ކުއްޖަކު ހޯދައި އަމިއްލަ އާއިލާއެއް ބިނާކުރަން އަދި ނުވިސްނަން: ޖޯން

ބޮލީވުޑް އެކްޓަރު ޖޯން އަބްރަހަމް--ފޮޓޯ/ބޮލީސްޕައިސް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯން އަބްރަހަމް އާއި އަންހެނުން ޕްރިޔާ ރަންޗަލްގެ ކައިވެންޏަށް 11 އަހަރުވެފައިވާއިރު މި ދެމަފިރިން ކުއްޖަކު ހޯދުމަށްވުރެ މުހިއްމު އެހެނިހެން ކަންކަން ދިރިއުޅުމުގައި އެބަހުރި ކަމަށް އެކްޓަރު ބުނެފިއެވެ.

ޖޯން ތަންކޮޅެއް ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، ޖޯން އާއި ޕްރިޔާ އަކީ ވަރަށް ބުރަކޮށް އާމްދަނީ ހޯދަން މަސައްކަތްކުރާ ވަރަށް 'އެމްބިޝަސް' މީހުން ކަމަށެވެ.

އެހެންވެ އަމިއްލަ އާއިލާއެއް ފެށުމުގެ ކުރިން މަސައްކަތުގެ މާހައުލުގައި އިސްކަންދިނުން މުހިއްމު ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެކަމަށް ވަރަށް ވަގުތު ބޭނުންވާ ކަމަށާއި ކުއްޖަކު ހޯދުމަށްފަހު އެ ކުއްޖަކު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ޒިންމާ އަދި ނެގެން ނެތް ކަމަށް ޖޯން ވަނީ ބުނެފައެވެ.

ޖޯން އަދި އަންހެނުން ޕްރިޔާ--ފޮޓޯ/ހިންދުންސްތާންޓައިމްސް

ނޯތްއީސްޓް ޔުނައިޓެޑް އެފްސީގެ ނަމުގައި އަމިއްލަ ފުޓްބޯޅަ ޓީމެއް ގެންގުޅޭ ޖޯން އަކީ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް އުފައްދާފައިވާ އެކްޓަރެކެވެ.

ފިލްމު ކުޅުމުގެ އިތުރުން އަމިއްލަ ޕްރޮޑަކްޝަން ކުންފުނީގެ މަސައްކަތާ އެކު ފުޓްބޯޅަ ޓީމުގެ މަސައްކަތް ހިންގަން ވަރަށް ވަގުތު ބޭނުންވާތީ އަމިއްލަ އާއިލާއެއް ފެށުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމަށް ޖޯން ވަނީ ބުނެފައެވެ.

ކުއްޖަކު ލިބުމަށްފަހު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ބަދަލު ގެންނަން ޖެހޭއިރު މިވަގުތު ޖޯން އާއި އަންހެނުން ޕްރިޔާގެ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން އެކަމަށް ވަގުތު ބޭނުންވާ ކަމަށް ޖޯން ވަނީ ބުނެފައެވެ.

ތާރާ ޝަރުމާ ޝޯއަށް ދިން އިންޓަވިއުއެއްގައި ޖޯން ބުނެފައި ވަނީ އެ ދެމަފިރިންގެ އާއިލާއިން ވެސް ކުއްޖަކު ހޯދުމަށް ބާރު ނާޅާ ކަމަށާއި އެހެންވެ އެއީ މާބޮޑު މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.

ޖޯން އާއި އަންހެނުން ޕްރިޔާ އަކީ އަބަދުވެސް ދެ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ވަރަށް ޕްރައިވެޓްކޮށް ބޭއްވުމަށް ބޭނުންވާ ދެ މީހުންނެވެ. ހާއްސަކޮށް ޖޯންގެ އަންހެނުން ޕްރިޔާ އަކީ މީޑިއާއާ ވެސް ވަރަށް ދުރުގައި އުޅެން ލޯބިކުރާ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުއްޖަކު ހޯދުމަށްފަހު އާއިލާއެއް ބިނާކުރުމުގެ ވިސްނުން ޖޯންގެ ދެމަފިރިންގެ ނެތް އިރު ކައިވެންޏަށްފަހު ދަރިން ލިބި ފިލްމީ ދާއިރާގައި ކާމިޔާބު ތަރިންގެ ގޮތުގައި މަސައްކަތްކުރާ ފިލްމީ ތަރިން އިންޑަސްޓްރީގައި އަންނަނީ އިތުރުވަމުންނެވެ.

ޖޯން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރު ރިލީޒްކުރި ފިލްމު "ދަ ޑިޕްލޮމެޓް"އިންނެވެ.

comment ކޮމެންޓް