މި އަހަރު ޙައްޖަށް ދާ ބީއެމްއެލް ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1،750 ޑޮލަރުގެ ލިމިޓްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފައިވާކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.
މިއަދު މެންދުރުފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހައްޖުވެރިންނަށް މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ދެއްވަން ބީއެމްއެލްގައި އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.
އެއާއެކު ބީއެމްއެލުން ބުނީ އެ އިންތިޒާމު ހަމަޖައްސަން ނިންމައިފައިވާކަމަށެވެ. އޭރުން، ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1750 ޔޫއެސް ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރު ވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެ ކަމަށް ބުންޏެވެ.
އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ ޙައްޖު ވެރިންނަށް ވެސް މިހާރެކޭ އެއްގޮތަށް އެއާޕޯޓުން ދޫކުރާ 500 ޔޫއެސް ޑޮލަރު ބޭންކުން ވިއްކާނެ ކަމަށް ބުންޏެވެ.
ބީއެމްއެލުން ބުނީ ޙައްޖުވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން ޙައްޖުވެރިންގެ ލިސްޓު ބޭންކަށް ހުށަހެޅުމުން ބޭންކުން ކާޑު ލިމިޓް އިތުރުކޮށްދޭނެ ކަމަށެވެ.
އަދި ކާޑު ލިމިޓް ހަމަޖެހުމުން ބޭންކުން އެސްއެމްއެސްއެެއް ފޮނުވާނެ ކަމަށް ބުންޏެވެ.
ރައީސްގެ ޚާއްސަ އެންގުވުމަށް މި އަހަރުގެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށް ދިޔަ ހުރިހާ ބީއެމްއެލް ކަސްޓަމަރުންގެ ޑެބިޓް ކާޑަށް އާންމުކޮށް ލިބޭ އަދަދުގެ އިތުރަށް، 1،500 ޑޮލަރުގެ ލިމިޓެއް ބީއެމްއެލްއިން ދީފައިވެއެވެ.
ބީއެމްއެލުން ބުނީ އެ ފަހަރު އުމްރާވެރިންގެ ޑެބިޓް ކާޑަށް ބޭންކުން 1500 ޑޮލަރު ހަމަޖެއްސުމާއެކު، 1300 އުމްރާވެރިން ކާޑު މެދުވެރިކޮށް ގާތްގަނޑަކަށް 9000 މުއާމަލާތްކޮށްފައިވާ ކަމަށެވެ. އަދި މި މުއާމަލާތްތަކަށް ބޭންކުން ވަނީ އެއް މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް ވިއްކާފައި ކަމަށް ބޭންކުން ބުންޏެވެ.