މިދިޔަ މަހު އަރިދަފުސް ރޯގާގެ ކޭސްތައް ދަށަށް ދިޔަ ނަމަވެސް، ޑެންގީ ޖެހިގެން ރިޕޯޓުކުރި އަދަދު އިތުރުވެފައިވާ ކަމަށް, ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއީން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާގޮތުން، މިދިޔަ ދެމަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ، 55،099 ކޭހެވެ. އެއީ، މާރިޗު މަހު ރިޕޯޓުކުރި 28،560 ކޭހާއި އޭޕްރިލް މަހު 26،539 ކޭހެވެ.
މިދިޔަ މާރިޗު މަހާ އަޅާބަލާއިރު، ބޭރަށް ހިންގުމުގެ ކޭސްތައް ވެސް ވަނީ ދަށްވެފައެވެ. އެގޮތުން، 4،123 ކޭހުން މިދިޔަ މަހުގެ ތެރޭގައި ވަނީ، 3،791 ކޭހަށް ދަށްވެފައެވެ.
އެޗްޕީއޭގެ ހިސާބުތަކުން ދައްކާގޮތުން، އެންމެ ގިނައިން ބޭރަށް ހިންގުމުގެ ކޭސްތައް މިދިޔަ މަހުގެ ތެރޭގައި ރިޕޯޓުކޮށްފައި ވަނީ، މާލޭ ސަރަހައްދާއި ހއ. އަތޮޅުންނާއި އއ. އަތޮޅުންނާއި އދ. އަތޮޅުންނާއި ފ. އަދި ގދ. އަތޮޅުންނެވެ.
އައިޖީއެމްއެޗުން މީހަކު ތުއްތު ކުއްޖަކު ގޮވައިގެން ނުކުންނަނީ: މިދިޔަ މަހު އަރިދަފުސް ރޯގާގެ ކޭސްތައް މަދު، ޑެންގީގެ ކޭސްތައް 200އަށް އިތުރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނަމަވެސް، މިދިޔަ މަހުގެ ތެރޭގައި ޑެންގީގެ ކޭސްތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ޑެންގީ ހުން ޖެހިގެން މިދިޔަ މަހުތެރޭގައި އެކަނި ވެސް 127 ކޭސް ރިޕޯޓުކުރިއެވެ. އެކަމަކު، މާރިޗު މަހު ރިޕޯޓުކުރީ 73 ކޭހެކެވެ.
މިދިޔަ މާރިޗު މަހާ އަޅާބަލާއިރު، އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރި މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، 148 ކޭސްގެ ތެރެއިން މިދިޔަ މާރިޗު މަހުގެ ތެރޭގައި 21 މީހުން އިންފުލުއެންޒާއަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން މައުލޫމާތުދީފައިވެއެވެ. އަދި، ނިމިދިޔަ އޭޕްރީލް މަހު ޓެސްޓުކުރި 174 މީހުންގެ ތެރެއިން އިންފުލުއެންޒާއަށް ޕޮޒިޓިވްވީ 25 މީހުންނެވެ.
އޭގެއިތުރަށް، މި އަހަރުގެ ތެރޭގައި ވަނީ، އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 105 އަރާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާގެ ބަލިތަކުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:
• އަރިދަފުސް ރޯގާޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުން އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
• ޢާއްމު ސާފުތާހިރުކަމަށް ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން
• ރޯގާޖެހި ކެއްސާ ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
• ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން
• ބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
• ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެކު ވީހާ ވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުން. އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ދިއުން މަދުކުރުން.