ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ 9،000އަށްވުރެ ގިނަ ކުދިން 2022ވަނަ އަހަރު ސްކޫލަށް ނުދާ ކަމަށް ބުނެ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވަނީ ގޯސް މައުލޫމާތެއް ކަމަށާއި، ރަނގަޅު އަދަދަކީ 229 ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ އިއްޔެ ފާހަގަކުރި ކުޑަކުދިންގެ ދުވަހާ ގުޅިގެން، އެ ކުދިންނާ ގުޅޭ ތަފާސްހިސާބެއް ހިއްސާކޮށްފައެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2022ވަނަ އަހަރު 9،000އަށްވުރެ ގިނަ ކުޑަކުދިން ސްކޫލަށް ނުދެއެވެ.
މި ކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ސްޓެޓްސް ބިއުރޯގެ މި ތަފާސްހިސާބު އެކުލަވާލާފައިވާ ގޮތް ގޯސް ކަމަށެވެ. އެއީ އެ މައުލޫމާތު އެކުލަވައިލިއިރު، އޭގެ ތެރޭގައި ދެ އަހަރާއި ތިން އަހަރާ ދެމެދުގެ ރަސްމީ ތައުލީމު އުނގެނުން މަޖުބޫރު ނޫން އުމުރުގެ ކުދިންގެ އަދަދު ވެސް ހިމަނާފައިވާތީ ކަމަށް ވިދާޅުވިއެވެ.ެ
"ވީމާ، ރަސްމީ ތައުލީމު އުނގެނުން މަޖުބޫރު ނޫން އެތައް ހާސް ދަރިވަރުން ހިމަނައިގެން، ނުވަވަރަކަށް ހާސް ދަރިވަރުން ސްކޫލަށް ނުދާކަމަށް ދޭހަވާ ގޮތަކަށް ތަފާސްހިސާބު ނެރުމަކީ ގޯހެކެވެ," މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެކިއެކި ގޮންޖެހުންތަކުގެ ސަބަބުން ސްކޫލަށް ނުދާ ދަރިވަރުން ފާހަގަކޮށް، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަބަދު ވެސް ފިޔަވަޅު އަޅައެވެ.
ސްޓެޓްސް ބިއުރޯއިން މީގެ ކުރިން ނެރެފައިވާ ރިޕޯޓެއްގައި، 2022ވަނަ އަހަރު ގަވާއިދުން ސްކޫލަށް ނުދާކަމަށް ފާހަގަ ކޮށްފައިވަނީ 229 ކުދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ މާލެއިން 85 ދަރިވަރުންނާއި އަދި އަތޮޅުތެރޭގެ އެކި ރަށްތަކުން 144އެވެ.
ޝަފީއު އިތުރަށް ވިދާޅުވީ އޭނާ މިނިސްޓްރީއާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ގިނަ މަސައްކަތް ކުރައްވަމުންދާ އެއް ކަމަކީ އޯލެވެލް ނިންމާ ދަރުވަރުން މަތީ ސާނަވީގައި ބައިވެރިކުރެވޭ މިންވަރު އިތުރު ކުރުން ކަމަށެވެ.
މިގޮތުން މިދިޔަ އަހަރު ގްރޭޑް 10 ނިންމި ދަރިވަރުން މަތީސާނަވީ މަރުހަލާގައި އިތުރު ކުރުމަށް 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއް ވަނީ ފަށައިފައެވެ. އެ ޕްރޮގްރާމުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މި އަހަރު އެ ޕްރޮގްރާމް ރަސްމީކޮށް، އޭލެވެލް ކިޔަވައިދޭ ހުރިހައި ސްކޫލެއްގައި ތަންފީޒު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޒަމާނުއްސުރު މަތީސާނަވީ މަރުހަލާއިން ދަރިވަރުން ބާކީކޮށް މަގުމަތިކުރަމުން އައި ސަގާފަތް ނައްތައިލާނެ ކަމަށެވެ.