މި ގައުމަށް ބޭނުން ވަނީ ތިރީހަކަށް ފިލްޒާ!

މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ--- ފޮޓޯ: މަޖިލިސް

ބަޔަކަށް ކުޑަކަމެކޭ ހީވިޔަސް ހަގީގަތުގައި މިއީ ކުޑަ ކަމެއް ނޫނެވެ. ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ބަލަން ނިންމި ހިސާބުން އެ ހުއްޓުވާލީ, ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓެވެ. ޖަވާބުދާރީ ވުމަށް ފުރުސަތަކަށް އެދި އާދޭސް ކުރަނިކޮށް, އެ ފުރުސަތު ނުދީ މަގާމުން ވަކިކޮށް, މަގުމަތި ކޮށްލީއެވެ. މި ހިސާބަށް ގައުމެއްގެ ކަންތައްތައް ދިޔައިރު ހައްގު ބަހެއް ބުނެލަން ކެރުނީ މަދު މީހަކަށެވެ. ހަގީގަތުގައި މި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވެސް އެއީއެވެ. ހައްގު ބަސް ބުނަން ނުކެރޭ "ބޮޓުން" ގިނަ ވުމެވެ. ނަމަވެސް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މިފަހަރު ވެސް މިވަނީ ހީނުކުރާ ވަރު ކަމެއް ކުރައްވައިފައެވެ.

މިހާތަނަށް ރާއްޖޭގައި އެކުލަވާލެވުނު އެންމެ ގާބިލު އަދި އެންމެ ރަނގަޅަށް ހިނގި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުން ކަމަށްވާ, ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން މަހާޒް އަލީ ޒާހިރާ މެދު މި ގޮތަށްކަން މިކުރީ, ކާކު, ކޮން ބޭނުމެއްގައި, ކީއްވެގެންކަން, ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނައިފި ނަމަ ވަރަށް ފަސޭހައިން އެނގޭނެއެވެ. އެއް ބާރުން އަނެއް ބާރަށް އެ އަރައިގަތީ އެތައް ދިވެހީންނެއް ލޭ އޮހޮރުވައިގެންނާއި އެތައް ގުރުބާނީއަކުން ހޯދި ގާނޫނުއަސާސީއަށް އިހުތިރާމު ކުރުމެއް ނެތިއެވެ.

https://www.sun.mv/205973

މިހާލަތަށް ކަންކަން ދިޔައިރު މި ގައުމުގައި ރައްޔިތުންގެ ފައިސާއިން, ބޮޑު މުސާރައާއި އިނާޔަތްތަކާއި ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދޭ އުއްތަމަ ފަނޑިޔާރަކާއި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެހެން ވެސް ގިނަ ވެރީންތަކެއް އެބަތިއްބެވިއެވެ. ގާނޫނުއަސާސީ ނެގެހެއްޓުމުގެ ޒިންމާ މަތިކޮށް, އެކިއެކި މަސްއޫލިއްޔަތުތައް ހަވާލުކޮށް, އެކަމުގެ އުޖޫރައެއްގެ ގޮތުގައި ރައްޔިތުންގެ ފައިސާއިން މުސާރަ ދޭ އެތައް ހާސް ބަޔަކު މި ގައުމުގައި އެބަތިއްބެވެ. އޭގެ ތެރެއިން ހުރިހާ ބޭފުޅުން ވެސް މުސާރައާއި އެހެން އިނާޔަތްތައް ވެސް ބަރާބަރަށް ނަންގަވައި އެ ކައިބޮއެ, ބޭނުންކޮށް ހައްދަވައެވެ. ނަމަވެސް އެ މުސާރަދޭ ސަބަބު ކަމަށްވާ، މަސްއޫލިއްޔަތު އަދާ ކުރައްވާތަން މި ފެންނަނީ ވަރަށް މަދު މީހެކެެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމާ ހަމައަށް މަޖިލީހަށް މައްސަލަ އައީ ކިހިނެއްކަން އެ އޮތީ ސާފުކޮށް ފެންނާށެވެ. މިއީ މިއަދު ކިހާ ބާރުގަދަ ބޭފުޅެއްގެ އެންގުމެއްކަން އެންމެނަށް ވެސް އެނގެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އާދަޔާ ޚިލާފު ބޮޑު މެޖޯރިޓީ އޮތީ މިދެންނެވި ބޭފުޅާ ބޭނުން ގޮތަކަށް ކަންތައް ކުރެވޭ ގޮތަށްކަން ވެސް އެންމެންނަށް އެނގެއެވެ. މަޖިލީހުން އެ މަސައްކަތް ފަށައި ނިންމީ ވެސް އެގޮތަށެވެ.

ނަމަވެސް މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވީ, މި ދެންނެވި ބާރުގަދަ ބޭފުޅާއާއި އެ ބޭފުޅާގެ ފުލް ކޮންޓްރޯލް އޮތް މަޖިލީހުން ބޭނުންވި ގޮތާ މުޅިން ޚިލާފަށެވެ.

ފިލްޒާގެ ވަޒީފާގެ މަސްއޫލިއްޔަތަކީ މަޖިލީހުގެ ރައީސާއި މެންބަރުންނަށް ގާނޫނީ ލަފާ ދެއްވުމެވެ. އޭނާ އެ ޒިންމާ އަދާ ކުރެއްވުމުގެ ގޮތުން މި މައްސަލައިގައި ދެއްވި ލަފާގައި ވިދާޅުވެފައި ވަނީ އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް, ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެގޮތުން ޖޭއެސްސީން އެ މައްސަލަ ބެލީ އެ ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ފިލްޒާ ވިދާޅުވިއެވެ.

https://www.sun.mv/134295

މިއީ ސަރުކާރާއި މަޖިލީހުގެ ކޮންޓްރޯލް އޮތް ޕީއެންސީއަށް ގަބޫލު ކުރެވުނު ލަފައެއް ނޫނެވެ. އެ މައްސަލައިގެ ބަހުސްގައި ޕީއެންސީގެ މެމްބަރުން ސީދާ ފިލްޒާގެ ލަފައަށް ފާޑު ވިދާޅުވީ އެހެންވެއެވެ. އަދި ޕީއެންސީގެ މެންބަރުންގެ ވޯޓުން އެ ދެ ފަނޑިޔާރުން ވަކި ކުރަން ނިންމީ އެ ލަފަޔަށް އެއްވެސް ބެލުމެއް ނެތިއެވެ.

މީގައި ފިލްޒާގެ އެ އަމަލަށް ތައުރީފު ހައްގު ވަނީ އޭނާގެ ކެރުންތެރިކަމުންނެވެ. އޭނާ އެ މަގާމުގައި ހުންނަވާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު އަދި އެއީ ރަނގަޅު މުސާރައެއް ވެސް ލިބޭ, ފެންވަރު ރަނގަޅު މަގާމަކަށް ވާއިރު ޕީއެންސީގެ މެންބަރުން ބޭނުންއިރަކު ފިލްޒާ މަގާމުން ވަކިކުރުމުގެ ބާރު މިހާރު ވެސް އެބައޮތެވެ. އެފަދަ ވާހަކަތައް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް ބޭފުޅުން އެކިއެކި މެންބަރުންގެ ގާތު ދައްކާފައި ވެސް އެބަހުއްޓެވެ. ނަމަވެސް ފިލްޒާ އެއަށް ބެލުމެއްނެތި އޭނާއަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ލަފައެއް އެ ދެއްވީއެވެ. މިއީ މިއަދު މި ގައުމަށް ވަރަށް ބޭނުންވެ އެކަމަކު ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

މިއީ ވަޒީފާގެ ބިރަށް ބެލުމެއް ނެތި ފިލްޒާ މިގޮތަށް ދެއްވި ހަމައެކަނި ލަފައެއް ވެސް ނޫނެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަނަށް، "ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" އޮތީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބާރުތައް ހަނިވާ ގޮތަށް، ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ފިލްޒާ އޭރު ލަފާ ދެއްވެވިއެވެ. އެއީ އޭރު އޮތް އެމްޑީޕީގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކާ ދެކޮޅަށް އޭނާ ދެއްވި ލަފައެކެވެ.

ހަމައެހެންމެ އެމްޑީޕީގެ ވެރިކަމުގައި, ކޮވިޑްގެ ހާލަތު ކަމަށްވާ 2020 ވަނަ އަހަރުގެ ކުރީކޮޅު, ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށްޓަކައި އޭރު ތިބި ކައުންސިލްތަކުގެ ދައުރު ދިގުކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް، އޭރު އޮތް އެމްޑީޕީގެ ސަރުކާރުގެ ފަރާތުން ވަނީ އިސްލާހެއް ހުށަހަޅައިފައެވެ.

https://www.sun.mv/136675

ގާނޫނު އަސާސީގެ 267 ވަނަ މާއްދާގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ވަގުތެއްގައި ގާނޫނު އަސާސީއަށް އެއްވެސް އިސްލާހެއް ގެނެސްގެން ނުވާނެ ކަމަށެވެ. އެހެންކަމުން އެ ހާލަތުގައި ގާނޫނީ އަސާސީއަށް އިސްލާހު ގެނެވިދާނެތޯ އޭރު މަޖިލީހުގެ ރައީސަކަށް ހުންނެވި މުހައްމަދު ނަޝީދު ވަނީ ސުވާލު އުފައްދަވައިފައެވެ.

ނަމަވެސް އޭރު މަޖިލީހުގެ އެންމެ އިސް މީހާ, ނުވަތަ މަޖިލީހުގެ ރައީސް އުފެއްދެވި ސުވާލަށް ބެއްލެވުމެއް ނެތި, ފިލްޒާ އެ މައްސަލައިގައި ލަފާ ދެއްވީ ގާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ނުވާ ކޮންމެ ވަގުތެއްގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާމެދު ގާނޫނީ ގޮތުން އިއުތިރާޒު ކުރާނެ ތަނެއް ނެތް ކަމަށެވެ.

މީގެ އިތުރުން ވެސް މިފަދަ އެތައް މިސާލެއް ދެއްކިދާނެއެވެ. މި ސަރުކާރުގެ މަސްލަހަތު އޮތް ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަން ފެށުމާއެކު ކުއްލިއަކަށް ސުޕްރީމް ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ބަދަލު ކުރަން ޕީއެންސީއިން ހުށަހެޅުމުން ވެސް ފިލްޒާ ވަނީ އެކަމާ ސުވާލު އުފައްދަވައިފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލް ފާސްކޮށް، ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ހާލަތުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ އެ ފަނޑިޔާރުން ވަކިކުރުން އިންސާފުވެރިތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ވަކި ސަރުކާރެއް ނޫނެވެ. ހަމަ ހުރިހާ ސަރުކާރުތަކަކުން ވެސް ވެރިކަން ލިބޭ ހިސާބުން ގާނޫނުއަސާސީއަށް އިހުތިރާމެއް ނުކުރެއެވެ. ބާރުތައް ވަކިވެފައިވާ ނިޒާމެއް ކަމުދަނީ މުޅިން ވެސް އިދިކޮޅުގައި ތިބޭއިރުގައެވެ. އަދުލުއިންސާފުގައި ހަމަހަމަކަން ނެތިގެން ކަންބޮޑުވަނީ ވެސް އޭރެވެ. ހަމަ ވެރިކަން ލިބޭއިރަށް ބޭނުން ވަނީ ބާރުތައް އެއްކުރާށެވެ. މި ފަހުން އިންތިޚާބު ކުރި ހުރިހާ ރައީސުންނެއް ވެސް ރައީސަކަށް އިންތިޚާބު ކުރީމައި ބޭނުންވަނީ ރަސްކަމެއް ކުރާށެވެ.

އެ ރަސްކަން ކުރުމަށް އެންމެ ބޮޑަށް އެހީތެރިވާ ބަޔަކީ އެކިއެކި އިސް މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންނާއި އިންތިޚާބު ކުރާ ބޭފުޅުންނެވެ. ގާނޫނުން ވަކި މަސްއޫލިއްޔަތުތަކެއް ކަނޑައަޅާފައި ވީނަވެސް އެކަމަށް އަމަލު ނުކޮށް ގިނަ ބޭބޭފުޅުން އަމަލު ކުރަމުން ގެންދެވީ ވެރިއަކު އަންގަވާ ގޮތަކަށް އެކަންޏެވެ. މަޖިލީހުގެ ގޮނޑި, ގަނެގެން އިންތިޚާބު ވުމަށް ފަހު ދެން ބަލަނީ ސަރުކާރުން ބުނި ގޮތެއް ހަދައިގެން ޕްރޮޖެކްޓާއި އެހެނިހެން މަންފާ ހޯދޭތޯއެވެ. ދައުރު ނިމޭއިރު މާލެއިން އަގު ބޮޑު ބިމާއި ފްލެޓް ހޯދަނީ އެ މަގުން ކަންކަން ކޮށްގެންނެވެ. އެ އަމިއްލަ އެދުމުގެ ބޭނުމުގައި ހުވަޔާއެއްގޮތަށް ހައްގު ބަސް ބުނާކަށް ނުކެރެއެވެ. ހަމަ ބޮޓުންނަށް ވެގެން އެންގިހާ ކަމެއް ކުރަނީއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ), ފަދަ މުއައްސަސާތަކަށް ބެލުމުން ވެސް މިކަން ސާފު ވާނެއެވެ. އެފަދަ އެތައް މުއައްސަސާއެއް އެބައޮތެވެ. ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރެއެވެ. އެކަމަކު ޒިންމާއެއް އަދައެއް ނުކުރެއެވެ. ވަޒީފާގެ ދިފާއުގައި ބުނިހާ ކަމެއް ކޮށްލަކޮށްލާ ތިބުން ފިޔަވައެވެ. ކޮރަޕްޝަނެއް ނުހުއްޓުވެއެވެ. އިންސާފެއް ގާއިމެއް ނުކުރެވެއެވެ.

މިހާލަތަށް ހަގީގަތުގައި ވެސް ގައުމު ގޮސްފައި މިއޮތީ ހައްގު ބަސް ބުނަން ކެރޭ މީހުން އިސް މަގާމުތަކުގައި މަދުވީމައެވެ. މަގާމާއި މުސާރައާއި ރިޓަޔާމެންޓް އެހެން ހުރިހާ ކަމަކަށް ވުރެން މުހިންމުވާ ބޭފުޅުން ގިނަވީމައެވެ. ފިލްޒާއަށް ތައުރީފު މިކުރެވެނީ ވަޒީފާގެ ބިރެއް ނެތި ސީދާކޮށް ވިދާޅުވާ އެއްޗެއް ވިދާޅުވާތީއެވެ. މި ގައުމުގެ ކަންކަން ހައްލު ކުރަން ބޭނުންވަނީ އެފަދަ ބޭފުޅުން ކޮޅެކެވެ. ފިލްޒާފަދަ ތިރީހަކަށް ބޭފުޅުން ލިބުނަސް ލައްކަ ކަންކަން އިސްލާހު ކުރެވޭނެއެވެ.

comment ކޮމެންޓް