މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ހިންގާ އޮފީހަށް ވަދެ، އެ އިމާރާތުގައި ހުރި އަގުބޮޑެތި ސާމާނުތަކެއް ރޭ ވަގަށް ނަގައިފިއެވެ.
އެމްބީބީއޭއިން ކުރި ޕޯސްޓެއްގައި ވަނީ، ގަލޮޅު ޔޫތް ސެންޓަރުގައި ހުރި އެމްބީބީއޭގެ އޮފީސް އިމާރާތް ފަޅާލައި، ރޭ ދަންވަރާއި ހެނދުނާ ދޭތެރޭ ވައްކަން ކޮށްފައިވާ ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ، "ޑެލް އިންސްޕިރޯން 15"ގެ ލެޕްޓޮޕަކާއި ލެނޯވޯ ހަތަރު ޓެބްލެޓާއި ދެ ހާޑް ޑިސްކާއި ސެމްސަންގް ފޯނެއްގެ އިތުރަށް އެނޫން ވެސް ބައެއް ސަމާނު ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން، އެތަކެތި ވިއްކައިގެން ނުވަތަ އެނޫން ގޮތަކަށް ދައުރުވުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކޮށް އެމްބީބީއޭއީން ވަނީ، އެ ތަކެއްޗާބެހޭ މައުލޫމާތު އެގޭ ފަރާތެއްނަމަ، އެންމެ އަވަހަކަށް 9666918 ނުވަތަ 9499553އަށް މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެމްބީބީއޭގެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ވައްކަން ކޮށްފައިވާ މައްސަލައެެއް ހެނދުނު 08:56 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިހާތަނަށް ބެލިބެލުމުން ލެފްޓޮފެއް އެތަނުން ވަގަށް ނަގާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ވައްކަމުގެ މައްސަލަތައް މާލޭގައި އާންމުވެފައި ވާއިރު މިދިޔަ މަހު އެކަނި ވެސް ވައްކަމުގެ 310 މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ.