ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބާއްވަމުންގެންދާ ހެލްތް ކޭމްޕް މިފަހަރު ދ. ކުޑަހުވަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އެ ހޮސްޕިޓަލުން އިއުލާންކޮށްފިއެވެ.
އެ ހޮސްޕިޓަލުން ބުނީ ކުރިއަސް އޮތް ހަފުތާ ބަންދުގައި ދ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޭމްޕަކީ ކުޑަހުވަދުއާއި އެ ރަށާ ކައިރި ރަށްތަކާއި ރިސޯޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މަތީ ފެންވަރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބާއްވާ ކޭމްޕެއް ކަމަށެވެ.
އެ ކޭމްޕްގައި ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް ބައިވެރިވާކަން ފާހަގަކޮށް އެ ހޮސްޕިޓަލުން ބުނީ ހެލްތް ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަށް ކޮންސަލްޓަންޓް ޑޮކްޓަރުން ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
• ޑރ. ޒާކިޔާ އަޙުމަދު - އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. އަލީ މުޒްނީ - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. މެގްނަސް އޮލޮފް އޮޑްކްވިސްޓް - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް، ޚާއްސަކޮށް ކޮނޑުހުޅާއި ކުޅިވަރުގެ އަނިޔާތައް
• ޑރ. ޗަންދްރަޝޭކަރު ރަވާލް - ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. މެހްމެޓް އޮޑަރ - ކުޑަކަމުދާ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. އަނޫ އަގްރަވާލް - ހަމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. އަރްޗަނާ ޝަރްމާ - ލޮލުގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. އުކްތަމް އަބްދުއްލައެވް - ޖެނެރަލް ސާޖަން
އެ ހޮސްޕިޓަލުން ވަނީ މިއީ މި އަހަރު ކުރިޔަށްގެންދާ ދެވަނަ ހެލްތު ކޭމްޕުކަން ފާހަގަކޮށްފައެވެ. އެގޮތުން މި އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ތ. ވޭމަންޑޫގައި ހެލްތު ކޭމްޕެއް ބާއްވައިފައެވެ.
އެ ހޮސްޕިޓަލުން މިދިޔަ އަހަރު ގއ. ވިލިނގިއްޔާއި ގދ. ތިނަދުއާއި ލ. ގަމުގައި ބޭއްވި ހެލްތު ކޭމްޕުތަކުގައި 1500 އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކައި ސިއްޙީ ޚިދުމަތް ހޯދާފައި ވާކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ކޭމްޕްތަކަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭކަން ވެސް ހޮސްޕިޓަލުން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.
ޓްރީ ޓޮޕުން ކުރިއަށްގެންދާ ހެލްތު ކޭމްޕްގައި ހިލޭ ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ދ. އަތޮޅު ހޮސްޕިޓަލުގެ ނަރުހުންނަށް ޓްރެއިނިންގް ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންހެނުންގެ ބަލިތަކާއި ދަރިމައިވުމާ ބެހޭ މަޢުލޫމާތު ސެޝަނެއް ޑރ. ޒާކިޔާ އަހްމަދު ކުރިޔަށް ގެންދަވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މި ހެލްތު ކޭމްޕް އިންތިޒާމުކޮށް ކުރިޔަށް ގެންދިއުމުގައި އަތޮޅު ހޮސްޕިޓަލާއި އަތޮޅު ކައުންސިލާއި ކުޑަހުވަދޫ ކައުންސިލްގެ އިތުރުން ކުޑަހުވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ދެމުން އަންނަ އެހީތެރިކަމަށް އެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަދި އެ ހެލްތް ކޭމްޕްގެ ވައިގެ ދަތުރުތައް އިންތިޒާމްކޮށްދިނުމުގައި މަންޓާ އެއާއިން ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ދޭ އެއްބާރުލުމަށް ވެސް ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ހެލްތު ކޭމްޕުތަކަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަން ފާހަގަކޮށް އެ ހޮސްޕިޓަލުން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުން ކަމަށެވެ.
މިފަދަ ހެލްތު ކޭމްޕްތައް ބޭއްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް. އަޅުގަނޑުމެންގެ މަގުޞަދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުން. މި ކޭމްޕްތަކުގެ ސަބަބުން އެ މަޤްޞަދު ޙާޞިލުކުރުމަށް އިތުރު ފިޔަވަޅެއް އެޅިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރްޖީ
އެ ހޮސްޕިޓަލުން ވަނީ ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ދ. އަތޮޅު ހޮސްޕިޓަލުގެ ނަންބަރު 6760087 އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެ ކަމަށް ބުނެފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ.