އަޖޭއާއި ދަރިފުޅު އެކީގައި ފިލްމެއްގައި މަސައްކަތްކުރަނީ

ފިލްމު "ކަރާޓޭ ކިޑް: ލެޖެންޑްސް"ގެ ޕޯސްޓަރު އަދި އަޖޭ އާއި ދަރިފުޅު ޔުގް--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންއާއި ދަރިފުޅު ޔުގު ދޭވްގަން ފިލްމަކަށް އަޑުއަޅާ ގޮތަށް ހަމަޖެހިފައިވާކަން އެކްޓަރު އިއުލާނުކޮށްފިއެވެ.

މި ފިލްމަކީ މި މަހުގެ ފަހުކޮޅު ސިނަމާތަކަށް ގެންނަ ހޮލީވުޑް ފިލްމު "ކަރާޓޭ ކިޑް: ލެޖެންޑްސް"އެވެ. ޖެކީ ޗެންއާއި ބެން ވޯންގު މުހިއްމު ރޯލެއް ކުޅޭ މި ހޮލީވުޑް ފިލްމަށް އަޖޭއާއި ދަރިފުޅު ޔުގް އަޑު އަޅާގޮތަށް ހަމަޖެހުނީ ފިލްމު ހިންދީ ބަހުން އިންޑިއާގައި ވެސް ރިލީޒްކުރުމަށް ނިންމުމާ ގުޅިގެންނެވެ.

ފިލްމުގައި އަޖޭ އަޑު އަޅާނެ ކެރެކްޓާއަކީ މިސްޓަ ހެންގެ ކެރެކްޓައެވެ. ޔުގް އަޑު އަޅާ ކެރެކްޓާގެ ނަމަކީ ލި ފޮންގްއެވެ.

މި ހޮލީވުޑް ފިލްމުން ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ އަޖޭއާއި ކާޖޮލްގެ ހަގު ދަރިފުޅު ޔުގް ފިލްމު އިންޑަސްޓްރީއާ ގުޅޭއިރު މީގެ ކުރިން ވެސް ޔުގް ވަނީ ބައެއް ފިލްމުތަކުގެ ޕްރީމިއާ ނައިޓްތަކުން އަޖޭއާ އެކު ފެނިފައެވެ.

އަޖޭ ދަރިފުޅު ޔުގް ދޭވްގަންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެ އިތުރުން، އަޖޭ މަސައްކަތްކުރާ ބައެއް ފިލްމުތަކުގެ ސެޓުގައި ކެމެރާގެ ފަހަތުގައި ޔުގް ހަރަކާތްތެރިވާކަން ވެސް ފާހަގަކޮށްލެވެއެވެ. އަޖޭއާއި ޔުގްގެ އަޑުން " ކަރާޓޭ ކިޑް: ލެޖެންޑްސް" ގެނެސްދޭނެކަން އިއުލާނުކުރަމުން ސޮނީ ޕިކްޗާސް އިންޑިއާއިން ބުނެފައިވަނީ އަޖޭއަށް ވުރެ ރަނގަޅު މުދައްރިސެއް ޔުގްއަށް ނުލިބޭނެއިރު ހަމަ އެގޮތަށް ޔުގްއަށް ވުރެ ރަނގަޅު ދަރިވަރަކު އަޖޭއަށް ވެސް ނުލިބޭނެ ކަމަށެވެ.

އަޖޭއާއި ކާޖޮލްގެ ދަރިފުޅު ޔުގް ފިލްމު އިންޑަސްޓްރީގެ މަސައްކަތްތަކުގައި ދުރު ދުރުން ނަމަވެސް ބައިވެރިވަމުން އަންނައިރު ދޮށީ ދަރިފުޅު ނީސާ ދޭވްގަންގެ ޝައުގުވެރިކަން ބޮލީވުޑަށް ނުކުތުމުގައި ނެތް ކަމަށް ކާޖޮލް ވަނީ ބުނެފައެވެ.

comment ކޮމެންޓް