އާސެނަލުން ފަހަތުން އަރައި ލިވަޕޫލް ހިފަހައްޓާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ޗެމްޕިއަން ލިވަޕޫލް މޮޅުވިޔަ ނުދީ ދެވަނައިގައި އޮތް އާސެނަލުން ހިފަހައްޓާލައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯއެވެ. އެ ލަނޑު ޖެހިތާ އެއް މިނެޓް ފަހުން ލިވަޕޫލްގެ ޑޮމިނިކް ސޮބޯޒްލައި ތަނަވަސްކޮށްދިން ފުރުސަތެއްގައި ލުއިޒް ޑިއާޒްވަނީ ލީޑު ފުޅަކޮށްދީފައެވެ. މި ވަގުތުކޮޅުގެ ތެރޭގައި އާސެނަލްގެ ވަރުގަދަ ކަމަށް ފާހަގަކުރެވިފައިވާ ޑިފެންސް ފެނުނީ ރޫޅިފައި އޮތް ތަނެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ފެނުނީ އާސެނަލުން ފެށުން ރަނގަޅުކުރި ތަނެވެ. ނަތީޖާއަކަށްވީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގަައި ގެބްރިއެލް މާޓިނެއްލީ ކާމިޔާބުކޮށްދިން ލަނޑުން ފަރަގު ކުޑަކުރުމެވެ. އަދި، 70 ވަނަ މިނެޓުގައި މިކެލް މެރީނޯ ކާމިޔާބުކޮށްދިން ލަނޑުން ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑާ އެކު މެޗުން އާސެނަލް މޮޅުވެދާނެ ކަމަށް ވެސް ހީވިއެވެ.

ނަމަވެސް، އެ ޓީމުން ކުރި މަސައްކަތަށް ހުރަސް އެޅުނީ މެރީނޯ ލަނޑު ޖެހިތާ ނުވަ މިނެޓް ފަހުން އޭނާއަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. މި ވަގުތުކޮޅުގެ ތެރޭގައި ލިވަޕޫލުން މެޗުން މޮޅުވާން މަސައްކަތްކުރި ނަމަވެސް އެ ޓީމަށް އާސެނަލްގެ ޑިފެންސް އިތުރަށް ފޫއަޅުވާލެވޭ ގޮތެއްނުވިއެވެ. މީގެ ތެރެއިން ވެސް ލިވަޕޫލްގެ އެންޑީ ރޮބަޓްސަންއަށް ލިބުނު ފުރުސަތު ފާހަގަވިއެވެ.

މެޗު އެއްވަރުވުމުން ލިވަޕޫލަށް މާ ބޮޑު އަސަރެއްނުކުރި ނަމަވެސް އާސެނަލުން އަންނަ ސީޒަންގެ ޗެމްޕިއަންސް ލިގުން ޖާގައެއް ހޯދަން ކުރާ މަސައްކަތުގައި މިވަނީ ކުރިއަށް އިތުރު އެއް ފިޔަވަޅު އަޅާފައެވެ. އާސެނަލްއަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރަން އިތުރަށް ބޭނުންވަނީ ބާކީ އޮތް ދެ މެޗުން ދެ ޕޮއިންޓެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް މިހާރު އޮތީ 83 ޕޮއިންޓްގައެވެ. އަދި، އާސެނަލް އޮތީ 68 ޕޮއިންޓްގައެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ޓީމެއް ލީގަށް ލިބޭ ފުރުސަތުތަކުގެ ދަށުން ވާދަކުރުމުގެ ފުރުސަތު ލިބިފައިވާއިރު ޖާގައެއް ކަށަވަރުކުރެވިފައިވަނީ ޗެމްޕިއަން ލިވަޕޫލަށް އެކަންޏެވެ. އަދި، އެނެއް ހަތަރު ޖާގައަށް އަންނަނި ހަ ޓީމަކުން ވާދަކުރަމުންނެވެ. މި ހަ ޓީމަށް ވެސް ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާ ދާގޮތަކުން ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

comment ކޮމެންޓް