އެމްބާޕޭގެ ހެޓްރިކާއެކު ވެސް ބާސާވީ މޮޅު

ބާސާއަށް ދެ ލަނޑު ކާމިޔާބު ކޮށްދިނީ ރަފީނިއާ -- ފޮޓޯ/ ގެޓީ

އެފްސީ ބާސެލޯނާ އަތުން މި ސީޒަންގައި ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

އެލް ކްލަސިކޯގެ ނަމުން މަޝްހޫރުވެފައިވާ މިދެޓީމުގެ ހަތަރު ވަނަ ކުރިމަތިލުމަކަށްވީ ސްޕެނިޝް ލަލީގާގައި މިރޭ ފެނުނު ކުރިމަތިލުމެވެ.

ބާސާގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ހަތަރު ލަނޑު ތިން ލަނޑުންނެވެ. މިމެޗުގައި ބާސާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވާއިރު މިމެޗަށް އެޓީމުން ނެރެފައިވަނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އިންޓާ އަތުން ބަލިވި މެޗުގައި ފެށި 11 ކުޅުންތެރިންނާއެކުއެވެ. ނަމަވެސް މިމެޗުގެ ފެށުން ދިޔައީ ބާސާއިން ހީކުރި ގޮތާ ޚިލާފަށް ރެއާލްގެ ފޯރިގަދަ ފެށުމަކާއެކުއެވެ.

މެޗުގެ ފަސް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެއާލްއިން ވަނީ މެޗުގެ ލީޑު ނަގައި ބާސާ ސިއްސުވާލައިފައެވެ. މިޕެނަލްޓީ ކާމިޔާބު ކޮށްދީ ރެއާލްއަށް ލީޑު ނަގައިދިނީ ކިލިއަން އެމްބާޕޭއެވެ. އަދި އެމްބާޕޭ ވަނީ މެޗުގެ 14 ވަނަ މިނެޓުގައި އޭނާ މިމެޗުގައި ކާމިޔާބު ކުރި ދެވަނަ ލަނޑާއެކު މެޗުގައި ރެއާލްއަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ. އަދި މިލަނޑު ޖެހުމަށްފަހު އެމްބާޕޭ އާއި ރެއާލްގެ ކުޅުންތެރިން އުފާފާޅު ކުރިއިރު މިމެޗުގެ ކުރިއަށް އޮތް ބައިގައި ވާނެގޮތަކާ މެދު ވިސްނާލެވިފައެއް ނުވިއެވެ.

މެޗުގައި އެމްބާޕޭ ވަނީ ހެޓްރިކް ހަދައިފައި -- ފޮޓޯ/ އޭޕީ

މިމެޗުގައި ވެސް ބާސާގެ ފުރަތަމަ ލަނޑު ޖަހައިދީ އެޓީމަށް ހިތްވަރު އާކޮށްދިނީ، އިންޓާ މެޗުގައިވެސް ދެ ލަނޑުން ފަހަތުގައި އޮއްވައި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން އެރިކް ގާސިއާއެވެ. އަދި ބާސާއިން ހިތްވަރު އެލުވާނުލާ މިމެޗުން ނަތީޖާއެއް ނެރުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މެޗުގެ 32 ވަނަ މިނެޓުގައި ލަމީން ޔަމާލް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.

އެ ލަނޑު ކާމިޔާބު ކުރިތާ ދެ މިނެޓް ފަހުން މިމެޗުން ބާސާއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބު ކޮށްދިނީ ރަފީނިއާއެވެ. މިވަގުތުކޮޅުގެ ތެރޭގައި ރެއާލް ފެނުނީ ބާސާގެ ހަމަލާތައް ދިފާއު ކުރުމުގައި ގޮތް ހުސްވެފައިތިބި ތަނެވެ. މިމެޗުގައި ބާސާއިން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށް އެޓީމަށް ދެ ލަނޑުގެ ލީޑެއް ނަގައިދިނީ ތިންވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިން ރަފީނިއާއެވެ.

މިމެޗުގެ 70 ވަނަ މިނެޓުގައި އެމްބާޕޭވަނީ އޭނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް ހެޓްރިކެއް ފުރިހަމަ ކޮށްފައެވެ. މިލަނޑާއެކު އެމްބާޕޭ މިވަނީ މިސީޒަންގައި ހުރިހާ މުބާރާތަކަށް ބަލާއިރު ރެއާލްއަށް 39 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިއާއެކު އެމްބާޕޭ ވެފައިވަނީ ރެއާލްއަށް ފުރަތަމަ ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. ހަމައެއާއެކު މެޗުގެ ފަހު 20 މިނެޓްގެ ފޯރިވެސް މިލަނޑާއެކު ގަދަވިއެވެ. ނަމަވެސް މިއާއެކުވެސް ރެއާލްއަށް ބާސާ އަތުން ޖެހިޖެހިގެން ހަތަރު ވަނަ ބަލިވުމުން ސަލާމަތް ވާގޮތެއް ނުވިއެވެ. މިއީ ޖެހިޖެހިގެން ހަތަރު އެލް ކްލަސިކޯގައި ބާސާއިން ރެއާލް ބަލިކުރި ދެވަނަ ފަހަރެވެ.

މިކާމިޔާބީއާއެކު ބާސާ މިވަނީ ލަލީގާ ކާމިޔާބު ކުރުމާ އެއް މެޗަށް ގާތްވެލާފައެވެ. އެއީ މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ އެސްޕަންޔޯލް އާ ބާސާ ބައްދަލުކުރާ މެޗު އެޓީމުން ކާމިޔާބު ކުރެވިއްޖެނަމަ ލަލީގާގެ ތަށި ބާސާއަށް ކާމިޔާބު ކުރެވޭނެއެވެ.

އޭގެ ކުރިން މިއަންނަ ބުދަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އާއި ރެއާލް މަޔޯކާ ބައްދަލުކުރާ މެޗުން ރެއާލް ބަލިވެއްޖެ ނަމަވެސް ބާސާއަށް ލީގު ކާމިޔާބު ކުރެވޭނެއެވެ. މިރޭގެ ކާމިޔާބީ އާއެކު ބާސާ މިހާރު އުޅެނީ 35 މެޗުން ލިބިފައިވާ 82 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އަދި ރެއާލް އުޅެނީ 75 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މިސީޒަންގައި ބާސާ ކައިރީގައި ރެއާލް އިން ރަނގަޅު ކުޅުމެއް ބައެއް މެޗުތަކުގައި ދައްކާފައިވީ ނަމަވެސް ބާސާގެ މައްޗަށް ކުރި ހޯދޭ ގޮތެއްވަނީ ނުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު