ފަނޑިޔާރުން ވަކިކުރާތީ ނޭޕާލުގެ ބާ އެސޯސިއޭޝަން: ފިޔަވަޅު އަޅަންވާނީ އުސޫލުގެ ތެރެއިން

ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން ވަނީ ފާސްކޮށްފައި: އެ މައްސަލައިގައި ބޭރުގެ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރޭ --

ޝަރުއީ މިނިވަންކަމަކީ ކޮންމެ ޑިމޮކްރެޓިކް މުޖުތަމައެއްގެ ބިންގާ ކަމަށާއި، އެ މިނިވަންކަމަށް އަސަރުކޮށްފާނެ އެއްވެސް ފިޔަވަޅެއް އަޅަން ޖެހޭނީ ހާމަކަންބޮޑު ގޮތެއްގައި އިންސާފުވެރިކަމާއެކު، އޮންނަ އުސޫލަށް އިހުތިރާމްކޮށްގެން ކަމަށް ނޭޕާލުގެ ބާ އެސޯސިއޭޝަނުން ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ފަޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެއީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފު މިދިޔަ ޑިސެންބަރު މަހު ހައްޔަރުކުރުމުން އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ.

ޖޭއެސްސީން މި މައްސަލަ ބަލާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެފައި އޮއްވައި، އެ ކަންބޮޑުވުންތަކަށް ރިއާޔަތްނުކޮށް، މައްސަލައިގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ ނިންމައިފައެވެ. މި މައްސަލައިގައި ކޮމިޓީއަށް ވަޑައިގެން ޖަވާބުދާރީވުމުގެ ފުރުސަތަކަށް ފަނޑިޔާރުން އެދިވަޑައިގަތް ނަމަވެސް އެ ފުރުސަތެއް ނުދެއެވެ.

ކޮމިޓީން ބުނީ ޖޭއެސްސީން އެ މައްސަލަ ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.

https://sun.mv/205986

ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ނޭޕާލުގެ ބާ އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނީ، މި މައްސަލައިގައި ރާއްޖޭގެ ބާ ކައުންސިލާއި، ލޯ އޭޝިޔާއިން ނެރެފައިވާ ބަޔާނަށް އެ ޖަމިއްޔާއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި ނޭޕާލުގެ ބާ އެސޯސިއޭޝަނުން ދެމި އޮންނާނީ މި މައްސަލައިގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްނުކޮށް ފަނޑިޔާރުން ވަކިނުކުރަން ގޮވާލާފައިވާ ފަރާތްތަކާ އެކުގައި ކަމަށެވެ.

ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި އދ. އާއި ކޮމަންވެލްތުގެ އިތުރުން، އެކި ގައުމުތަކުގެ ވަކީލުންގެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެވެ. އޭގެ ތެރޭގައި ލޯ އޭޝިޔާއާއި އިންޑިއާގެ ބާ އެސޯސިއޭޝަން ވެސް ހިމެނެއެވެ.

އެ ޖަމިއްޔާތަކުން ގޮވާލާފައިވަނީ ރާއްޖޭގެ ބާ ކައުންސިލުން ފާހަގަކުރި ކަންބޮޑުވުންތަކަށް އެކަށީގެންވާ ގޮތަކަށް ރިއާޔަތް ކުރެވެންދެން ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޑުޖައްސައިލާށެވެ.

https://sun.mv/205939

ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހަޅާފައި އޮތް މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން އަންނަނިކޮށެވެ. އެ މައްސަލައިގެ އަޑުއެހުމެއް ފައްޓަން ކުޑަތަންވެފައި އޮއްވައި ސަސްޕެންޑުކުރީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާގެ އިތުރުން، ހުއްނުއްސުއޫދެވެ.

ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ކުރަނީ ސަރުކާރުން ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް އެ ބޭފުޅުން ތުހުމަތުކުރައްވައެވެ.

comment ކޮމެންޓް