ސަރުކާރުން މިފަހުން އިފުތިތާހުކުރި ސަރުކާރުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް، ރާއްޖެ ޑިޖިޓަލްކުރުމުގެ ތަސައްވުރު "މޯލްޑިވްސް 2.0" ތެރެއިން އުޅެނީ ކޮރަޕްޝަން ޑިޖިޓަލް ކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ތުހުމަތުކުރައްވައިފިއެވެ.
"މޯލްޑިވްސް 2.0"އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގައުމީ ތަސައްވުރެވެ. އެއީ ސަރުކާރުން ޚިދުމަތްކުރާ ގޮތާއި އިގްތިޞާދު ކުރިއަރަމުންދާ ގޮތާއި އާންމު ޚިދުމަތާއި ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެއް ކަމަށް ސަރުކާރުން ބުނެއެވެ.
ޔާމީންގެ ޕީއެންއެފުން ސިލްސިލާކޮށް ކޮންމެ ހަފުތާއަކު ބާއްވާ ޖަލްސާތަކުގެ ތެރެއިން މިރޭގެ ޖަލްސާގައި އެ މަނިކުފާނު ވަނީ އެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ރާއްޖޭގައި މިހާރު ޑިޖިޓަލައިޒް ކުރަން ޖެހޭ ކަމެއް ނެތް ކަން ފާހަގަކުރައްވައި، ޔާމީން ވަނީ، ރައީސް މުއިއްޒު އުޅުއްވަނީ އެތައް ޒަމާނެއް ވަންދެން ކޮށްފައި ހުރި މަސައްކަތުގެ ކްރެޑިޓް ނަންގަވަން ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި އެކި ކަހަލަ ސޮފްޓްވެއާ ޑިވެލޮޕްކުރާ ފެންވަރުގެ މީހުން އެބަ ތިބި ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް، ރައީސް އުޅުއްވަނީ އެ މަސައްކަތް ބޭރުގެ ކުންފުންޏަކަށް ދީގެން އެކަމަށް ގިނަ އަދަދެއްގެ ފައިސާ ނަންގަވަން ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

މޯލްޑިވްސް 2.0 ސަމިޓު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިން: ޔާމީން ވިދާޅުވީ، އުޅެނީ މޯލްޑިވްސް 2.0 ގެ ތެރެއިން ސޮފްޓެވެއާތައް އައުޓްސޯސްކޮށް، ޑިޖިޓަލައިޒްޑް ކޮރަޕްޝަނެއް އުފައްދަން ކަމަށް --- ފޮޓޯ/ ރައީސް އޮފީސް
އެކި ނަންނަމުގައި މި ކުރަން އުޅޭ ކަމަކީ ސޮފްޓްވެއާތައް ޑިވެލޮޕްކޮށްފައި، އޭތި އައުޓްސޯސް ކުރަން މިއުޅެނީ. ރާއްޖޭގައި ކުރެވެން އެބަހުރި އެކަން. އާކަމެއް ކުރާކަށް ނޫން. މިއުޅެނީ ކަމަކަށް މެޑަލް ޖަހަން. އެކި ކަންކަމަށް ބޭނުންވާ ސޮފްޓްވެއާތައް އައުޓްސޯސްކޮށްފައި ކޮންމެވެސް ކަހަލަ ޑިޖިޓަލައިޒްޑް ކޮރަޕްޝަނެއް އަންނަން މިއުޅެނީ
އެމަނިކުފާނު ވިދާޅުވީ، ޑިޖިޓަލައިޒް ނުވެގެން އުޅެނީ ކުޑަ ކަމެއް ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު ވަނީ، އެ މަޝްރޫއުގެ މަސައްކަތް ނިމުމުން ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ވަޒީފާ އަދައިކުރާނީ އެ މުވައްޒަފަކު ހުރި ތަނެއްގައި ހުރެ، 'ވޯކް ފްރޮމް ހޯމް' އުސޫލުން ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ޔާމީން އިޝާރާތް ކުރެއްވިއެވެ.
ޔާމީން ވިދާޅުވީ، އެ ބަދަލު ބޭނުންނުވާ ބައެއް ނަމަ ޖެހޭނީ މަގާމުން ވަކިވާން ކަމަށެވެ.
މީގެ އިތުރުން، ކޮރަޕްޝަންގެ މައްސަލަތައް ސަރުކާރުން ނުބަލަނީ ޑިޖިޓަލައިޒް ނުވެންގެންތޯ ޔާމީން ސުވާލުއުފެއްދެވިއެވެ.
އޭސީސީއަށް ވަންނަ އެއްވެސް މައްސަލައެއް ނުބަލާ. އެތަނުގައި މަދެއް ނުވާނެ ހާޑްވެއާއެއް. އައިޓީ ކުދިންނެއް މަދެއް ނުވާނެ. މިހާރު އޭސީސީއަށް ވަންނަ މައްސަލައަށް މުއްދަތު ކަނޑައެޅެން ޖެހޭ
ޔާމީން ވަނީ، ޑިޖިޓަލައިޒް ކުރިއަސް އެސްއޯއީތަކުގައި ކުރާ ވައްކަންތަކަށް ބަދަލު ނާންނާނެކަން ފާހަގަކުރައްވާފައެވެ.
މޯލްޑިވްސް 2.0ގެ ސަމިޓު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހޯމްލޭންޑް ސެކިއުރެޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، މޯލްޑިވްސް 2.0 އަކީ މުޅި ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން ދައުލަތުގެ ތިން ބާރު ވެސް ފުރިހަމައަށް ބައިވާގޮތަށް ފަރުމާކޮށްފައިވާ ސިޔާސަތެއް ކަމަށެވެ.
އިހުސާން ވިދާޅުވީ މި ސަމިޓުގެ މުޅި މަސައްކަތް ކުރިއަށްދާނީ ރައީސް ޗެއާކުރައްވާ، ދާއިރާގެ މާހިރުން ހިމެނޭ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއްގެ ބެލުމުގެ ދަށުން ކަމަށެވެ.