ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން އުޅޭ މައްސަލައިގައި، ރާއްޖޭގެ ބާ ކައުންސިލުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެވެންދެން މި މައްސަލަ މަޑުޖައްސައިލަން އިންޑިއާގެ ބާ އެސޯސިއޭޝަނުން ދިވެހި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި އެ ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން އަންނަނިކޮށެވެ. އެ މައްސަލައިގެ އަޑުއެހުމެއް ފައްޓަން ކުޑަތަންވެފައި އޮއްވައި މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރާއި ކުރީގެ ފަނޑިޔާރު، ހުސްނުއްސުއޫދު ސަސްޕެންޑުކުރިއެވެ.
މީގެ ތެރެއިން ސުއޫދު އިސްތިއުފާ ދެއްވިއިރު، އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ އެ ބޭފުޅުން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިއެދި ތިއްބަވަނިކޮށް އެ ފުރުސަތު ނުދީއެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އިންޑިއާގެ ބާ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައިވަނީ، އެ އެސޯސިއޭޝަނުގެ ކަންބޮޑުވުމަކީ ޖޭއެސްސީން ކުރިއަށް ގެންދިޔަ ތަހުގީގުގައި އެކަށީގެންވާ އިޖުރާއަތްތަކާއި ހާމަކަން އެކުލެވިފައި ނުވާކަމަށް ތުހުމަތުވާތީ ކަމަށެވެ. އެ ތުހުމަތަކީ ހަގީގަތެއްނަމަ، ދިވެހި ސަރުކާރުން ގާނޫނުގެ ވެރިކަމާއި ފަނޑިޔާރުންގެ މިނިވަންކަމަށް އިޙުތިރާމު ކުރާކަމާމެދު ސުވާލު އުފެދޭނެކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެން ކަމުން އެ ބަޔާނުގައިވަނީ ރާއްޖޭގެ ބާ ކައުންސިލުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކުރެވެންދެން މި މައްސަލައިގައި ކުރިއަށް ނުދިއުމަށް، ދިވެހި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފައެވެ.
ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ލޯ އޭޝިއާ އަދި ކޮމަންވެލްތާއި އދ.ގެ ވަކީލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންޑިއާގެ ބާ އެސޯސިއޭޝަނުން ބުނީ އެ ޖަމިއްޔާތަކުން ނެރެފައިވާ ބަޔާންތަކަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
މަހާޒާއި އަޒްމިރަލްދާއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި ސުލޫކީ މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ހައްޔަރުކުރުމުން އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ. އެކަމަކު، އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ޖޭއެސްސީއަށް ދިން ބަޔާނުން ވެސް މަހާޒް، އެކަމާ ގުޅުވައި ގުޅުއްވީ އިސްމާއިލް ލަތީފް ދޫކޮށްލި ފަހުންކަން އެނގެއެވެ.
ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށެވެ.