ޔޫރޮޕާ ލީގުގެ ފައިނަލުން ޖާގަ ހޯދުމަށް ފަހު ކުޅުނު ފުރަތަމަ ލީގު މެޗުން މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕާ ބަލިވެއްޖެއެވެ.
ދެ ޓީމު ވެސް ބަލިވެފައިވަނީ މި ހަފުތާގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗުންނެވެ. ޔުނައިޓެޑާއި ވެސްޓް ހާމް އަތުން ޔުނައިޓެޑް 2-0އިންވީ ބައްޔެވެ. މެޗުގައި ޔުނައިޓެޑަށް ވަނީ އެންމެ ފަހުން ޔުރޮޕާ ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ދެއްކި ކުޅުން ތަކުރާރުކުރެވޭގޮތް ނުވެފައެވެ. ނަތީޖާއަކަށްވީ ވެސްޓް ހާމްއިން އެކަމުގެ ފައިދާ ނެގުމެވެ.
ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތޯމަސް ސޫޗެކެވެ. ޖެރޮޑް ބޯވެންވަނީ 57 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑާ އެކު ވެސްޓް ހާމްއަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ. ދެވަނަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ދެތިން ހަމަލާ ފެނުމާ އެކު މެޗުން އެ ޓީމު ނަތީޖާއެއް ނެރެދާނެކަމަށް ހީވި ނަމަވެސް ވެސްޓް ހާމްގެ ޑިފެންސް އަދި ޚާއްސަކޮށް ކީޕަރު އަލްފަންސޯ އަރެއޯލާ ފޫއަޅުވާލެވޭ ގޮތެއްނުވިއެވެ.
މި ކާމިޔާބީއާ އެކު ވެސްޓް ހާމްއިން ވަނީ ޔުނައިޓެޑް ފަހަތަށް ޖައްސައިލާ 40 ޕޮއިންޓާ އެކު 15 ވަނައަށް ކުރިއަށް ޖެހިލާފައެވެ. މެޗުން ބަލިވުމުން ޔުނައިޓެޑް މިވަނީ ލީގުގައި މެޗަކުން މޮޅުނުވެ، ހަތްވަނަ މެޗު ފުރިހަމަކޮށްފައެވެ. މިއީ އެ ޓީމުގެ ކުރީގެ މިފަދަ ރިކޯޑެވެ. ކުރިން 1992 ވަނަ އަހަރު ޖެހިޖެހިގެން ހަތް މެޗުން މޮޅުނުވެ ދިގުދެމިގެން ދިޔަތަން ފެނުނުއިރު އެ ފަހަރު ފަސް މެޗުން އެއްވަރުވިއެވެ. ނަމަވެސް، މި ފަހަރު ފަސް މެޗުން ވަނީ ބަލިވެފައެވެ.
މި އަހަރުގެ 26 ވަނަ ދުވަހުގެ ފަހުން ލީގުގައި ޔުނައިޓެޑަށް ކާމިޔާބީ ހޯދިފައިވަނީ ރެލިގޭޓްވެފައިވާ އިޕްސްވިޗް ޓައުންއާއި ލެސްޓާ ސިޓީ އަތުންނެވެ. ޔުނައިޓެޑް މިހާރު އޮތީ 39 ޕޮއިންޓާ އެކު 16 ވަނައިގައެވެ.
ޔުނައިޓެޑެކޭ އެއްގޮތަށް ސްޕާސް ވެސް އެ ޓީމު މި ހަފުތާގައި ލީގުގައި ކްރިސްޓަލް ޕެލަސްއާ ބައްދަލުކުރި މެޗުން ބަލިވެފައިވަނީ 2-0 އިންނެވެ. މެޗުގައި ޕެލަސްއިން ކާމިޔާބުކުރި ދެ ލަނޑު މެޗުގެ 45 ވަނަ މިނެޓާއި 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ އެބެރެޗީ އެޒޭއެވެ.
މި ނާކާމިޔާބީއާ އެކު ސްޕާސް އޮތީ 38 ޕޮއިންޓާ އެކު 17 ވަނައިގައެވެ. ޕެލަސް އޮތީ 49 ޕޮއިންޓާ އެކު 12 ވަނައިގައެވެ. ޔުނައިޓެޑައި ސްޕާސްގެ މިހާރު ހުރިހާ ވެސް އަމާޒެއް ހިފާފައިވަނީ ޔޫރޮޕާ ލީގުގެ ފައިނަލް މެޗަށެވެ. އެއީ، އެ މެޗުން މޮޅުވާ ޓީމަކަށް އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގައެއް ލިބޭނެތީއެވެ.