ކާތިކް އާއި ސްރީލީލާގެ ފިލްމުގެ ނަން ވަރަށް އަވަހަށް އިއުލާނުކުރާނެ: އަނޫރާގު

ޑައިރެކްޓަރު އަނޫރާގު ބާސޫ އަލަށް އުފައްދާ ފިލްމުގެ މަންޒަރެއްގައި ކާތިކް އާއި ސްރީލީލާ-- ފޮޓޯ/ ބޮލީވުޑް ހަންގާމާ

ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަން އަދި ސައުތު ބަތަލާ ސްރީލީލާއާ އެކު އުފައްދަމުން އަންނަ ފިލްމުގެ ނަން މާ ލަހެއްނުވެ އިއުލާނުކުރާނެ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު އަނޫރާގު ބާސޫ ބުނެފިއެވެ.

އަނޫރާގު އެންމެފަހުން އުފެއްދި ފިލްމު "މެޓްރޯ އިން ދިނޯ"ގެ ޕްރޮމޯޝަނަލް އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ ކާތިކް އާއި ސްރީލީލާ ހިމަނައިގެން އުފައްދާ ފިލްމުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މިހާރު ފިލްމުގެ މަސައްކަތް މެދުކެނޑިފައިވީ ނަމަވެސް ވަރަށް އަވަހަށް ފިލްމުގެ މަސައްކަތް ފަށާނެ ކަމަށާއި އެއް މަސް ދުވަހުގެތެރޭ ނުނިމި އޮތް ބައިގެ ޝޫޓިންގް ނިމި ފިލްމުގެ ޓައިޓްލްއާ އެކު ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ތާރީޚު ވެސް އިއުލާނުކުރާނެ ކަމަށް އަނޫރާގު ވަނީ ބުނެފައެވެ.

ކާތިކް އާރްޔަން އަދި ސްރީލީލާ އެކީގައި މަސައްކަތް ފަށާފައިވާ ފިލްމުގެ މަންޒަރެއްގައި--ފޮޓޯ/ދަސްޓޭޓްސްމަން

އިންޑިއާގެ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އަދި ރީތި ލޯބީގެ ފިލްމު ކަމަށްވާ "އާޝިޤީ" ފިލްމްސްއާ ދާދި އެއްކަހަލަ ސްޓައިލަކަށް ގެނެސްދޭ މި ފިލްމަކީ ރީތި ލޯބީގެ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައުތު ސިނަމާގެ މަގުބޫލު ބަތަލާ ސްރީލީލާ ހިންދީ ސިނަމާއަށް ތައާރަފްވާ މި ފިލްމު އިއުލާނުކުރުމަށް ދައްކާލި ވީޑިއޯ ޕްރޮމޯއާ އެކު ކާތިކް އާއި ސްރީލީލާގެ ޖޯޑު ވަރަށް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

ފިލްމު އިއުލާނުކުރި ވީޑިއޯގައި ކާތިކް ފެނުނީ "އާޝިޤީ"ގެ މަޝްހޫރު ލަވަ "ތު ހީ އާޝިޤީ ހޭ"ގެ މެލޮޑީއާ އެކުއެވެ. ނަމަވެސް މިއީ ފިލްމު "އާޝިޤީ"އާ ގުޅުންހުރި ފިލްމެއްކަމެއް ނުވަތަ ނޫންކަމެއް ވެސް ކަށަވަރުކޮށް ބުނަން ނޭނގެއެވެ.

ކާތިކް އާއި ސްރީލީލާ ލޯބީގެ ރޯލްތަކުން ފެންނާނެ މި ފިލްމުގެ ސްޓޯރީ ލައިން ވެސް މިހާތަނަށް ސިއްރުކުރެވިފައިވާއިރު މިއީ އަނޫރާގު ވަރަށް ބުރަކޮށް މަސައްކަތްކުރާ ޕްރޮޖެކްޓެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމާ ބެހޭ މައުލޫމާތު ރަސްމީކޮށް އިއުލާނު ނުކުރެވި ލަސްވަނީ ވެސް މި ފިލްމު ވީހާ ވެސް ފުރިހަމަކަމާ އެކު ބެލުންތެރިންނަށް ގެނެސްދިނުން އަނޫރާގު ރާވާފައިވާތީ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

މި ފިލްމު އިއުލާނުކުރުމަށްފައި މީޑިއާގެ ސަމާލުކަން ކާތިކް އާއި ސްރީލީލާއަށް ލިބެމުން އަންނައިރު ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދިފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.

އެގޮތުން ސްރީލީލާ ކާތިކްގެ އާއިލާގެ މެމްބަރުންނާ އެކު ވަގުތު ހޭދަކުރާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލްމީޑިއާގައި ދައުރުވެފައިވާއިރު ދެ ތަރިން އެކީގައި ބޭރުތެރެއިން ފެންނަ މަންޒަރު ވެސް މިފަހަކަށް އައިސް ވަނީ ގިނަވެފައެވެ.

comment ކޮމެންޓް