"ބިޒްވީކް 2025"ގެ ބޭންކިން ޕާޓްނަރަކީ ބީއެމްއެލް

"ބިޒްވީކް 2025"ގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް ހަމަޖެއްސުން -- ފޮޓޯ/ ބީއެމްއެލް

ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްވީކްގެ ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.

މި މަހުގެ 18 އަދި 19ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބިޒްވީކަކީ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގާ ނެޓްވޯކިން އިވެންޓެކެވެ. މިއީ ވިޔަފާރިތަކަށް އެއްތަނަކުން ކަސްޓަމަރުންނާއި ވިޔަފާރީގެ މުހިންމު ނިންމުންތައް ނިންމާ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދޭ މަންސައެކެވެ.

މި އިވެންޓުގައި "ސީއީއޯ ސަމިޓް"ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ވިޔަފާރީގެ އިސްވެރިން އެއްތަނަކުން ބައްދަލުކޮށް، އިގްތިސާދީ ކުރިއެރުން ހޯދުމަށް ބޭނުންވާ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސާ މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގެ ވިޔަފާރި މުޖުތަމައު ބާރުވެރިކުރުވައި، އިގްތިސާދީ ތަރައްގީ ގެނައުމަށް ބީއެމްއެލްއިން ނުހަނު ބޮޑު އިސްކަމެއް ދޭކަމަށެވެ. ބިޒްވީކަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވައި، އައު ގޮތްތައް ހޯދައި، ކުރިއެރުމަށް ފުރުސަތު ހޯދައިދޭނެ މުހިންމު މަންސައެއްކަން އޭނާ ވެސް ވަނީ ފާހަގަކުރައްވާފައެވެ.

"ބިޒްވީކް 2025"ގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް ހަމަޖެއްސުން -- ފޮޓޯ/ ބީއެމްއެލް

"އަދި މިއީ ވިޔަފާރިވެރިންނާއި ޕްރޮފެޝަނަލުންނަށް ގުޅުން ބަދަހިކޮށް، އެއްބާރުލުން ދީ، ޚިޔާލު ހިއްސާކުރުމަށް މަގުފަހިކޮށްދޭނެ މަންސައެއްވެސްމެ. މި އިވެންޓަކީ ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވެސް ފައިދާކުރާނެ އަދި ރަނގަޅު ތަޖުރިބާއެއް ލިބޭނެ އިވެންޓަކަށް ވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ނިމާލް ވިދާޅުވިއެވެ.

ބީއެމްއެލްއިން އަންނަނީ އެ ބޭންކުގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްތަކުން ވިޔަފާރިތަކަށް އެހީތެރިވަމުންނެވެ. ލޯނުތަކާއި ފައިނޭންސިންގެ އިތުރުން، ބޭންކުން ހަލުވިކަމާއި ފަސޭހަކޮށް މުއާމަލާތްތައް ކުރެވޭނެ ގޮތަށް 24 ގަޑިއިރު ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދެއެވެ.

މީގެ އިތުރުން ބީއެމްއެލްއިން ދާދި ފަހުން ވަނީ ވިޔަފާރިތަކަށް ކޮންމެ ތަނަކުން ވެސް އެކައުންޓް ހުޅުވައި ޚިދުމަތްތައް ލިބޭނެ ފުރިހަމަ ޑިޖިޓަލް އޮންބޯޑިން ޕްރޮސެސްއެއް ތައާރަފުކޮށްފައެވެ.

comment ކޮމެންޓް