"ދިރިއުޅުމުގައި ބައިވަރު އިމްތިހާނުތައް ކުރިމަތިވާނެއެވެ. ލޯތްބާއި އުފާވެރިކަމާއި ރީތި ދުވަސްތަކެވެ. ހަމައެއާއެކު ހިތްދަތިކަމާއި، ތަދުތަކާއި، ވަކިވުމާއި، ގެއްލުމެވެ. ފިލާވަޅުތަކެވެ. ތަޖުރިބާތަކެވެ. އުފަލާއި ހިތާމައިގެ ވަގުތުވެސް ﷲތައާލާ އަށް ހަމްދުކުރާށެވެ. ނަމާދާއި ޒިކުރުން ކެތްތެރިކަން ހޯދާށެވެ. ދުނިޔެއަކީ ވަގުތީ މަންޒިލެކެވެ. ހަގީގީ އުފާވެރިކަން އޮތީ މި ހުވަފެނުން ހޭލެވުމުންނެވެ."
***
"ސްޓުޕިޑް...މިހާރު ހީކުރާނީ އޭނަގެ ސަމާލުކަން ހޯދަންކަމަށް....މޮޔަވިޔަސް ބޮޑުވަރު. މީހެއްގެ ފިރިއެކޭ......."މިިރިއަމްގެ ޟަމީރު އަޑުލައިގަތެވެ.
"ޖަމީލާއްތަ..އަދިވެސް ނުނިމެނީތަ؟" ހަމްޒާއަށް އަނގައިން ނުބުނެ ދާކަށް ނުކެރުނެވެ.
"އައްސަލާމް އަލައިކުމް......ކޮން ދުވަހެއް ނުފެނި........."ޖަމީލާ ތެދުވެ ހަމްޒާގެ އަތުގައި ބާރަށް ހިފެހެއްޓީ ހިނިތުންވަމުންނެވެ. މިރިއަމްގެ ގައިގާ ވި ހާ ލޭތައް މޫނަށް އެއްވެގަންނަން ހިނދުކޮޅެއްވެސް ނުނެގިއެވެ.
"މިރިއަމް އަދިވެސް މީހަކާއި ނީދެ..ހަމްޒާގެ އިންތިޒާރުގައި...އެކުއްޖާ މުޅި އުމުރު ހުސްހަށިބަޔަށް ހުރެދާނެތީ ކަންބޮޑުވަނީ..ދެން ލަސްނުކޮށް އަވަހަށް ކައިވެނިކުރަންވީނު............"ޖަމީލާ ހަމްޒާގެ އަތަށް ބާރުކޮށްލަމުން ކުރިއަށްވުރެ ބޮޑަށް ހީލިއެވެ.
"މަންމާ........."އޭނަ ގަތްލަދު ފޮރުވަން ހީލަމުން ހަމްޒާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. ފަޅި ސިކުންތުކޮޅަކަށެވެ."އައިމް ސޮރީ......މަންމަ..... މަންމަގެ....ގޮތް އެނގެއެއްނު...މާކުރީގެ ހަނދާނެއް....އަމް. ޕްރޮޕޯސް ކުރި ހަނދާން އެވީ......މަންމަ ހިނގާ އަވަހަށް ގެއަށް ދާން..ޒުބޭރު އެހެރީ ލަސްވެފައި....................."
މަންމަގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިލަމުން އަވަހަށް އެތަނުން ދާން ހިނގައިގަތްއިރު އޭނަގެ ހިތްވެސް ތެޅެމުން ދިޔަގޮތުން ހުއްޓިދާނެފަދައެވެ. އެންމެ ލަދުގަތީ އޭނަ އަޅަ އަޅައިގެންފާ ވާހަކަދެއްކުނު ގޮތުންނެވެ. އަނެއްކާ ހަމްޒާއަށް ޝައްކުވާނެހެއްޔެވެ؟ ހަމްޒާ ގަބޫލުކުރާނީ މަންމަގެ ވާހަކަހެއްޔެވެ؟ ލަދުގެ މައްޗަށް ކޮންމެވެސް ވަރަކަށް ރުޅިވެރިކަން އިސްކުރެވުނެވެ. "މަންމަ ދެން އެކަހަލަ ވާހަކަދައްކަނީ ކީއްކުރަންތަ؟ މަންމައަށް އެނގޭތަ؟ ހަމްޒާއަކީ މީހެއްގެ ފިރިއެއް...އޭނަ ކައިރީ މަންމަ އެހެން ނުބުނިނަމަ.މިރިއަމް މީހެއްގެ ފިރިއަކަށް އިންތިޒާރުކުރާ ވާހަކަ ބުނީމަ އޭނަވެސް އަޖައިބުވެފައި ހުރީ........"
ޖަމީލާގެ ސިކުނޑިން އެ ހިނދުކޮޅުވެސް ގެއްލުނެވެ. "ކޮން މިރިއަމްއެއް؟"
މިރިއަމްއަށް ހިނދުކޮޅަކަށް ލޯ މަރައިލެވުނެވެ. މަންމަގެ ސިކުނޑި ރަގަޅަށް ހުންނަ ވަގުތެއް ވެއްޖެއްޔާވެސް މާ ކުރީގެ ހަނދާން އަންނަނީ ކީއްވެބާވައެވެ.
"މިރިއަމް...ހާދަ މޫނު ރަތްވެފައި...ކިހިނެއްވީ އަނެއްކާ؟" ޒުބޭރު އެމީހުންނާއި އަރާ ހަމަކުރިއެވެ.
"ކަމެއްނުވޭ....."
"ބައެއްކުދިން ސިއްރުވެރިކަމުން ދެން ވާހަކައެއްވެސް ދެއްކޭކަމަކަށް ނުވޭ...އަހަރެންވެސް މިހާރު ވަރަށް ވައިސްވާނެ އިނގޭ.."
"ތިބުނީ؟"
"މިބުނީ މަގޭ ވިޒްޑަމް ޓޫތު ފަޅައިގެންނޭ މިއުޅެނީ. އެކަމާއިހެދި މި ބޭހަކުން އަރައިގަނެވޭކަމަކަށް ނުވޭ.... އެ ނެތިއްޔާ ވާނީ ސިކުނޑި މުޅިން ފުރިހަމަނުވާކަމަށް....މިރިއަމް އެކަން ދަންނަންތަ؟ މިރިއަމްގެ ވިޒްޑަމް ހުރޭތަ؟"
މިރިއަމް ޖަވާބެއްނުދީ އަވަހަށް ކާރުގެ ތެރެއަށް ދެމިގަތެވެ. ބައެއްފަހަރު ޒުބޭރު ދައްކާ ވާހަކަތަކުން އޭނަގެ ސިކުނޑިއަށް ހޫނުވެގަނެއެވެ. އަދި މިކަހަލަ ލަދެއްގައި ބެދިފައި އަންނަވަގުތު މަޖާކޮށްލަން އޭނަ އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ. ޒުބޭރު ރަގަޅުވާނީ ހޮލީވުޑަށް މަޖާބައި ކުޅެން ފޮނުވައިލިއްޔާއެވެ. މިރިއަމް ދަތްތަކަށް ބާރުކޮށްލައިގެން އިނދެ ފޯނު ހުޅުވައިލިއެވެ. ފޯނުން އެއްޗެއް ފެންނަކަމަކަށް ނުވިއެވެ. އޭނަ ހަނދާންވަނީ ހަމްޒާގެ ލޮލުގައިވި ފުންކަމެވެ. ފަޅި ސިކުންތުކޮޅަކަށް ނަމަވެސް އޭނައަށް އެލޮލަށް ބަލައިލެވުނެވެ. ބައެއްފަހަރު އެހެންމީހުންގެ މޫނުތައް ކިޔައިލެވުނަސް އެއީ ވަރަށް ސިއްރުވެރި ފިރިހެނެކެވެ. އެލޮލުން ގިނަފަހަރު އެއްޗެއް ކިޔައިލެވުމަކީ ނާދިރު ކަމެކެވެ.
***
އެރޭ ކެއުން ނިންމައިިލިތަނާހެން ޒުބޭރު ދޮރުގައި މަޑުން ޓަކިދިނެވެ. އެންމެ ފަހަރަކުއެވެ. މަޑުމަޑުން ކޮނޑުން ދޮރު ހުޅުވައިލުމަށްފަހު ދެއަތުން ކޮތަޅުތައް ހިފައިގެން ވަނެވެ. މިރިއަމް ތަށިތައް ދޮވެ ނިމިގެން ހަރުގައި ބަހައްޓަން ހުރެފައި އިސްއުފުލައިލިއެވެ. ދޮރު ތަޅުލަން ހަނދާންނެތިފައި ހުއްޓާ އައީއެވެ.
"އަދިވެސް ގްރޯސަރީ ގެންނަނީ؟" އޭނަ ބުމަ އަރުވައިލިއެވެ.
"އެހާ ގިނައެއްނޫން..."ޒުބޭރު ކޮތަޅުތައް ކައުންޓަރުމަތީގައި ބެހެއްޓިއެވެ." ހަޑޫ ހުސްވެފައި ހުރީ....."
އޭނަ ތުވާލިކޮޅުން އަތް ހިއްކައިލަމުން ބުމަކައިރިކޮށްލިއެވެ."ޒުބޭރު އަހަރެން ބުނީމެއްނު ދެން އެއްޗެހި ނުގެނަޔަސް އޯކޭ ވާނެއޭ...އަހަންނަށް ވަޒީފާ ލިބިއްޖެ...އަހަންނަށް މިހާރު މެނޭޖްކުރެވިދާނެ. މިވަރުން ފުދޭ...ފުދޭވަރަށްވުރެ ގިނަކަންތައް ކޮށްދެވިއްޖެ......"
"އަހަންނަށް އެނގޭ..."
"ހަމަ ސީރިޔަސްކޮށް މި ބުނަނީ...އަހަންނަށް އަގު އަދާކުރެވޭވަރަށް ވުރެ މައްޗަށް ނުގެންދޭ......"އޭނަ ކޮތަޅުތަކަށް ބަލައިލިއެވެ. ޔޯގަޓާއި، ޗީޒް، ބިސް ތަރުކާރީ އަދި މޭވާވެސް ހުއްޓެވެ.
"އަހަރެން އެއްޗެއް ހޯދަން ކުރާކަމެއްނޫން....އެކަމަކު..އޯކޭ........."ޒުބޭރުގެ ލޮލުގައިވި ޝުއޫރުތައް މުޅިއަކުން ނޭގުނެވެ. ފަހަރެއްގައި މޮޅިވެރިކަމެވެ. ޔަގީނުންވެސް އުފާވެރިކަމުގެ ވިދުވަރެއް ސަމާސާކަމެއް ނެތެވެ. ބަދިގެތެރެއަށް ނަޒަރު ހިންގާލާފައި ކުޑަ ހިނިތުންވުމެއް ދިނެވެ."އަހަރެން ދަނީ...."
އިތުރު އެއްޗެއް ބުނުމެއްނެތި އޭނަ ދާން ހިނގައިގަތެވެ. ތުވާލި އަތަށް ލައިގެން އިރުކޮޅެއްވާންދެން ބަލަހައްޓައިގެން ހުރެވުނެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްލާފައި ބަދިގެ ސާފުކުރަން އުޅެގަތީ ކޮންމެވެސް ވީޑިއޯއެއް ޖައްސައިގެންނެވެ. ދަރުސް އަޑުއެހުމުން އިރުގަނޑަކަށް ޚިޔާލު ހުސްވާނެތީއެވެ. ޒިކުރުކުރުމުގެ ޖަޒާގެ ވާހަކައެވެ. ކޮންމެ ގޮތެއްވިޔަސް އެންމެ ދުވަހަކުވެސް ދޫކޮށްނުލުމަށެވެ.ދުވާލުގެ ކޮންމެ އިރެއްގައި ކޮންމެ މަސައްކަތެއްގައި ހުއްޓަސް ޒިކުރު ކުރެވިދާނެއެވެ. އެކަމަކު ވުޟޫކޮށްލައިގެން ގިބުލައަށް ކުރިމަތިލައިގެން އިނދެ ޒިކުރުކުރުމުން ރޫހާނީ ގުޅުން ވަރުގަދަވެގެން ދާނެކަމެވެ. ނަމާދުތަކުގެ ފަހުންނާއި ނިދުމުގެ ކުރިންފަދަ ވަގުތުތަކުގައިވެސް ޒިކުރުކުރުމުގެ ވާހަކައެވެ. ހުރިހާވަގުތެއްގައި ޒިކުރުކުރުމުން ﷲއާއި އަޅާއާއި ދޭތެރޭގައި އޮންނަ ގުޅުން ވަރުގަދަވެއެވެ. ޒިކުރުކުރުމުން ހިތަށް ހަމަޖެހުން ގެނެސްދެއެވެ.
އޭނަ ކޮތަޅުތައް ހުސްކޮށްފައި ތަރުތީބުން އަތުރައިލިއެވެ. ސާފުކޮށް ހުރިހާތަނެއް ފެނުނަސް ހުރިހާތަނެއް ފޮހެލުމަށްފަހު ހިތްހަމަޖެހޭވަރު ވުމުން މަންމަ އޮތްގޮތެއް ބަލައިލިއެވެ. ރަޖާގެ ތެރެއިން ކިރިޔާ މޫނު ފެންނަވަރުކޮށްލައިގެން ނިދާފައި އޮތްތަން ފެނުމުން އޭނަ އުފާވިއެވެ. ފަހަރެއްގައި މަންމައަށް ޝިފާ ލިބުމަކީ އެކަށީގެންވާކަމެކެވެ.
އޭނަ ހުރިހާ މަސައްކަތެއް ނިންމައިލުމަށްފަހު ހަމަޖެހިލައިގެން ކައުޗްގައި އޮށޯވެލީ އަމިއްލައަށް ޚާއްސަ ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައެވެ. ހިތްހަމަޖައްސައިލުމަށްޓަކާ ކޮންމެވެސް ކަމެއްކޮށްލުމަށެވެ. އޭޭނަގެ ނަން ކްލިނިކްގެ ވައިބާ ގްރޫޕަށް ލާފައި ހުރިތަން ފެނުމުން އަވަހަށް އެ ގްރޫޕް ހުޅުވައިލެވުނެވެ.އެ ގްރޫޕްގައި ޑޮކްޓަރުންގެ މައުލޫމާތާއި ފޮޓޯތައްވެސް ހުއްޓެވެ. އިޖިފްޓުން އައި ޑޮކްޓަރުންނާއި މަސައްކަތްކުރާ ހޮސްޕިޓަލުގެ ނަންވެސް އޮތެވެ. އެހޮސްޕިޓަލާއި ބެހޭ މައުލޫމާތުތަކުން އޭނަގެ ހިތަށް ނުބައިގޮތެއްވިއެވެ. ހަމްޒާގެ ފޮޓޯއަކާއެކު އޭނަގެ މައުލޫމާތުކޮޅެއް ހުރިއިރު އެ ހޮސްޕިޓަލުގެ ޑިރެކްޓަރގެ ދަނބި ދަރިކަމުގައި ލިޔެފައި އޮތުމުން އެތަނުގައި އޭނަގެ ނުފޫޒު އޮންނާނެވަރު ދެނެގަނެވުނެވެ. ވީއިރު ހަމްޒާއަކީ އާދައިގެ މީހެއްނޫނެވެ. މުއްސަދި އާއިލާއެއްގެ ދަނބިދަރިއެވެ. އަންހެނުން ހާދަ މުއްސަދިވާނެއެވެ. އޭނަ މަސައްކަތްކުރީ ހަމްޒާގެ އަންހެނުންގެ ފޮޓޯއެއް ނުފެނިގެންނެވެ. އެތައް އިރެއްވާންދެން އޭނަ ބޭކާރު މަސައްކަތްކުރަން އިނދެފައި ގަޑިއަށް ބަލައިލިއިރު އެގާރަޖެހިކަން އެނގުނެވެ. އޭނަ ވަގުތު ބޭކާރުކުރަން މިހެން އިނދެގެން ހިތަށް ލިބުނީ ކޮން ހަމަޖެހުމެއް ހެއްޔެވެ؟
އެ ގަޑީގައި ޒިކުރު ކުރެވުނުނަމައެވެ. ދަރުސް ބެލުމަށްފަހު އެއަށް އަމަލުނުކޮށް ވަގުތު ބޭކާރުކުރުމަކީ މޮޔަކަމެކެވެ. އޭނަ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. އެހެން މީހުންގެ ދިރިއުޅުމަށް ފާރަލުމުން ރަގަޅަށް ނިދޭނީހެއްޔެވެ؟ ނޫނީއުފަލެއް ލިބެނީހެއްޔެވެ؟ ޔަގީނުންވެސް އޭނައަށް ލިބުނީ އިތުރު އުދަގޫތަކެވެ.
ސަޔާރާ ބުނާގޮތަށް ހެދުނުނަމަ ފަހަރެއްގައި މިހުރިހާ އުދަގޫތަކާއިއެކުގައިވެސް އޭނަ އަށް އުފަލުން ހިނިތުންވެލެވޭނެއެވެ. އޭނައަށް އިހުސާސްކުރެވެނީ މާޔޫސްކަމެވެ. ހިތް ސާފުނޫންކަމެވެ. އެބުނާފަދައިން ފާފަތައް ގިނަވަންޏާ ހައްތާ ހިތް ކަޅުވާނީއެވެ. ސާފުކުރަންވީ އެކަނި ހަށިގަނޑާއި ވަށައިގެންވާ މާހައުލެއްނޫނެވެ. މަންމަ އަބަދުވެސް ހަނދާންކޮށްދެނީ އެންމެ ފަހު ވަގުތަށް ނަމާދު ލަސްނުކުރުމަށެވެ. އަސުރުގަޑި ކައިރިވުމުން މެންދުރު ނަމާދު އަދި އިޝާގަޑިކައިރިވުމުން މަޣުރިބުކުރުމުގެ އާދަ ދޫކޮށްލުމަށެވެ.
"މިރިއަމް.ކިތަންމެ ކުޑަ ވަގުތުކޮޅަކަށްނަމަވެސް ގުރުއާން ކިޔަވަބަލަ. އެހެޔޮ ފަސްމިނިޓަށްވެސް...އެގޮތަށް ދެމިގެންވާ ހެޔޮކަމުން ދިރިއުޅުމަށް ރަގަޅު އަސަރުކުރާނެ. އެއީ ފެށުން..ފަހުން އިތުރަށް ކިޔަވާ ހިތްވާނެ..ގުރުއާން އަޑުއިވުމުންވެސް އަސަރުކުރާނެ...އެއީ ހެއްދެވި ފަރާތުގެ ވަހީ ބަސްފުޅު..ދެލިގަނޑު ކިޔަވާހެން ގިނަމީހުން ކިޔަވާނީ. މާނައާއިމެދުވެސް ވިސްނުމެއްނެތި...." ސަޔާރާގެ ވާހަކަަތައް ހަނދާންވިއެވެ.
އޭނަ އާފުރެންފެށިއެވެ. ނިދި ލޮލަށް ސަވާރުވެގަތީއެވެ.
"މިރިއަމް. އިޝާނަމާދުވެސް ނުކޮށް ތިހިރީ...ވަގުތު ބޭކާރުނުކޮށް އަވަހަށް ދޭ..."އޭނަގެ ހިތް ތެޅިލިއެވެ. އޭނަ ހަނދާން ނެތުނީ ކީއްވެހެއްޔެވެ؟
އޭނަ އަވަހަށް ކޮޓަރިއަށް ވަދެ ވުޟޫކޮށްލައިގެން މުސައްލަ ފަތުރައިލިއެވެ. ނަމާދު ކުރެވުމުން ނުތަނަވަސްކަން ކުޑަވިއެވެ. ކޮންމެ ރުކޫއެއް، ކޮންމެ ސަޖިދައަކީވެސް ހުރިހާ ޚިޔާލެއް އެއްފަރާތްކޮށްލުމަށް ލިބުނު ރަހުމަތެއްފަދައެވެ. އާލަމްތަކުގެ ވެރި ރަސްކަލާނގެ ރޭވުމަށް އިތުބާރުކުރުމުން ބޮލަށް ފަސޭހަވާނެއެވެ.
"ދުނިޔެއަކީ ދުވަސްކޮޅެއްގެ މަންޒިލެއް. މިތަނުގައި ދިމާވާ ކަންތައްތަކާއި ފިކުރުބޮޑުވާންވީ ކީއްވެތަ؟ އެހުންނަނީ އާދައިގެ ކުދި ކަންތައް..."
ނަސީބަކުން އިޝާ ގަޑި ފާއިތުނުކޮށް ނަމާދު ކޮށްލެވުނެވެ. ކޮންމެ ނަމާދަކަށްވެސް ގަޑި ކަނޑައަޅުއްވާފައިވެއެވެ. އިޝާ ނަމާދު މެންދަމު ބާރައަށްވުރެ ލަސްކުރުން ހުއްދައެއްނޫނެވެ. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސްއިން އެކަން އެނގެއެވެ. ބައެއްރޭތައް ދިގުވެ އަދި ކުރުވުމުން އެގަޑިއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަތުވެދާނެއެވެ. ފަހަރެއްގައި މިރޭ އެގާރަގަޑި ސާޅީސްއިން ކުރުން އެންމެ ރަގަޅުަކަމަށް ވެދާނެއެވެ. މިރިއަމް ހިތްހަމަޖައްސައިލީ މިރެއިން ފެށިގެން އޭނަ ނަމާދުތައް ވަގުތުން ކުރަން އަޒުމް ކަނޑައަޅާފައެވެ.
***
މިރިއަމް ނަމާދުން ނިމިގެން ކުޑަދޮރުގެ ފޮތިތައް ދަމަންވެގެން ކުޑަދޮރު ކައިރިއަށް ހުއްޓި ބޭރަށް ބަލައިލިއެވެ. ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެ ހުއްޓުން އެރިއެވެ. މަގުގައި ދިއްލާފައިވާ ބައްތީގެ ފަނޑު އަލީގައި ޒުބޭރު އެތާ ހުރި ކުޑަ ބެންޗެއްގައި އިށީދެލައިގެން އިންތަން ފެނުނެވެ.
"އަދިވެސް ކީއްވެ ތިތާ؟ "މިރިއަމް މެސެޖްކޮށްލިއެވެ.
"އެގޮތަށް ދާން ބޭނުންނުވީ...."ޒުބޭރު ޖަވާބު ދިނެވެ.
"ކިހިނެއް ވާހަކަ ތިބުނީ؟"
"ޑެލިވަރީ ބޯއިއެއްހެން.."
އިރުކޮޅެއްފަހުން މާ ބޮޑު ދެއްކުންތެރިކަމެއްނެތި ސާދާގޮތަކަށް އޭނަ ލިޔެލިއެވެ.
"މިރިއަމް..ވިލް ޔޫ މެރީ މީ؟"
މިރިއަމް ކުޑަދޮރު ކައިރީގައި ހައިރާންކަމާއެކު ބަލަހައްޓައިހެން ހުރީއެވެ. ޒުބޭރު ފޯނަށް ބަލަހައްޓައިގެން އިނީ އަމިއްލަ ނަފުސަށްވެސް އެކަން ގަބޫލުކުރަން ދަތިވެފައެވެ. ސިހިފައެވެ. ހަގީގަތުގައި އޭނަ ކޮންމެހެން އެހެން ޓައިޕްކުރުމަށް ބޭނުންނުވަނީސް ލިޔެވުނީމަ ކުރެވޭފަދަ އިހުސާސްއެކެވެ.
އެއާއެކު ޖޯކެއް އިތުރުކޮށްލަން ނޫނީ އެދޭތެރެއަށް ވެރިވި ނުތަނަވަސްކަމާއި ލަދުވެތިކަން ނައްތައިލަން މަޖާ އެއްޗެއް ބުނުމުގެ ކުރިން މިރިއަމް ޖަވާބު ފޮނުވިއެވެ.
"އޯކޭ....."
ނުނިމޭ