ވޯކް އިން އިންޓަވިއު އަކުން އިމިގްރޭޝަނަށް 50 މުވައްޒަފުން ހޯދަނީ

އިމިގްރޭޝަނުން މާލޭގެ ކޮފީ ޝޮޕްތައް ބަލުން: -- ފޮޓޯ/ އިމިގްރޭޝަން

ފަންސާސް މުވައްޒަފުން ހޯދުމަށްޓަކައި, އިމިގްރޭޝަނުން, ވޯކް އިން އިންޓަވިއުއަކަށް މިއަދު ޢިއުލާން ކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއީ ބޯޑަރު ބަލަހައްޓައި ގައުމަށް ޙިދުމަތް ކުރުމަށް ލިބޭނެ އަގު ހުރި ފުރުސަތެއް ކަމަށެވެ. އިމިގްރޭޝަނުން މުވައްޒަފުން ހޯދަނީ, އޮފިސާ ޓްރެއިނީސްގެ މަގާމަށެވެ.

މި ވަޒީފާއާ ގުޅުމުގެ ޝަރުތުތަކަކީ ސާނަވީ (ސެކަންޑަރީ) ނުވަތަ އެއާ އެއްވަރުގެ އިމްތިހާނަކުން ދެ މާއްދާއިން މަދުވެގެން "ޑީ" ގްރޭޑް ހާސިލްކޮށްފައިވުމާއި ސެކަންޑަރީ ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓަކުން މަދުވެގެން ދިވެހި ބަހުން "ސީ" ގްރޭޑެއް ހާސިލްކޮށްފައިވުމެވެ. ނުވަތަ އެމްއެންކިޔުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައި ވުމެވެ.

އަދި އުމުރުން 40 އަހަރުން ދަށުގެ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި އިންޓަވިއޫ ބާއްވާ ތަނާއި ތާރީހު ވަރަށް އަވަހަށް އެ އިދާރާއިން ހާމަ ކުރާނެ ކަމަށް, އިމިގްރޭޝަނުން ބުނެއެވެ.

ވޯކް އިން އިންޓަވިއު އަކީ ކުރިއާލާ ހުށަހެޅުމެއް ނެތި، އެ ތަނަކުން ބުނާ ގަޑިއެއްގައި އިންޓަވިއު ކުރާ ތަނަކަށް ގޮސް ކުރެވޭ އިންޓަވިއުއެވެ. މިފަދަ އިންޓަވިއުތަކަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް މީގެ ކުރިން ކުރާ އިންޓަވިއު ތަކެކެވެ.

އިމިގްރޭޝަނަކީ ޕާސްޕޯޓްގެ ޚިދުމަތް ދިނުމުގެ އިތުރުން ރާއްޖެއަށް އެތެރެވާ މީހުންނާއި ބޭރުވާ މީހުންގެ ކަންކަން ބަލަހައްޓާ އިދާރާއެވެ. މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ވެސް އިމިގްރޭޝަނުގެ ޒިންމާއެކެވެ.

ކިތަންމެ ރަނގަޅު އުސޫލުތަކެއްގެ ތެރެއިން ހިންގަމުން އައި ނަމަވެސް އިމިގްރޭޝަނަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރީންސުރެ ކުރެވޭ އިދާރާއެކެވެ. ޚާއްސަކޮށް ބިދޭސީންނަށް ކޯޓާ ދޫކުރުމާއި ބިދޭސީން ބެލެހެއްޓުމުގެ ކަންކަމުގައި ނާޖާއިޒު ފައިދާ އެތަނުގެ ބައެއް މުވައްޒަފުން ނަގާ ކަމަށް ތުހުމަތު ކުރެވެއެވެ.

އިމިގްރޭޝަނަށް އިތުރު މުވައްޒަފުން ހޯދާއިރު އެ އިދާރާގެ އެންމެ އިސް ފަރާތަކަށް މި ސަރުކާރުން ފުރަތަމަ ކަނޑައެޅި މުޙައްމަދު ޝައްމާން ވަހީދާއި އެ އިދާރާގެ ބައެއް މުވައްޒަފުންގެ މައްޗަށް ކުރެވޭ, މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމުގެ މައްސަލަތަކެއް މިހާރު ވެސް އަންނަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް