ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން، ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ޖުޑިޝަރީއަށް އޮތް އިތުބާރު އެއްކޮށް ގެއްލި، ފޫނުބެއްދޭ ގެއްލުންތަކެއް ލިބޭނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މިއަދު ބުނެފިއެވެ.
މަހާޒާއި އަޒްމިރަލްދާ ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ ދެ ފަނޑިޔާރުން ވަކިކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހިންގި ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައީސް މުއިއްޒުގެ ބާރު ހިނގާ ކަމަށް ތުހުމަތުކޮށް އެމްޑީޕީން ބުނީ ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދިޔައީ ވެސް އަމަލުކުރަމުން އަންނަ އުސޫލުތައް މުގުރާލައި، ގާނޫނުތަކާ ޚިލާފަށް ކަމަށެވެ.
"ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީން ބަލާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ، މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ދެއްވި ލަފައިގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ ކޮމިޓީ މަރުހަލާފައި ދެ ފަނޑިޔާރުންނަށް ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާއިރު، އެ ފަނޑިޔާރުންގެ މައްޗަށް ކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށާއި އެ ތުހުމަތުތަކުން ދިފާއުވުމުގެ ހައްގުން މަހުރޫމްކޮށްފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ހަމައެހެންމެ ފަނޑިޔާރުން ވަކިކުރުމުގެ އެންމެހާ ކަމެއް ކުރިއަށްގެންގޮސްފައި ވަނީ ބައިނަލްއަގްވާމީ މިންގަނޑުތަކާއި، އުސޫލުތަކާއި، އިންސާފުގެ ހަމަތަކާއި، ރާއްޖޭގެ ގާނޫނުތަކާއި ޚިލާފަށް ކަމަށްވާއިރު، އެއީ ރާއްޖޭގެ ޖުޑިޝަރީއަށް އޮތް އިތުބާރު އެއްކޮށް ގެއްލިގެން ގޮސް، ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ގައުމަށް ލިބޭނެ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
ކުއްލި ގޮތަކަށް ޖޭއެސްސީން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް ދުސްތޫރީ މައްސަލަ ބަލަން ފެށިތަނާއެވެ. އެ ފަނޑިޔާރުން ސަސްޕެންޑުކުރީ އެ މައްސަލައިގައި ވަގުތީ އަމުރަކާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ފަށަން 15 މިނެޓަށްވެފައި އޮއްވައެވެ.
އޭރު ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސޫއުދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލަ ޖޭއެސްސީން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެތެރެއާއި ބޭރުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް މަޖިލީހުގެ ތަޅުމުގައި ވަކިވަކިން ނެގި ވޯޓުގައި 68 މެންބަރުންގެ ވޯޓާ އެކު ދެ ފަނޑިޔާރުން ވެސް މަގާމުން ވަކިކުރަން ވަނީ ފާސްކޮށްފައެވެ. އެހެންވެ، ދެ ފަނޑިޔާރުން މަގާމުން ވަކިވިކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާނުކުރައްވައިފައެވެ.