ދިރާގުގެ ޢީދު ބޮނޑިބަތަށް މި ފަހަރު ވެސް ބޮޑު ތަރުހީބެއް

ދިރާގުން ޢީދު ބޮނޑިބަތް ބަހަނީ: މި އަހަރު ވެސް ބޮޑު ތަރުހީބެއް ލިބުނު -- ފޮޓޯ/ ދިރާގު

ޢީދާ ގުޅިގެން އިޖުތިމާއީ ރޫހު އަލާކުރަން މިއަދު ހެނދުނު ޢީދު ނަމާދަށް ފަހު ދިރާގުން ކުރިއަށް ގެންދިޔަ 'ދިރާގު ޢީދު ބޮނޑިބަތް' ބެހުމުގެ ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މި ހަރަކާތް ވަނީ މާލެއާއި ހުޅުމާލޭގައި ވެސް ކުރިއަށް ގެންގޮސްފައެވެ.

އެ ގޮތުން، ދިރާގުން ބުނީ، ހުޅުމާލޭގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެހީތެރިކަމާ އެކު ކަމަށެވެ. އަދި، މާލޭގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ މާލޭ ސިޓީ ކައުންސިލްގެ އެހީއާ އެކެވެ.

ދިރާގުން ޢީދު ބޮނޑިބަތް ބަހަނީ: މި ހަރަކާތަށް މި އަހަރު ވެސް ބޮޑު ތަރުހީބެއް ލިބުނު -- ފޮޓޯ/ ދިރާގު

"ދިރާގު ޢީދު ބޮނޑިބަތަށް މި އަހަރު ވެސް އާންމުންގެ ފަރާތުން މިހާ ބޮޑު ތަރުހީބެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޟްހާ ޢީދުގެ އުފަލުގައި އެންމެން ބައިވެރިކޮށް، މުޖުތަމައުގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އިޖުތިމާއީ ރޫހު އާލާކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކުރަން މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް،" ދިރާގުގެ މެނޭޖާ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވިއެވެ.

މި ހަރަކާތުގެ އިތުރުން ވެސް ދިރާގުން ވަނީ އެކިއެކި ރަށްރަށުގެ ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިރާގުން އަންނަނީ ގިނަ އިޖުތިމާއީ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި، ދިވެހީންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭން އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް