ކާވާ ކުލަބު މުބާރާތުން ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުމުގެ ފުރުސަތު

ނޫސްވެރިންގެ ބައްދަލުވުމުގައި ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ލަތީފް-- ފޮޓޯ: ސަން

ފުރަތަމަ ފަހަރަށް ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ)ގެ ކުލަބު ވޮލީބޯޅަ ޓީމުތަކަށް ދުނިޔޭގެ ވޮލީބޯޅައިގެ ކުލަބު ލެވެލްގެ އެންމެ ބޮޑު މުބާރާތަށް ކޮލިފައިވުމުގެ ދޮރު ހުޅުވިފައިވާ ކަމަށް ހާމަކޮށްފިއެވެ.

މާދަމާ މާލޭގައި ފަށާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ އޭގެ ފެށުމެވެ. މި މުބާރާތުގެ ޗެމްޕިއަނަށް ހޮވޭ ޓީމަކަށް އޭޝިއާގެ އެންމެ ބޮޑު ކުލަބު މުބާރާތް ކަމަށްވޭ އޭވީސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބެއެވެ.

އޭވީސީ ކުލަބު މުބާރާތް ކާމިޔާބުކޮށްފިނަމަ ދުނިޔޭގެ އެންމެ ބޮޑު ކުލަބު ވޮލީބޯޅަ މުބާރާތުން ފުރުސަތު ލިބޭނެއެވެ. އެހެންކަމުން މިއީ މި ސަރަހައްދުގެ ވޮލީގައި ބޮޑު ކާމިޔާބީއެކެވެ.

ރާއްޖޭގައި ފަށާ ކާވާ ޗެމްޕިއަންސް ލީގުގައި ޖުމްލަ ހަ ގައުމެއް ވާދަކުރެއެވެ. އެއީ ރާއްޖޭގެ ދެ ކުލަބު ކަމަށް ކުލަބު އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ބޭރުގެ ހަތަރު ޓީމެއް ވާދަކުރެއެވެ.

ދެން މި މުބާރާތުގައި ވާދަކުރަނީ ކަޒަކިސްތާނުގެ ޒައިކް ވީސީގެ އިތުރުން ކިރްގިސްތާނުގެ ބިޝްކެކް، އަދި ނޭޕާލުގެ ޗެމްޕިއަން ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި ލަންކާގެ ޗެމްޕިއަން ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީއެވެ.

ލީގު އުސޫލުން ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ލިބޭ ދެ ޓީމަކަށް ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން ތިންވަނަ އާއި ހަތަރުވަނަ ޓީމުގެ މެދުގައި ރޭންކިން މެޗެއް ކުޅޭއިރު، ފަސްވަނަ އަދި ހަވަނަ ޓީމުގެ މެދުގައި ވެސް ޕްލޭއޮފް މެޗެއް ކުޅޭނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ސަން

މުބާރާތް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަދި ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ މިމުބާރާތަކީ ކާވާގެ ތާރީޚުގައި ވެސް ވަރަށް މުހިންމު މުބާރާތެއް ކަމަށެވެ.

"މުބާރާތް މުހިންމުވާ ސަބަބަކީ އެފްއައިވީބީ ވޯލްޑް ކޮލިފިކޭޝަންއަށް ކޮލިފިކޭޓިން ޕާތުވޭއެއްގެ ގޮތުގައި މިމުބާރާތް ހިމެނިގެންދާތީ. އެހެންވީމާ މި ކާވާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޓީމު މި ކޮލިފައިވަނީ އޭވީސީ ޗެމްޕިއަންސް ލީގަށް. އަދި އޭވީސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމެއް އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕަށް މި ކޮލިފައިވަނީ. އެހެންވީމަ މިމުބާރާތުގެ މުހިންމުކަން އެނގިގެން މިދަނީ" ލަތީފް ވިދާޅުވިއެވެ.

މަދަމާއިން ފެށިގެން އަންނަ ބުދަ ދުވަހަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގުގައި ވާދަކުރާ ހުރިހާ ޓީމެއް މިހާރު ވަނީ ރާއްޖެ އައިސްފައެވެ. މުބާރާތުގެ ހުރިހާ މެޗެއް އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް