ ފިލްމަށް 2.3 ބިލިއަން ޑޮލަރު ލިބުނުއިރު ފުރަތަމަ ފިލްމުގެ އާމްދަނީ އެކަނި ވެސް ތިން ބިލިއަން ޑޮލަރާ ގާތް ކުރެއެވެ.
ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މި ފްރެންޗައިޒްގެ ކޮންމެ ފިލްމަކީ ވެސް ހޮލީވުޑްގެ ގިނަ ފިލްމުތަކަށް ވުރެ ދިގު ފިލްމުތަކެވެ. އެގޮތުން ފުރަތަމަ އެވެޓާ ފިލްމަކީ ދެ ގަޑިއިރާއި 44 މިނެޓުގެ ފިލްމެކެވެ. އަދި އެންމެ ފަހުން ނެރުނު ފިލްމަކީ ތިންގަޑިއިރާއި 14 މިނެޓުގެ ފިލްމެކެވެ. މިއަހަރު ނެރުމަށް ތައްޔާރުވާ ފިލްމަކީ ފްރެންޗައިޒްގެ އެންމެ ދިގުވާނެ ފިލްމެވެ. އެގޮތުން މި ފިލްމުގެ ދިގުމިން ގާތްގަނޑަކަށް ހަތަރު ގަޑިއިރާ ގާތްކުރާނެއެވެ.
އެވެޓާ ފްރެންޗައިޒްގައި ޖުމްލަ ފަސް ފިލްމެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ. ޑިލޭތަކަކަށް ފަހު ފިލްމުތައް ރިލީޒްކުރުމަށް މިހާރު ތާވަލުކޮށްފައިވަނީ ހަތަރުވަނަ ފިލްމު 2029 ގައެވެ. އަދި، ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު ނެރޭނީ 2031 ގައެވެ.