ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި ނުފޫޒަކަށް ބޯ ނުލަބަން، ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް: މަހާޒް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު -- ފޮޓޯ/ ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރައްވާ ކަމަށާއި ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް ކަމަށް, އެ ކޯޓުގެ ފަނޑިޔާރު ކަމުން މިއަދު މަޖިލީހުން ވަކިކުރި, މަޙާޒު ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސްލަހަތު ވަރަށް ބޮޑަށް އޮތް މައްސަލައެއް ބަލަމުން ދަނިކޮށް, ސަސްޕެންޑް ކުރި ތިން ފަނޑިޔާރުންގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރަން މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުން އެގޮތަށް ފާސްކޮށްފައި ވަނީ އދ. ހިމެނޭ ގޮތަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކިއެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް، ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދީއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލަ ޖޭއެސްސީން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތް ޖުޑީޝިއަރީ ކޮމެޓީންނާއި މަޖިލީހުގެ ތަޅުމުން ވެސް އެ ލަފާ ގަބޫލެއް ނުކުރިއެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރު ކަމުން ވަކި ކުރިތާ ކުޑައިރު ކޮޅެއް ފަހުން މަހާޒު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ލިޔުއްވާފައިވާގޮތުގައި ސުޕްރީމް ކޯޓުގައި ކުރެވުނު މަސައްކަތްތަކާމެދު އޭނާ ހިތްހަމަޖެހެއެވެ. ކުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނީ ކުރާ ހިތުން ކަމަށް ވެސް ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން. ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް." މަހާޒް ވިދާޅުވިއެވެ.

މަހާޒްގެ އެ ސްޓޭޓަސްގައި ވަނީ އޭނާއަށް ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އެގޮތުން ނޫސްވެރިންނާއި ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ޚިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވައި ފާޅު ކުރެއްވި އެންމެހައި ޝުއޫރުތަކަށް ވެސް ޝުކުރު އަދާކުރާ ކަމަށް ވިދާޅުވިއެވެ.

މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް, އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މަހާޒަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2007 ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ބެޗްލާ އޮފް ލޯސް ޑިގްރީ ހާސިލު ކުރައްވާފައެވެ. އެއަށްފަހު، ވަނީ 2010 ވަނަ އަހަރު މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން މާސްޓާ އޮފް ކޮމްޕަރެޓިވް ލޯސް ޑިގްރީ ހާސިލު ކުރައްވާފައެވެ. ގާނޫނީ ދާއިރާއިން ދައުލަތުގެ އިސް މަގާމުތަކެއް ވެސް އޭނާ ފުރުއްވާފައިވެއެވެ.

comment ކޮމެންޓް